ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ގަމަށް

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ގަމަށް

Author
މުޙައްމަދު ޖިމީ
29 މާރޗް 2021 08:15
0

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފާއިތުވި ސައުވީސް ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ގަމަށްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އައްޑޫ ސިޓީ ގަމަށް 166 މިލިމީޓަރުގެ ވާރޭވެހުނުކަމަށެވެ. އަދި 55 މޭލު ބާރުމިނަށް ވައިގަދަވެފައިވާކަމަށްވެސް އެ އިދާރާއިން ބުންޏެވެ. ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން މެދު ރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި މި ވިއްސާރާގައި ދެކުނުގެ އަތޮޅުތަކުގެ ބައެއް ރަށްތަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާކަމަށެވެ. އެގޮތުން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން  ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ، އުތުރުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތަގަނޑަކަށް 55 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

އެ އިދާރާއިން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ، އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. އަދި ރާޅުގެ އުސްމިން މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް 6 – 8 ފޫޓު، އުތުރުގެ އަތޮޅުތަކަށް 4 – 6 ފޫޓު ހުންނާނެކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ދެކުނަށް ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގެ ގެތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެގޮތުން ޏ.ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ގޭގޭގެ ފުރާޅު އެއްލާލުމާއި ފެން ބޮޑުވުމާއި ގަސްތައް ވެއްޓުންފަދަ ބައެއް ހާދިސާތައް މި ވިއްސާރައިގެ ސަބަބުން ވަނީ ހިގާފައެވެ. މިގޮތުން ޏ.ފުވައްމުލަކުގައި ފެން ބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނާތީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ 89 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައެވެ. އަދި ވައިގަދަވެ 5 ގޯއްޗެއްގައި ހުރި ރުއް ވެއްޓުމާ ގުޅިގެން އެ ރުއް ނެގުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ 3 ރަށަކަށް މި ވިއްސާރައިގެ ސަބަބުން އެކި ގެއްލުންތައް ވެފައިވާއިރު ސ.ފޭދޫ 2 ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތްކުރުމުގެ މަސައްކަތާއި އަދި އެގޭތަކުގައި ފެން ބޮޑުވުމާ ގުޅިގެން ވެލި ބަސްތާޖެހުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުންނެވެ. ހަމަ އެހެންމެ  ސ. ހިތަދޫގެ ގެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތު ކުރުމާއި 4 ގެއެއްގެ ގޯތިތެރޭގައި ހުރި ގަސްވެއްޓުމާ ގުޅިގެން ގަސް ނެގުމު މަސައްކަތުގެ އިތުރުން 2 ގެއަކަށް ފެން ވަންނަ ކަމުގެ ރިޕޯޓް ލިބިގެން އެ ގޭތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސަދަން އޭރިއާގެ ސިފައިން ކޮށްފައެވެ. މީގެ އިތުރުން ވިއްސާރައާއި ގުޅިގެން ސ. މަރަދޫ ގެއެއްގެ ތެރޭގައި ހުރި ރުކެއް ވެއްޓުމާއި ގުޅިގެން އެ ރުއް ނެގުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ގެއްލުންތައް ލިބުމާ ގުޅިގެން އެމްއެންޑީއެފް އޭރިއާތަކުގައި ތިއްބަވާ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.