ވޯލްޑް ކަޕް ކޮލިފައިންގައި ޕޯޗުގަލާއި ސާބިއާ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.
ރޭ ސާބިއާ އިން ފަހަތުން އަރައި 2-2 އިން ޕޯޗުގަލްއާ އެއްވަރުކުރި މެޗުގެ ފަހު ވަގުތު އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލެއް ބަލައިނުގަންނަން ރެފްރީ ނިންމުމުން އެކަމާ ރޮނާލްޑޯ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފަޅުކޮށްފައެވެ.
ސާބިއާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި އަލެކްސެންޑަ މިޓްރޮވިޗް ޖަހައިދިން ލަނޑުން ސާބިއާއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. އަދި މި މެޗުގައި ސާބިއާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ 60 ވަނަ މިނެޓުގައި ފިލިޕް ކޮސްޓިޗް ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުން ޕޯޗުގަލް އެއްވަރުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ ލަގްޒަމްބާގުން ވަނީ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އަޔަލެންޑް ބަލިކޮށްފައެވެ. އެހެންކަމުން ގްރޫޕް އޭގެ އެއްވަނައިގައި އޮތް ސާބިއާ އާއި ދެވަނައިގައި އޮތް ޕޯޗުގަލަށް ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ލަގްޒަމްބާގުން މިހާތަނަށް އެންމެ މެޗެއް ކުޅެފައިވާއިރު، އެ ޤައުމަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
ސާބިއާ އިން ރޭގެ މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ ނިކޮލަ މިލެންކޮވިޗަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ޕޯޗުގަލްގެ ޑަނީލޯ ޕެރޭރާ އަށް ކުރި ފައުލަކަށެވެ.
ކޮމެންޓު ފޮނުވާ