ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ރިޓަޔަރމަންޓުން އެނބުރި އައިސް ސްވިޑްން ޤައުމީ ޓީމަށް ރޭގެ މެޗްގައި ކުޅުނު ޒްލަޓަން އިބްރަހިމޮވިޗްގެ މޮޅު ކުޅުމާއިއެކު ސްވިޑެން މޮޅުވެއްޖެއެވެ.
2022 ވަނަ އަހަރު ޤަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވާރލްޑް ކަޕަށް ކޮލިފައިވުމަށް ޔޫރަޕް ސަރަހައްދުގެ ކޮލިފައިންގ ގްރޫޕް ބީގައި ޖޯޖިއާ ބައްދަލުކުރިމެޗް ސްވިޑްން އިން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ބައެއްގެ ލޯ އަމާޒުވީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ރިޓަޔަރމަންޓުން އެނބުރި އައިސް ސްވިޑްން ޤައުމީ ޓީމަށް ރޭގެ މެޗްގައި ކުޅުނު ޒްލަޓަން އިބްރަހިމޮވިޗަށެވެ. އިބްރަހިމޮވިޗް ރޭގެ މެޗްގައި ކުޅުމާއެކު އޭނާ ވެފައިވަނީ ސްވިޑްން ޤައުމީ ޓީމަށް މިހާތަނަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާގެ މިހާރުގެ އުމުރަކީ 39 އެކެވެ. މީގެކުރިން މިރިކޯޑް އޮތީ 38 އަހަރާއި 59 ދުވަހުގައި ސްވިޑްންއަށް ކުޅުނު ކީޕަރ ތޯމަސް ރަވެލީއަތުގައެވެ. ރޭގެ މެޗްގައި ސްވިޑްންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު އިބްރަހިމޮވިޗް ނަގާދިން ހުރަހަކުން ކާމިޔާބުކުރީ ވިކްޓަރ ކްލައިސަންއެވެ. މިމެޗްގައި އިބްރަހިމޮވިޗަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން އިބްރަހިމޮވިޗްވަނީ ޤައުމީ ޓީމަށް އަލުން ކުޅެލަން ލިބުމުން ހިތްހަމަޖެހުނުކަން ހާމަކޮށްފައެވެ. އަދި ހީވީ ޤައުމީ ޓީމަށް އަލަށް ކުޅެން ނުކުމެވުނުހެން ކަމަށްވެސް އޭނާ ހާމަކުރިއެވެ.
ކޮމެންޓު ފޮނުވާ