ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ، ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި، ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ ރައީސްއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސްއަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގަންނަވަމުންނެވެ.
ޕާކިސްތާނުގެ ރައީސް ޑރ. ޢާރިފު ޢަލްވީއާއި އެ ޤައުމުގެ ދިފާޢީ ވަޒީރު ޕަރުވޭޒު ޚައްތަކަށް ކޯވިޑް-19 ޖެހުނުކަން ހާމަކުރެއްވީ އިއްޔެއެވެ. ޕާކިސްތާނުގެ ރައީސަށް ކޯވިޑް-19 ޖެހިފައިވަނީ މީގެ 10 ވަރަކަށް ދުވަސްކުރިން އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ޚާނަށްވެސް ކޯވިޑް-19 ޖެހި އަމިއްލައަށް އެކަހެރިވެވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. މިއީ ޤައުމެއްގެ ރައީސަކާއި ބޮޑުވަޒީރަކަށް އެއް ދުވަސްވަރެއްގައި ކޯވިޑް-19 ޖެހުނު ފުރަތަމަ ފަހެރެވެ.
ނިޔޭގެ ގިނަ ޢަދަދެއްގެ އިސްވެރިންނަށް މީގެ ކުރިންވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންއާއި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަންޕު ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓު ފޮނުވާ