ފްރެންޗް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ލިޔޯން ބަލިކޮށް، ތާވަލުގެ އެއްވަނައަށް އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި އިތުބާރު ފޯވާޑް އެމްބާޕޭ ވަނީ ޕީއެސްޖީއަށް ދެ ލަނޑު ޖަހައިދީފައެވެ. އެނެ ދެލަޑު ޖަހައި ދިނީ ޑަނީލޯ ޕެރޭރާ އާއި އެންހެލް ޑި މާރިއާ އެވެ. ލިޔޯން އަށް ލަނޑުތައް ޖަހައިދިނީ އިސްލާމް ސްލިމާނީ އާއި މެކްސްވެލް ކޯނެޓް އެވެ.
މި މެޗުގައި ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެމްބާޕޭ ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ ފްރެންޗް ލީގުގައި 100 ލަނޑު ހަމަކޮށްފައެވެ. އެއާއެކު އުމުރުން 22 އަހަރުގެ އެމްބާޕޭ ވެފައިވަނީ ފްރެންޗް ލީގުގެ ތާރީޚުގައި 100 ލަނޑު ހަމަކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ލީގުގެ އެއް ވަނައިގައި ކުރިން އޮތް ލިލް ރޭ ކުޅުނު މެޗުން ނައިމްސް އަތުން ބަލިވުމުން ރޭގެ މެޗަށް ޕީއެސްޖީ އާއި ލިޔޯން ނުކުތްއިރު ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެއް ވަނަ އަށް އެރުމުގެ ދޮރު އޮތީ ހުޅުވިފައެވެ. ޕީއެސްޖީ އެއް ވަނަ އަށް އެރީ 30 މެޗުން 63 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް ލިލް އަށް ވެސް ވަނީ 30 މެޗުން 63 ޕޮއިންޓް ލިބިފައެވެ. ތިން ވަނައިގައި ލިޔޯން އޮތީ 30 މެޗުން 60 ޕޮއިންޓާ އެކުއެވެ.
ކޮމެންޓު ފޮނުވާ