ކޮމިޝަނުން ބަލާ މައްސަލައެއްގެ ނަތީޖާއެއްގެ ސަބަބުން، މަޤާމުން ދުރުކުރުމަކީ މިނިވަންކަމާއެކު ކުރާ މަސައްކަތަށް އެޅޭނެ ހުރަހެއްކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާ މަރްޔަމް ޝިޢުނާ ވިދާޅުވެއްޖެއެވެ.
އޭސީސީގެ ރައީސާ މިހެން ވިދާޅުވެފައި މިވަނީ، ކޯވިޑް-19އާއި ގުޅުގެން ރާއްޖެއަށް ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، ދައުވާ ކުރެވޭވަރަށް ހެއްކި ނެތްކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމެވުމުން، އޭސީސީގެ މެންބަރުންނާއި، ޕީޖީ އިސްތިއުފާދެއްވުމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުން ގޮވާލައްވާފައިވަނިކޮށެވެ.
ވެންޓި ލޭޓަރުތަކުގެ މައްސަލައާއި ގުޅޭގޮތުން އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީގެ ރައީސާ ވިދާޅުވީ، އޭސީސީއާއި މެންބަރުން ހަވާލުވެ މިވީކުރު މުއްދަތުގެ ތެރޭގައި މައްސަލައެއްގެ ނަތީޖާ ނިކުތް ގޮތަކުން އޭސީސީގެ މެންބަރުން މަޤާމުން ދުރުކުރުމަށް މަޝްވަރާކޮށް އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަސއްކަތްކުރަމުންދާކަމަށެވެ. ޝިއުނާ ވިދާޅުވީ، މައްސަލައެއްގެ ނަތިޖާ ނިކުންގޮތަކުން ކޮންމެ ފަހަރަކު މަޤާމުން ދުރުކުރުމަށް މަސައްކަތްކުރުމަކީ މިނިވަންކަމާއެކު މަސައްކަތްކުރުމަށް އެޅޭ ހުރަހެއްކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ މައްސަލައަކުން އެންމެ ފުރިހަމަ ނަތީޖާ ނުނިކުމެފާނެކަމަށާއި، ނަމަވެސް ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫންކަމަށެވެ.
މައްސަލައްގެ އައުޓްކަމް އަންނަގޮތަކުން ކޮންމެ ފަހަރަކު އަޅުގަނޑުމެން މަގާމުން ދުރުކުރަންޖެހޭކަމަށް ވެއްޖާ މިގޮތަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކަމަކަށްވާނެ. އެއީ އޭސީސީން މިނިވަންކަމާ އެކު މަސައްކަތްކުރަން އެޅޭ ހުރަހެއްކަމަށްވެސް އަޅުގަނޑުމެން ޤަބޫލުކުރަން.
– އޭސީސީގެ ރައީސާ މަރްޔަމް ޝިޢުނާ
ޝިޢުނާ މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ވަނީ މަޖިލީހަށް ހުށައެޅުމުގެ ކުރިން، އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެ ޢަދަދަށް ވޯޓް ލިބިފައެއް ނުވެއެވެ. ޕީޖީ ގްރޫޕްގެ ބައްދަލުވުމަށް، ވެންޓިލޭޓަރުތަކުގެ މައްސަލާގައި އެންމެބޮޑަށް ފާޑުވިދާލުވާ އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސްވެސް ޙާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައި ނުގެންނެވި ސަބަބެއް ސާފުނުވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ ރައީސް ނަޝީދު ބައްދަލުވުމުގައި ބައިވެރިނުވީ ރައީސް ނަޝީދު ބޭނުންވި އަދަދަށް ވޯޓު ހަމަނުވާކަން ޔަގީން ވުމުންނެވެ.
ކޮމެންޓު ފޮނުވާ