ފީފާ ވޯލްޑް ކަޕު ކޮލިފައިންގައި ލެޓްވިއާ 2-0 އިން ބަލިކޮށް ނެދަލެންޑްސް އިން މި ފަހަރު ކޮލިފައިންގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މި މެޗުގައި ރެފުރީއެއްގެ މަޤާމު އަދާކޮށްފައިވަނީ ފްރާންސްގެ އަންހެން ރެފްރީ ސްޓެފަނީ ފްރަޕާޓެވެ. އެއާއެކު އޭނާ ވެފއިވަނީ ވޯލްޑް ކަޕް ކޮލިފައިން މެޗަކު އިންސާފުކުރި ފުރަތަމަ އަންހެން ރެފުރީއަށެވެ. އަދި އަމިއްލަ ޤައުމުގައި ކުޅުނު މި މެޗު ބަލަން ނެދަލެންޑްސްއިން ވަނީ 5،000 ސަޕޯޓަރުން ދަނޑަށް ވައްދާފައެވެ.

ކޮލިފައިން ފުރަތަމަ މެޗުގައި ނެދަލެންޑްސް ވަނީ ތުރުކީ އަތުން މިދިޔަ ހަފްތާގައި ބަލިވެފަ އެވެ. ރޭގެ މެޗުގައި ނެދަލެންޑްސްގެ ގޯލުތައް ޖެހީ ސްޓީވަން ބާގައިސް އާއި ލޫކް ޑި ޔޯން އެވެ. ނެދަލެންޑްސްގެ ކުޅުންތެރިންނަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
ކޮލިފައިންގައި ކުޅުނު ދެވަނަ މެޗުން ލަޓްވިއާ އަތުން ނެދަލެންޑްސް މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ މޮންޓެނީގްރޯއިން ވަނީ ހޮނިހިރު ދުވަހުހެރޭ ޖިބްރަލްޓާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ކޮލިފައިންގެ ފުރަތަމަ މެޗުން ނެދަލެންޑްސް ބަލިކުރި ތުރުކީ ވަނީ ހޮނިހިރު ދުވަހުހެރޭ ކުޅުނު މެޗުން ނޯވޭ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
ކޮމެންޓު ފޮނުވާ