އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަޤާމުން ދުރުކުރުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ވޯޓް ނަގަން މަސައްކަތްކުރި މައްސަލާގައި ވަކި ގޮތެއް ނުނިންމުނެއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް މިއަދު ވަނީ އޭސީސީގެ މެންބަރުންނާއި ގުޅޭ ދެ ހުށައެޅުމެއް ހުށައަޅާފައެވެ. އެއީ އޭސީސީގެ މެންބަރުން މަޤާމުން ދުރުކުރުމާއި، އޭސީސީއާއި ގުޅޭގޮތުން ހުރި މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު ގޮތެއް ނިންމުމެވެ.
އޭސީސީގެ ފަސް މެންބަރުން މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށައެޅީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)އެވެ. އަދި އޭސީސީގެ ހުރި މައްސަލަތައް ބެލުމަށް ޕީޖީ ގްރޫޕަށް ހުށައެޅީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.
އޭސީސީގެ މައްސަލަތައް ބަލައި، މެންބަރުން މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މަސައްކަތް ފަށާފައިމިވަނީ، ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި، ދައުވާނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމެވުމުންނެވެ. ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، ދެފަހަރަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވުމުންވެސް ދައުވާކުރެވޭގޮތް ނުވީ، ދައުވާކުރުމާއި ގާތަށްވެސް ހެކި ހޯދިފައި ނުވުމުންކަމަށެވެ. އެގޮތުން ދައުވާކުރުމަށް ބޭނުންވާ އުންސުރުތައް ހަމަނުވާކަމަށް ޕީޖީ ވިދާޅުވިއެވެ.
މިމައްސަލާގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ނުރުހުމާއި ފާޑުކިއުން އޭސީސީއަށާއި، ޕީޖީއަށް ވަނީ އަމާޒުވެފައެވެ. އެމައްސަލާގައި އޭސީސީގެ މެންބަރުން އަދި ޕީޖީ އިސްތއުފާދެއްވުމަށް ބައެއް މެންބަރުން ގޮވާލައްވާފައިވާއިރު، މަޖިލީހުގެ ރައީސްވެސް ވަނީ ޕީޖީ ޝަމީމް އިސްތިއުފާދެއްވުމަށް ގޮވާލައްވާފައެވެ. އެއާއެކު ޕީޖީ ވަނީ އިސްތިއުފާދެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ރައީސް ނަޝީދު ވަނީ ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގެ މިސަރުކާރަށް ރައީސް ނަޝިދު ވަނީ ވައްކަން ކުރާ ސަރުކާރެއްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީން ނޯންނާނެކަމަށްވެސް ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އެ ފާޑުކިއުމަށް ސަރުކާރުންވެސް ރައްދު ދިނެވެ. އެގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގްކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އިސްވެ ހުށައެޅީ ސަރުކާރުންކަމަށް ބުނެފައެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަމަށާއި، އެ މުއައްސަސާތަކުން މައްސަލަތައް ތަހުގީގްކުރަމުން ގެންދަނީ މިނިވަންކަމާ މުސްތަގިއްލުކަމާއެކު ކަމަށްވެސް ސަރުުކާރުން، ރައީސް ނަޝީދަށް ދެއްވި ރައްދުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ