ޔުއެފާ ޔޫރޮޕާ ލީގުގައި މިލާން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގަދައަށަކުން ޖާގަހޯދައިފި އެވެ.
މި މުބާރާތުގެ ކުއާޓާއަށް ޔުނައިޓެޑް ދަތުރުކުރީ ގަދަ 16 ގައި އޭސީ މިލާން އަތުން 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. އެގޮތުން ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، މިލާނުގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުން ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފަ އެވެ.
މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕައުލް ޕޮގްބާއެވެ. މި މެޗުގައި ޕޮގްބާ ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ޔޫރޮޕާ ލީގުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
ޔޫރޮޕާ ލީގުގެ ކުއާޓާގެ ޖާގަތައް ޓީމުތަކުން ކަށަވަރުކުރިއިރު، ކުއާޓާ ފައިނަލުގެ ގުރުއަތުލުން އޮންނާނީ މިއަދު އެވެ.