ތަޙްޤީޤީ އިދާރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ރައްދުދީ، ޗެލެންޖްކުރުމަކީ ޕްރޮފެޝަނަލް ކަމެއް ނޫންކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް، އޭސީސީއަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާފައިވާކަމަށް ބުނެ އޭސީސީން ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމުން، ޕީޖީން ވަނީ ދައުވާ ނުކުރަން ނިންމާ މައްސަލ އަނބުރާ ފޮނުވާލާފައެވެ. އެ ނިންމެވުމާއި ގުޅިގެން އޭސީސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭސީސީގެ ރައީސް މަރްޔަމް ޝިޢުނާ ވަނީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރެވެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެ ޕީޖީއަށް ރައްދު ދެއްވާފައެވެ. އެގޮތުން އޭސީސީން ޕީޖީއަށް ފޮނުވާ މައްސަލަ ސާބިތުކުރުމަށް އެކަމުގެ މަންފާ ލިބިފައިހުރީ ކޮން ބަޔަކަށްކަމާއި ކޮރަޕްޝަންގެ ފައިސާ ހުރިތަން އެނގުން މަޖުބޫރު ނޫންކަމަށްވެސް ޝިޢުނާ ވިދާޅުވިއެވެ.
އޭސީސީގެ އެވާހަކަފުޅަށް ޕީޖީން ވަނީ ރައްދު ދެއްވާފައެވެ. ޕީޖީން ބުނީ، ޖިނާޢީ މައްސަލަތަކުގައި ދަޢުވާ ކުރުމާމެދު ގޮތެއް ނިންމުމަކީ ޤާނޫނުއ ަސާސީން އެ އޮފީހަށް ލިބިދީފައިވާ ބާރެއްކަމަށާއި، އޭސީސީގެ ޒިންމާއަކީ މައްސަލަ ތަހުގީގްކޮށް ހެކި ފޮނުވުންކަމަށެވެ. އަދި ދައުވާކުރުމާމެދު ގޮތެއް ނިންމާނީ އެ އޮފީހުންކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
އޭސީސީގެ އެ ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާ ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމް ވިދާޅުވީ، ތަޙްޤީޤީ އިދާރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ރައްދުދީ، ޗެލެންޖްކުރުމަކީ ވަރަށް "އަންޕްރޮފެޝަނަލް" ކަމެއްކަމަށެވެ. ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމަށް އަމުރުކުރުމާއި، ތަޙްޤީޤާ ގުޅޭގޮތުން ބަސްބުނުމުގެ ބާރު ލިބިދީފައިވާ ފަރާތަކީ ޕީޖީކަމަށްވެސް ޙައިލަމް ވިދާޅުވިއެވެ.
ވަރަށް ރަނގަޅު ވާހަކަފުޅެއް. ތަޙްޤީޤީ އިދާރާތަކުން ޕްރޮސިކިއުޓަރ ޖެނެރަލަށް ރައްދު ދީ، ޖެލެންޖްކުރުމަކީ ވަރަށް އަންޕްރޮފެޝަނަލް ކަމެއް. ޖިނާއީ މައްސަލަތައް ތަޙްޤީޤްކުރުމަށް އަމުރުކުރުމާއި، ތަޙްޤީޤާ ގުޅޭގޮތުން ބަސްބުނުމުގެ ބާރު ލިބިދީފައިވާ ފަރާތަކީ ޕީޖީ.
– އަޙްމަދު ޙައިލަމް
ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއިވެސް ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. އެގޮތުން މަޖިލީހުގެ ރައީސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މިއަދު ޕީޖީން ބުނެފައިވަނީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމި ނިންމުމާއި މެދު އޭސީސީއާއި އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން އެކަމުގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރިކަން ނުވަތަ ނޫންކަން ދެނަގަތުމަށް ނިންމާއިފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ