ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ 1-1 އިން ކްލަބް އީގަލްސްއާ އެއްވަރުކޮށްފި އެވެ.
މިއަދު ހަވީރު ކުޅުނު މެޗްގެ ފުރަތަމަ ހާފަށް ބަލާއިރު ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އީގަލްސް އިން ތަނަވަސްކުރި އެވެ. އެ ގޮތުން ލަނޑެއް ޖެހުމާ އެންމެ ގާތަށް ޖެހިލީ އެ ޓީމުގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އެވެ. ހަންނަ ނަގައިދިން ކޯނަރަކުން އިންމަ ބޮލުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަ ގްރާންޑޭއަށް ފުރަތަމަ ހާފުގައި އީގަލްސް ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. އެކަމަކު ދެ ވަނަ ހާފްގެ ފުރަތަމަ ފަސް މިނިޓް ތެރޭ ދަ ގްރާންޑޭ އިން ވަނީ ފުލުފުލުގައި ދެ ހަމަލާއެއް އީގަލްސްގެ ގޯލަށް ފޮނުވާލާފަ އެވެ.
އީގަލްސްއަށް ލީޑު ނަގައިދިނީ މެޗުގެ 56 ވަނަ މިނިޓްގައި ރަޝިއާގެ ފޯވާޑް ކޮރްމިޝިން ވްލަޑިސްލާވް އެވެ. ދަ ގްރާންޑޭ ފަހަތުން ކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަށް ދިން ބޯޅާގައި އޭނާ ހެދި ގޯހެއްގެ ފައިދާނަގައި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ދިން ބޯޅަ ކޮރްމިޝިން ވަނީ ގޯލުގެ ކައިރި ކަނަަށް އަމާޒުކޮށްލާފަ އެވެ. ދަ ގްރާންޑޭ އަށް އެއްވަރުކޮށްދިނީ މެޗުގެ 72 ވަނަ މިނިޓްގައި އަޔާ އެވެ. އޭރިއާބޭރުން އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އަޔާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލާފަ އެވެ. ޑިފެންޑަރުންގެ ތެރެއިން ލާފައި އައި ބޯޅަ ގޯލުގެ ކަނަށް އަމާޒުވިއިރު، ކީޕަރު ތޯހާ އަށް އެ ބޯޅަ ހުއްޓުވޭނެ އެއްވެސް ގޮތެއް ނުވި އެވެ.
މި މެޗުން ލިބުނު ޕޮއިންޓާ އެކު އީގަލްސް ލީގުގެ ފަސް ވަނާގައި އޮތީ 10 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ދަ ގްރާންޑޭ ވަނީ ލީގުގެ ދެ ވަނައަށް ޖެހިލާފަ އެވެ. އެއީ 10 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.