ހުރިހާ ފުލުހުންނަކީވެސް ފުލުހުންގެ އައު ގާނޫނަށް އަހުލުވެރި، ގާނޫނުގައި ބުނާ ކަންކަން ރަނގަޅަށް ފުރިހަމައަށް އެނގޭބަޔަކަށް ވުމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރ މިކަމަށް އިލްތިމާސްކުރެއްވީ، މާލެ ސިޓީ ވެސްޓު ޕާކު ހިމެނޭ ސަރަހައްދުގައި ގާއިމު ކޮށްފައިވާ މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، އިންސާނީ މުޖުތަމައެއްގެ ތެރޭގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް، ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެބައެއްގެ މެދުގައި އުފެދިފައި އޮންނަ މުއައްސަސާއަކީ އަބަދުވެސް އެންމެ ލޮބުވެތި އެންމެ ޝަރަފުވެރި، ގަދަރާއި އިހުތިރާމް ލިބިގެންވާ މުއައްސަސާއެއްކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އެޒިންމާ ފުލުހުން އަދާކުރަމުންދާތާ 88 އަހަރު ވެގެންދާއިރު، މި ހިދުމަތް އިތުރަށް ފުޅާކޮށް ތަރައްގީކޮށް ހަރުދަނާކުރުމަށް މަސައްކަތް ކުރަމުން އައިސް، މިއަހަރު މި ބައްދަލުކުރީ އުފާވެރި މުނާސަބަތު ތަކާއެކުކަމަށްވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ ހިދުމަތުގެ ގާނޫނު އަލަށް ވުޖޫދުކުރެވި އަމަލުކުރެވިގެންދިއުމަކީ ފުލުހުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމެއްކަމަށާއި ފުލުހުންގެ މަސައްކަތަށް މަގުދައްކައިދޭ ފުލުހުންގެ ދުރު، ދިގު ރާސްތާއަށް އަލިކޮށްދޭ ބައްތިއެއްކަމަށް ވިދާޅުވިއެވެ.

ހުރިހާ ފުލުހުންނަކީ ފުލުހުންގެ އައު ގާނޫނަށް އަހުލުވެރި، ގާނޫނުގައި ބުނާ ކަންކަނަށް ރަނގަޅަށް ފުރިހަމައަށް އެނގޭބަޔަކަށް ވުމަށް އިލްތިމާސްކުރައްވައި، އައު ގާނޫނުގެ ދަށުން ގިނަ ގަވާއިދުތަކެއް ހެދިގެންދާނެކަމަށާ މިއީ ފުލުހުންގެ ހިދުމަތް ފުރިހަމައަށް ބައްޓަންކޮށްދީ ސަފުތައް ތަރުތީބުކޮށްދީ މަސައްކަތުގެ ރާސްތާ ކަނޑައަޅައި ދޭނެ މަސައްކަތަކަށް ވެގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ބިނާކޮށް ދެވޭ ހިދުމަތް ވެގެންދާނީ ދިވެހިން އުންމީދުކުރާ، ދިވެހިން ބޭނުންވާ، ދިވެހިން އެބަޔަކަށްޓަކައި ފަހުރުވެރިވާ ފުލުހުންގެ މުއައްސަސާއެއް ގާއިމު ކުރުމުގެ މަސައްކަތަކަށްކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ހިދުމަތެއް ދިނުމަށްޓަކައި ނުވަތަ ޒިންމާއެއް އަދާކުރުމަށްޓަކައި ދެ ސިފައެއް ލިބިގަންނަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށާއި އެއީ އެމަސައްކަތެއް ކުރުމަށްޓަކައި ކޮންމެހެން ލިބިގަންނަންޖެހޭ ގާބިލުކަމާއި ހުނަރު ލިބިގަތުމާއެކު އެ މަސައްކަތުގައި އިހުލާސްތެރިކަމުގެ ސިފަ ވަރަށް ފުރިހަމަގޮތުގައި އެމީހެއްގެ ކިބައިގައި އަށަގަންނުވަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ގާބިލުކަމާއި އިހުލާސްތެރިކަން އެމީހެއްގެ ކިބައިގައި އަށަގެންނެވިއްޖެނަމަ އެމީހަކު ވެގެންދާނީ މަސައްކަތުގައި ނަމޫނާ އަކަށްކަން ފާހަގަކުރައްވައި، ކޮންމެ ފުލުހަކީ މިގާނޫނާއި ގާނޫނުގެ ދަށުގެން ހެދޭ ގަވާއިދުތަކާ އެކުގައި ނަމޫނާއަކަށް ވެއްޖެނަމަ، މުއައްސަސާއަށްޓަކައި އެންމެންވެސް ފަހުރުވެރިވެ އުފާކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ސެންޓްރަލް ޕޮލިސިންގ ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ އައު ގާނޫނުގެ ދަށުން ފުލުހުންގެ އިޖުތިމާއީ ޒިންމާ ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ރައްޔިތަކަށް ދަތިވާ، އުނދަގުވާ އަދި ކަންބޮޑުވާ ކޮންމެ ކަމަކީ ފުލުހުން އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަތުކުރިއޮޅާލައި ތައްޔާރަށް ތިބެންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އޯގާތެރިކަމާއި ކުލުނާ އިހުތިރާމާއެކު ހިދުމަތް ފޯރުކޮށް ދިނުމަކީ ކޮންމެ ފުލުހެއްގެވެސް މަސްއޫލިއްޔަތާއި ޒިންމާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު ހުޅުވިގެންދާ މާފަންނު ޕޮލިސް ސްޓޭޝަންގެ އިމާރާތުގެ ސަބަބުން ވަށްޓެރި ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންނާ ހިއްސާކޮށް ފުލުހުންނާ ބައްދަލުކޮށް ރައްޔިތުންގެ ހިޔާލުތައް ހިއްސާކުރެއްވުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ވިދާޅުވިއެވެ.
މާފަންނު ޕޮލިސް ސްޓޭޝަން ކުރިން ހިންގަމުންއައީ ފަންހިޔާ ބިލްޑިންގ ގައެވެ. މާފަންނު ޕޮލިސް އައު އިމާރާތަކަށް ބަދަލުވެގެންދިއުމާއެކު އެ ސްޓޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި މެރިން އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަތަކެއް ވެގެންދާނެކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ