ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލަށް އާސެނަލް ދަތުރުކޮށްފި އެވެ.
މި މުބާރާތުގެ ކުއާޓާއަށް އާސެނަލް ދަތުރުކުރިއިރު އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އާސެނަލް ވަނީ އޮލިމްޕިއާކޯސް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފަ އެވެ. އެކަމަކު އޮލިމްޕިއާކޯސް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 3-1 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެފައި ވުމާ ގުޅިގެން، އެގްރިގޭޓުން އާސެނަލަށް ވަނީ 3-2 ގެ ނަތީޖާއަކުން ކުރި ލިބިފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި އޮލިމްޕިއާކޯސްއިން ވަނީ މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސެފް އެލް އަރާބީއެވެ. އެކަމަކު މި މެޗު އޮލިމްޕިއާކޯސްއިން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ އޫސެނޫ ބާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާގެ ޖާގަތައް ޓީމުތަކުން ކަށަވަރުކުރިއިރު، ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ މިއަދު އެވެ.