މާލޭ ސިޓީ ކައުންސިލް ހޯދުމަށް ކެމްޕޭން ޓޫލަކަށް ހިޔާފްލެޓް ބޭނުންކުރާ ކަމުގެ ތުހުމަތު

މާލޭ ސިޓީ ކައުންސިލް ހޯދުމަށް ކެމްޕޭން ޓޫލަކަށް ހިޔާފްލެޓް ބޭނުންކުރާ ކަމުގެ ތުހުމަތު

Author
ޢަލީ އާދަމް
28 މާރޗް 2021 06:02
0

އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެސީޓީގެ ގޮނޑިތަށް އެމްޑީޕީއަށް ހޯދުމަށް ބޭނުންކުރާ ކެމްޕެއިން ޓޫލަކަށް ހިޔާފްލެޓް ހަދާފައި ވާކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަން ހިންގުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށެވެ. އަދި ހާއްސަކޮށް މާލެ ސިޓީގެ މޭޔަރުކަމަށް އިދިކޮޅުން ވާދަކުރައްވާ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒާއި ދެކޮޅަށް ކެމްޕެއިން ކުރުމުގައި ސަރުކާރުން ނުފޫޒު ފޯރުވަމުން ގެންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށެވެ.

އެގޮތުން މާލޭގެ މޭޔަރުކަމަށް އެމްޑީޕީއިން ކުރިމަތިލާފައިވާ ކެނޑިޑޭޓްގެ އޮފީހުން އާންމުންނަށް ގުޅައި ފްލެޓަށް އެދި ފޯމުލާފައި ވާނަމަ އަންގާލަދިނުމަށް ބުނަމުންގެންދާކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ފްލެޓް ލިބޭނީ އިންތިޚާބުގެ ފަހުން ކަމަށް ބުނަމުން ދާކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

" މީގެ ބޭނުމަކީ އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓް ދޭން މަޖުބޫރު ކުރުވުން. ނުފޫޒު ފޯރުވުން. އެއްވެސް ހާލެއްގައި ހިޔާ ފްލެޓަކީ އިންތިޚާބު ކާމިޔާބު ކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވެގެން ނުވާނެ"

– އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ހިޔާ ފްލެޓްގެ ހައްގުވެރީންނަށް ރައީސް ޔާމިންގެ ސަރުކާރު ނިމުނުއިރު ލިއުން ހަވާލުކޮށްފައި ވާނެކަމަށާއި، އެމްޑީޕީގެ ސަރުކާރުން އައިސް އެ ލިއުންތަށް އަތުލައި، އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ބޭނުންހާ ގޮތަކަށް ފްލެޓްތައް ބަހަމުން ދާކަމަށެވެ. އަދި ހަމަ އިންތިޚާބް ނިމުމާއެކު އަނެއްކާވެސް ފްލެޓްތަކަށް ވާނެގޮތެއް ނޭނގޭ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.