މާލޭ ސިޓީގެ ސްކޫލްތަކުގެ ކީ-ސްޓޭޖް 3 ގައި ހިމެނޭ ގްރޭޑް 7 އަކާއި 8 ގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.
ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދު ވިދާޅުވީ މާލެ އޭރިޔާ ސަރަހައްދުގައި ގްރޭޑް 8 ގެ ދަރިވަރުންނަށް ކިޔެވުން ފަށުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ގްރޭޑް 7 ގެ ކުދިންނަށް ކިޔެވުން ފެށިގެންދާނެކަމަށެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ކޯވިޑް19 އާއި ގުޅިގެން މާލޭގެ ސްކޫލުތައް ބަންދު ކުރަންޖެހުމުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވިކަމަށެވެ. ނަމަވެސް އޮންލައިންގެ ޒަރީއާއިން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައި ކިޔެވުން ކުރިއަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް މިއީ އެއްވެސް އިރެއްގައި ތައްޔާރުނުވެ ތިބި ކަަމަކަށްވާއިރު އޮންލައިންކޮށް ކިޔަވައިދޭން ޖެހުމުން ދަރިވަރުންނަށްވެސް އަދި ތީޗަރުންނަށްވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވިކަމަށެވެ. އޭނާ ވިދާޅުވީ އޮންލައިންކޮށް ކިޔަވައި ދިނުމުން ކުދިންނަށް އެންމެ ބޭނުންވާ ވަރަށް ފިލާވަޅު ކިޔައިދީ، އުގެނުމުގައި މައްސަލަތަކެއް ކުރިމަތިވާކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މެދުކަނޑާލުމަށްފަހު 1 ޖުލައި 2020 ގައި މާލޭ ސިޓީގެ ސްކޫލުތައް ފިޔަވާ ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔެވުން ވަނީ ފަށާފައެވެ. މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ގްރޭޑް 9 ން 12 އަށެވެ. ނަމަވެސް ރާއްޖޭގެ އެއްވެސް ސްކޫލެއްގައި ފައުންޑޭޝަން ލެވެލް (އެލް.ކޭ.ޖީ / ޔޫ.ކޭ.ޖީ) އަށް ކިޔަވާދޭން ފަށާފައެއް ނުވެއެވެ.
ސްކޫލްތަކުގައި މިހާރު ކިޔަވާދެމުންދަނީ ކޮންމެ ކީ ސްޓޭޖަކަށް ހަތަރު ގަޑިއިރުކަނޑައަޅައިގެންނެވެ. އަދި އެ ވަގުތުތަކުގައި އެންމެ ގިނައިން ވެސް ކިޔަވައިދެވޭނީ ހަތަރު މާއްދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ މާއްދާއެއް ކިޔަވައިދިނުމަށް ކަނޑައަޅާފައިވަނީ 45 މިނެޓެވެ. އަދި ބާކީ ހުރި ވަގުތުތައް ހަމަޖައްސާފައި ވަނީ ސިއްޙީ އެސެސްމަންޓުތައް ހެދުމާއި އެސެމްބްލީ އާއި އަތް ދޮވުން ފަދަ ކަންކަމަށެވެ.
ކޮމެންޓު ފޮނުވާ