މިނިވަން މުއައްސަސާތަކުގެ މެންބަރުންނަކީ މަޖިލީހުގެ ރަޙުމަތުގެ ދަށުގައިވާ ޕަޕެޓުންތަކެއް ނޫންކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
މިސަރުކާރުން އައިސް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަޣްލަބިއްޔަރުން ފާސްކޮށް އެންޓި-ކޮރަޕްޝަންސް ކޮމިޝަނަށް އައްޔަންކުރެއްވި ފަސް މެންބަރުންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމުގެ ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ގޮތެއް ނިންމުމަށް މިއަދު ވޯޓަށް އަހަން މަސައްކަތްކޮށް ގޮތެއް ނުނިންމުމުން، އެކަމަށް ފާޑުވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވަނީ، މިނިވަން މުއައްސަސާތަކުގެ މެންބަރުންނަކީ މަޖިލީހުގެ ރަޙުމަތުގެ ދަށުގައިވާ ޕަޕެޓުންތަކެއް ނޫންކަމަށް ވިދާޅުވެފައެވެ.
ޑރ.ދީދީ ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ މެންބަރަކު ވަކިކުރެވޭނީ ކަނޑައެޅޭ “އިމްޕީޗެބްލް އޮފެންސް” އެއް އެ މީހެއްގެ މައްޗަށް ޘާބިތުވެގެންކަމަށެވެ.
ޤާނޫނުއަސާސީގައިވާ “ambiguous” ޢިބާރާތްތައް އިޞްލާޙު ކުރެވިގެން މެނުވީ މަޖިލީސް މެންބަރުން ނަހަމަގޮތުގައި ބާރުގެ ބޭނުންކޮށް ޤ.އ. އާ ޚިލާފަށް ހިންގާ ޢަމަލުތައް ނުހުއްޓުވޭނެ!
– ޑރ.އަޙްމަދު ޢަބްދުﷲ ދީދީ
އޭސީސީގެ މެންބަރުންނާއި ގުޅޭ ދެ ހުށައެޅުމެއް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް މިއަދު ހުށައެޅިއެވެ. ނަމަވެސް އެއްވެސް ހުށައެޅުމަކަށް ގޮތެއް ނުނިންމުނެވެ. ޕީޖީ ގްރޫޕަށް ހުށައެޅި ދެ ހުށައެޅުމަކީ، އޭސީސީގެ މެންބަރުން މަޤާމުން ދުރުކުރުމާއި، އޭސީސީއާއި ގުޅޭގޮތުން ހުރި މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު ގޮތެއް ނިންމުމެވެ.
އޭސީސީގެ ފަސް މެންބަރުން މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށައެޅީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)އެވެ. އަދި އޭސީސީގެ ހުރި މައްސަލަތައް ބެލުމަށް ޕީޖީ ގްރޫޕަށް ހުށައެޅީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.
އޭސީސީގެ މައްސަލަތައް ބަލައި، މެންބަރުން މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ފަށާފައިމިވަނީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، ދައުވާނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވުމުންނެވެ. ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، ދެފަހަރަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވުމުންވެސް ދައުވާކުރެވޭގޮތް ނުވީ، ދައުވާކުރުމާއި ގާތަށްވެސް ހެކި ހޯދިފައި ނުވުމުންކަމަށެވެ. އެގޮތުން ދައުވާކުރުމަށް ބޭނުންވާ އުންސުރުތައް ހަމަނުވާކަމަށް ޕީޖީ ވިދާޅުވިއެވެ.
މިމައްސަލާގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ނުރުހުމާއި ފާޑުކިއުން އޭސީސީއަށާއި، ޕީޖީއަށް ވަނީ އަމާޒުވެފައެވެ. އެމައްސަލާގައި އޭސީސީގެ މެންބަރުން އަދި ޕީޖީ އިސްތއުފާދެއްވުމަށް ބައެއް މެންބަރުން ގޮވާލައްވާފައިވާއިރު، މަޖިލީހުގެ ރައީސްވެސް ވަނީ ޕީޖީ ޝަމީމް އިސްތިއުފާދެއްވުމަށް ގޮވާލައްވާފައެވެ. އެއާއެކު ޕީޖީ ވަނީ އިސްތިއުފާދެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ރައީސް ނަޝީދު ވަނީ ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގެ މިސަރުކާރަށް ރައީސް ނަޝިދު ވަނީ ވައްކަން ކުރާ ސަރުކާރެއްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީން ނޯންނާނެކަމަށްވެސް ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އެ ފާޑުކިއުމަށް ސަރުކާރުންވެސް ރައްދު ދިނެވެ. އެގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގްކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އިސްވެ ހުށައެޅީ ސަރުކާރުންކަމަށް ބުނެފައެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަމަށާއި، އެ މުއައްސަސާތަކުން މައްސަލަތައް ތަހުގީގްކުރަމުން ގެންދަނީ މިނިވަންކަމާ މުސްތަގިއްލުކަމާއެކު ކަމަށްވެސް ސަރުުކާރުން، ރައީސް ނަޝީދަށް ދެއްވި ރައްދުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ