ކަނޑޫދޫ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓެއްގެ ކެނޑިޑެންސީ ސުޕްރީމް ކޯޓުން ބާޠިލްކޮށްފި

ކަނޑޫދޫ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓެއްގެ ކެނޑިޑެންސީ ސުޕްރީމް ކޯޓުން ބާޠިލްކޮށްފި

Author
މުޙައްމަދު ޖިމީ
30 މާރޗް 2021 12:55
0

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ތ.ކަނޑޫދޫ ކައުންސިލްގެ ގޮނޑިއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާޠިލްކޮށްފިއެވެ. ސުޕްރީމް ކޯޓުން ބާޠިލްކޮށްފައިވަނީ، ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ވާދަ ކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑެސީއެވެ.

ސުޕްރީމް ކޯޓްގެ މި ނިންމުމާއެކު ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން (ތ.ކަނޑޫދޫ/ ރީހުއްސަބާ) އިންތިހާބުވީކަމަށް ކަނޑައެޅުނީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ޕީޕީއެމްގެ ކެނޑިޑޭޓް ޙަސަން މޫސާގެ ކެނޑިޑެންސީ ބާޠިލްކުރީއ ޭނާގެ ސާބިތު ދަރަންޏެއް އޮވެގެންނެވެ.

އޭނާގެ ސާބިތު ދަރަންޏެއް އޮތުމުން މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުންވެސް އޭނާގެ ކެނޑިޑެންސީ ބާތިލްކުރިއެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެނޑިޑެންސީ ޤަބޫލުކޮށް ލިޔުން ދީފައިވާކަމަށް ބުނެ އޭނާގެ ފަރާތުން ކޯޓަށް މައްސަލަ ހުށައެޅިއެވެ.

ހަސަން މޫސާއަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު ފުރިހަމަވާ ފަރާތެއް ނޫންކަމަށް އީސީން ކަނޑައަޅަފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އީސީން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ، އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތު، ތ. ކަނޑޫދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވާ ކެނޑިޑޭޓް ހަސަން މޫސާގެ ކިބައިގައި ފުރިހަމަނުވާކަން، އެކޮމިޝަނަށް ސާބިތުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާގޮތަށް 48 ގަޑިއިރުގެ ތެރޭގައި ހަސަން މޫސާގެ ކެނޑިޑެންސީ ގަބޫލުކޮށް އޭނާއަށް ކުރިން ލިޔުން ދިނީ، ޑީޖޭއޭ އިން ފޮނުވި އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށް އޮތުމުން ކަމަށެވެ. ނަމަވެސް ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލް ކުރީ، ޑީޖޭއޭ އިން ފަހުން ފޮނުވި ރިޕޯޓެއްގައި އޭނާގެ ދަރަނީގެ ކުށުގެ ރެކޯޑު އޮތް ކަމަށް ހިމެނުމުން ކަމަށްބުނެފައިވެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.