މިއީ ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިޞްލާހުތަކާއެކު، އެ ނިޒާމް ހިންގުމަށް ހުރި ދަތިތައް އޮޅުންފިލުވުމަށް ބޭއްވެވި އައި.އާރް.އައި ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވީ، މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުއަސާސީއަކީ، ރާއްޖެ ލާމަރުކަޒު ކުރުމަށް ވަރަށް ބޮޑަށް މަގު ކޮށައިދިން ޤާނޫނުއަސާސީއެއްކަމަށެެވެ. ނަމަވެސް، ޙަޤީޤީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ބާރުވެރިވެގެން ދިޔައީ، ލާމަރުކަޒީ ޤާނޫނަށް 2019 ވަނަ އަހަރު މި ސަރުކާރުން ހުށަހެޅި އިސްލާޙުތަކުންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލުތަކަކީ، ރާއްޖޭގެ ތަރައްޤީއަށް އެޅުނު އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް ދެކެވަޑައިގަންނަވާކަމަށާއި، ދިވެހިރާއްޖެއަކީ އުފެދުމުގައިވެސް، ލާމަރުކަޒީ ސިފަތަކާއެކު އުފެދިފައި އޮތް ޖަޒީރާ ރާއްޖެއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާލުވީ، މާސިންގާ ހިންދު ކަނޑަށް ފެތުރިފައި އޮތް، މި ރަށްތައް ތަރައްޤީ ކުރެވޭނީ، މަރުކަޒީ އުޞޫލުތައް ދޫކޮށްގެންކަމަށެވެ.
ކުރިއަށް އޮތް ލޯކަލް އިންތިޚާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިޞްލާޙީ ބަދަލުތައް ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު. މި އިންތިޚާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، އިންތިޚާބު ކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު، އެތައް ގުނައަކުން އިތުރުވެގެންދިޔުން. އަޅުގަނޑު ދެކޭގޮތުގައި، މިއީ ރާއްޖޭގެ ތަރައްޤީއަށްވެސް އަދި ސިޔާސީ މަސްރަޙަށްވެސް އަންނާނެ ހެޔޮ އަދި ބޮޑު ބަދަލެއް.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް ވިދާޅުވީ، އެ ބަދަލުތަކުގެ ހެޔޮ އަސަރު، ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެކަމަށެވެ. ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިޔުމާއެކު، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، ޤައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެކަންރައީސްފާހަގަކުރެއްވިއެވެ.
އެންމެފަހުގެ ރިޔާސީ އިންތިޚާބަށް އަޅުގަނޑުމެން ކެމްޕެއިން ކުރަމުން ދިޔައިރު، ޤާނޫނުއަސާސީން ކަނޑައަޅައިދީފައި އޮތް ލާމަރުކަޒީ ނިޒާމު އޮތީ، އޭރުގެ ސަރުކާރުން މުޅިން ގަޑުބަޑުކޮށްފައި. ޤާނޫނު ބަދަލުކޮށް، ކައުންސިލްތަކުގެ ބާރުތައް އޮތީ، ސަރުކާރުގެ އެކިއެކި ވުޒާރާތަކަށް ޖަމާކޮށްފައި. ކައުންސިލަރުންނަށް އެއްވެސް އިޚްތިޔާރެއް، ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ހުރީ މިނިސްޓަރުގެ ބާރުގެ ދަށަށް ބަދަލުކޮށްފައި.ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލްތަކަށް ޖެއްސުންކޮށް ދަތިކުރުން އޮތީ، ސަރުކާރުގެ އާދައަކަށް ހަދާފައި. ވަކިން ޚާއްޞަކޮށް، ސިޓީ ކައުންސިލްތަކުގެ އެއްވެސް ބާރެއް ނެތްގޮތަށް، ހުރިހާ ކަމެއް ސަރުކާރުގެ ބާރުގެ ދަށަށް ބަދަލުކުރި.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ނަމަވެސް މިއަދު ރާއްޖެ މިހާރު މިއޮތީ އެ ޙާލަތަކު ނޫންކަމަށާއި، މިއީ ރައްޔިތުންގެ ސަރުކާރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ، ރައްޔިތުން ބާރުވެރިކޮށްގެން، ރައްޔިތުންގެ ބައިވެރިވުމާއެކު، ލާމަރުކަޒީ ނިޒާމު ހިންގަން ޖާގަދޭނެ ސަރުކާރެއްްކަމަށާއި، މިއަދު ކައުންސިލަރުންނަށް ޤާނޫނީ ބާރު ލިބިއްޖެކަަމށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށުގެ އިޚްތިޞާޞް ކަނޑައަޅައިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅިވިއެވެ.
ރަށްރަށުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ، ރަށު ކައުންސިލް. އެ ވަސީލަތްތަކުން ހޯދާ އާމްދަނީ ލިބޭނީ އެ ރަށަކަށް. މިއީ ދިވެހި ތާރީޚުގައިވެސް، ރަށުގެ މިލްކުވެރިކަން ރަށުގެ ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރުކަން، އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން. އަތޮޅު ކައުންސިލްތަކުގެ ދައުރު އެތައް ގޮތަކުން ފުޅާވެ، އަތޮޅު ތަރައްޤީކޮށް، މުޅި އަތޮޅަށް ޚިދުމަތް ކުރެވޭނެ ގޮތަށް، ޒިންމާތަކާއި ވާޖިބުތައް، އަތޮޅު ކައުންސިލްތަކާ ޙަވާލުކުރެވިއްޖެ. ދެން އޮތީ މަސައްކަތް ކުރުން. މި ޤާނޫނުން ލިބިދޭ ބާރުތަކާއި ވަސީލަތްތަކާއެކު، ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްޤީއަށް މުހިއްމު މަސައްކަތްތައް ކުރުން. އެކަމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން ސަރުކާރުން ދޭނެ.
– ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ރައީސް ވިދާޅުވީ، ކައުންސިލްތަކުގެ މަސައްކަތްތައް އޮންނަނީ، މަރުކަޒީ ސަރުކާރުގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިފައިކަމަށެވެ. އެހެންކަމުން، ކައުންސިލްތަކާ މަތިކޮށްފައިވާ ޤާނޫނީ ޒިންމާތައް، އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު ހިންގުމުގައި، ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ޚިދުމަތްތައް ދިނުމުގައި، ލާމަރުކަޒީ އުޞޫލަށް ބަދަލުވާންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާލުވިއެވެ.
ކޮމެންޓު ފޮނުވާ