ކޮންމެ ގައުމެއްގެވެސް އަސްކަރިއްޔާއަކީ އެގައުމުގެ އައްޑަނައެވެ. އެއީ، ގައުމީ ސަލާމަތާ ގުޅުން ހުރި، އަދި މިނޫނަސް ގައުމަށް ކުރިމަތިވާ ތަފާތު ބޮޑެތި ކާރިސާތައްފަދަ އެތައް ކަމެއްގައި، ރައްޔިތުނަށް ޚިދުމަތް ކުރުމަށް އަބަދުވެސް އެންމެ ކުރީ ސަފަށް ނިކުމެވަޑައިގަންނަވާ ނުހަނު ޚިދުމަތްތެރި ލަޝްކަރެކެވެ.
އަދި ވަކީން ޚާއްސަކޮށް، ކޮންމެ ގައުމެއްގައިވެސް އޮންނަ، އެގައުމެއްގެ އަސްކަރިއްޔާއަކީ، ގައުމުން ބޭރުގެ އުދުވާނީ ހަމަލާތަކުން ގައުމާ ގައުމުގެ ރައްޔިތުން ހިމާޔަން ކުރުމަށް ކަމަރު ބަންނަވައިގެން، ރެއާއި ދުވާލު، އަތުވެދާނެ އުދުވާނީ ހަމަލައާކަށް ފާރަލާ ބަލަން އޮންނަ ވަރުގަދަ ބާރެކެވެ.
މިގޮތުން، ދިވެހި އަސްކަރިއްޔާއަކީ ފާއިތުވެދިޔަ ތަނުގައި، މި ރިވެތި ނަމޫނާ ދައްކަވާފައިވާ ދިފާއީ ބާރެއްކަންވެސް މާޒީގެ ސަފުހާތަކުން ވަރަށް ރަގަޅަށް ސާފުކޮށް ފެންނާން އެބައޮތެވެ. ގައުމުގެ އެތެރޭގައި ހިގައިދިޔަ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، ދިވެހި އަސްކަރިއްޔާއަށް ފާއިތުވެދިޔަ މާޒީގައި ގޯސްތައް ހެއްދެވިފައި ހުރިކަމުގައިވި ނަމަވެސް، މިހާތަނަށް ރާއްޖެއަށް ކުރިމަތިވި ހުރިހާ އުދުވާނީ ހަމަލައެއްގައިވެސް، ދީނާ ގައުމުގެ ދިފާޢުގައި ދިވެހި އަސްކަރިއްޔާއިންވަނީ، ސާބިތުކަން ދައްކަވާފައެވެ.
1988 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ނޮވެމްބަރު 3ގެ ހާދިސާއަކީ މީގެ އެއް މިސާލެވެ. ހަމައެފަދައިން، ފަހުގެ ތާރީޚުތަކުގައި ގައުމަށް ދިމާވި ހުރިހާ ބޮޑެތި ކާރިސާ ތަކެއްގައިވެސް، ދިވެހި ސިފައިން ކުރީސަފަށް ނުކުންނަވާ، ދިވެހި ރައްޔިތުންގެ ޚިދުމަތުގައި ނަމޫނާ ދައްކަވާފައިވާކަން މިއީ ފާހަކޮށްލަންޖެހޭ ކަންކަމެވެ. 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ކާރިސާއާއި، 2016 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާއި އަދި 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް19 ކާރިސާގައި ދިވެހި ސިފައިންގެ ހިތްވަރު ވަރށް ބޮޑުތަނުން ފެނިގެން ދިޔައެވެ.
އިސްވެ ދެންނެވުނު، ފާއިތުވެދިޔަ ކައިރި މާޒީގައި، ގައުމުގެ އެތެރޭގެ ސިޔާސީ ކޯޅުންތަކުގައި، ކުރިމަތިވެގެން ދިޔަ ޕްރެޝަރަށް ނަމަވެސް، ދިވެހި އަސްކަރިއްޔާއިން ގޯސްތަކެއް ހައްދަވާފައިވާކަމަށް މިފާހަގަ ކޮށްލަންޖެހުނީ، ރައީސް ޔާމީނުގެ ވެރިކަމުގައި، ސުޕްރީމް ކޯޓުގެ ފަޑިޔާރުން ހިފާ ހައްޔަރުކުރުމުގައި ސިފައިން އަދާކުރި ދައުރާއި، އަދި އޭރު ރައްޔިތުންގެ މަޖިލީހަށް ވަދެގަނެ، މެމްބަރުން ހައްޔަރުކޮށް، ފާރުމަތިން އުކާލާ، ރައްޔިތުންގެ މަޖިލިސްގައި ތަޅުއަޅުވާ، އެތަން ބަންދުކުރުމުގައި ދިވެހި އަސްކަރިއްޔާއިން އަދާކޮށްފައިވާ ދައުރަކީ، އެއްވެސް ހައިސިއްޔަތަކުން، އޯޑަރަށް ކިޔަމަންގަތުމުގެ ނަޒަރިއްޔާތަކުން ބެލިކަމުގައި ވީނަމަވެސް، ދިވެހި ސިފައިންނަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ނުބެލެވޭތީ މިކަންކަމަށް ރިއާޔަތްކޮށް ފާހަކަ ކޮށްލަން ޖެހުނު ނުކުތާއެކެވެ.
ދުނިޔޭގެ ގައުމުތަކުގައި އަސްކަރިއްޔާގެ ބާރު
އަދުގެ ދުނިޔޭގެ ގައުމުތަކަށް ބަލާއިރު، އެތެރެއާއި ބޭރުންވެސް ގައުމުތަކުގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްޔިތުންގެ ރައްކާތެރިކަމާ އެންމެ ބޮޑަށް ގުޅި ލާމެހިފައި އޮންނަނީ އެގައުމުތަކުގެ އަސްކަރީ ބާރުތަކާއެވެ.
މީގެ މިސާލެއްގެ ގޮތުން، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި އުފެދިފައިވާ ބޮޑެތި ހަމަނުޖެހުންތަކަށް ބަލާއިރު، އުފެދިފައިވާ އިގްތިސާދީ ވާދަވެރިކަމަށްވުރެ ބޮޑަށް އުފެދިފައިވަނީވެސް ހަގީގަތުގައި އަސްކަރީ ވާދަވެރިކަމެވެ.
ނިއުކުލިއަރ ހަތިޔާރުން ރައްކާތެރިކަން ހޯދުމަށް ދުނިޔޭގެ ގައުމުތަކުން ކުރަމުން ދާ މަސައްކަތްތަކުގެ އަސްލަކީ، ނިއުކުލިއަރ ހަތިޔާރުގެ ރައްކާތެރިކަމާއެކީ، ބޭރުގެ އެއްވެސް ބާރަކަށް އުދުވާނީ ހަމަލެއެއް އެގައުމަކަށް އަމާޒުކުރެވިދާނެކަމުގެ ހުރިހާ ޝައްކުތަކެއް ފިލުވާލުމެވެ. ސަބަބަކީ، ނިއުކުލިއަ ހަތިޔާރުގެ ގާބިލްކަން ލިބިގެން ދިއުމާއެކު، އެލިބިގެން ދަނީ، ދުޝްމަން ގައުމު އެކުއެކީއެކަށް ނެތިކޮށްލުމުގެ ބާރުކަމުގައި ވާތީއެވެ.
އުތުރު ކޮރެއާއިން، ނުހަނު ދަތި ހާލުގައި އޮވެގެން ނަމަވެސް، ދުނިޔޭގެ ބޮޑެތި ބާރުތަކާ މުގާބަލާ ކުރަމުންދަނީ، މިދެންނެވި އަސްކަރީ ބާރުވެރިކަން ހޯދައިގެންނެވެ. ޗައިނާއާއި ރަޝިއާއަކީ، ވެރިކަމުގެ ނިޒާމުގައި ޚުދުމުޚްތާރު ސިފަތައް ނުހަނު މަތީ ދަރަޖައަކަށް އެކުލެވިފައިވާ ދެގައުމުކަމުގައިވި ނަމަވެސް، ދުނިޔޭގެ ބޮޑު ދެބާރުގެ ގޮތުގައި ދެމިއޮންނަނީ މިދެގައުމުން ހޯދާފައިވާ އަސްކަރީ ބާރުވެރިކަމާ އެކީއެވެ. އެމެރިކާއާއި، އިރާނާ ދެމެދު އުފެދިފައިވާ ހަގީގީ މައްސަލަތަކުގެ އެންމެ ފުނަށް ފިނާލާއިރު، ފެންނާން އޮތް މަޒަރަކީ، މެދުއިރުމަތީގައި އިރާނުގެ އަސްކަރީ ބާރުގަދަވެގެން ދިއުމެވެ. އަދި އެގައުމަށް ނިއުކުލިއަރަ ހަތިޔާރު ހޯދިއްޖެނަމަވެސް، އިޒްރާއީލުގެ ދެމިއޮތުމާމެދު އިޒްރާއީލާއި އެމެރިކާއަށް އޮތް އިތުބާރު ނެތިގެން ގޮސްފައި ވުމެވެ.
ހަމަ މިބީދައިން، ގައުމުތަކުގެ އަސްކަރިއްޔާއިން، ގައުމުތަކުގެ ވެރިކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ގައުމުތަކުގެ ވެރިކަންތައް ފުރޮޅާލުމުގައިވެސް، ގައުމުތަކުގެ އަސްކަރީ ބާރުތަކުން ބާރުގެ ބޭނުންކޮށް ގައުމުތަކުގައި ވެރިކަންވެސް ކޮށްފައި އެބަހުއްޓެވެ.
މިއަދު މިޔަންމާއަށް ކުރިމަތިވެގެން އުޅޭ މައްސަލައިގެ އަސްލަކީ އެގައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ސިޔާސީ ބާރުތައް ދެމެހެއްޓުމަށް އަސްކަރިއްޔާއިން ބޭނުންވުމެވެ. އަދި މިނޫނަސް ޚުދުމުޚްތާރު ވެރިކަންތައް މިއަދު ގާއިމްވެފައިވާ ބައެއް ގައުމުތައް ކަމުގައިވާ ވެނެޒުއޭލާފަދަ ގައުމުތަކުން ވެރިކަން ދަމަހައްޓަމުންދަނީ، އަސްކަރިއްޔާގެ މަތީ މަގާމްތަކަށް، އެގައުމުގެ ވެރީންގެ ގޮޑިކޮށްކޮ މީހުން އަޔަން ކޮށްގެންނެވެ.
އެހެންކަމުންވެ، ދުނިޔޭގެ ގައުމުތަކުގައި، ރައްޔިތުންގެ ސީދާ ވޯޓުން ވެރީން އިންތިޚާބު ކުރިކަމުގައިވި ނަމަވެސް، އެފަދަ ގައުމުތަކުގައިވެސް އަސްކަރިއްޔާގެ ބާރު ނުހަނު ގަދައެވެ. ސަބަބަކީ، އަސްކަރީ ޖެނެރަލުންނަކީ، ވެރީންގެ އަމުރަށް، އަމަލީގޮތުން ހުރިހާ ކަމެއް ތަންފީޒުކުރުމުގައި އަބަދުވެސް ތައްޔާރަށް ތިބޭ މިހުންކަމުގައި ވާތީއެވެ. ޗެއިން އޮފް ކޮމާންޑް މަަސައްކަތް ކުރާނީ، އަސްކަރީޖެނެރަލުންގެ އަތްމަތިން ކަމަށް ވާތީއެވެ.
އެހެންކަމުން، ގައުމާއި ވެރީންނަށް ސައްތައިން ސައްތަ އިޚްލާސްތެރި މީހުން ސަލާމަތީ ބާރުތަކުގައި ތިބުން މުހިންމު ވަނީ މިސަބަބު ތަކަށްޓަކައެވެ. އަދި ހުރިހާ ގައުމެއްގައިވެސް ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ މީހުން ޚިދުމަތަށް ނިކުތުމަށްފަހު، ކުރާ ގަދަ ހުވައެއްގެ މަތީގައި ދެމިތިބެންޖެހެނީ ވެސް މިސަބަބުތަކަށްޓަކައެވެ. ދިވެހި ރާއްޖޭގައިވެސް، ދިވެހި ސިފައިން ޚިދުމަތަށް ނުކުތުމުގެ ކުރިން، ﷲ ގަންދީ ހުވާކުރައްވަނީ، ދީނާއި، ގައުމާއި ވެރީންނަށް އޮންނަންޖެހޭ އިޚްލާސްތެރިކަމުގެ ބޮޑު ކަމުންނެވެ.
އުތުރު ތިލަފަޅުގެ މައްސަލަ
އުތުރު ތިލަފަޅުގެ މައްސަލައަކީ، މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ހޫނުކޮށް ބަހުސް ކުރެވެމުންދާ މައްސަލައެވެ.
މިމައްސަލައިގެ މައިގަޑު އަސްލަކީ، އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު ރާއްޖެއިން ސޮއިކުރި ހިސާބެވެ. މިގޮތުން މާލެ އަތޮޅު އުތުރު ތިލަފަޅުގެ “ސިފަވަރު”ގައި ތަރައްޤީކުރާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ، 2016 ވަނަ އަހަރުގެ އެޕްރީލްމަހު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ސޮއިކުރެވުނު “ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން”ގެ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގެ ދަށުން އެކުލަވާލި އެއްބަސްވުމެކެވެ.
މި މަސައްކަތުގެ ދަށުން އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގައި އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.
މުޅި މައްސަލައަށް ބަލާއިރު، އުތުރު ތިފަޅުގައި، ދިވެހި ސިފައިންނަށް ބޭނުންވާ ޚިދުމަތްތައް ގާއިމް ކުރުމުގެ އަސްލު މަސައްކަތް ފެށިފައިވަނީ، ފާއިތުވެދިޔަ ވެރިކަމުގައެވެ. ރައީސް ޔާމިންގެ ސަރުކާރުން ހަމަ މިތަނުގައި ޚިދުމަތްތައް ގާއިމް ކުރުމަށް އިންޑިއާ ސަރުކާރާ މަޝްވަރާ ކޮށްފައިވެއެވެ.
އެހެންނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގައި އިންޑިއާއަށް ކަޑައަޅުއްވާފަ ހުންނެވި ސަފީރު، އަހުމަދު މުހައްމަދު، އަންޑޭ ވިދާޅުވެފައިވަނީ، އޭރު އެމަސައްކަތް ކުރިޔަށް ނުގެންދެވިފައި އޮތީ، ކުރެވުނު މަޝްވަރާތަކުން ޑޮކްޔާޑުގެ އެކްސްކުލޫސިވިޓީ ހަމަ އެކަނި އިންޑިއާ އަށް އޮންނަ ގޮތަށް އެޤައުމުން ބޭނުންވާތީ، އެ ގޮތަށް އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުން ބޭނުން ނުވާތީ ކަމުގައެވެ.
ބެލެވޭ ގޮތުގައި، މިސަރުކާރުން ސޮއިކޮށްފައިވާ މިއެއްބަސްވުމުގެ ކަންބޮޑުވުން މިހާރުގެ އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދަނީ މިއަސާސްގެ މައްޗަށް ބިނާކޮށެވެ. އެއީ، އިންޑިއާއި މިސަރުކާރުން ބާއްވަމުން ގެންދާ ގާތްގުޅުމުގެ މައްޗަށް ބިނާކޮށް، މިއެއްބަސްވުމުގައި މިހާރު ސޮއިކުރެވިފައިވާއިރު، މި އެކްސްކުލޫސިވިޓީއާ ނުލާ އިންޑިއާއިން މިފަދަ ބޮޑު މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށް ނުދޭނެކަމަށް ގަބޫލުކުރެވިގެން ކަމުގައި ބެލެވެއެވެ.
ކޮންމެ އަކަސް، ކަމުގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިނަމަވެސް، މިސަރުކާރުން މި ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކީ ސޮއިކޮށްފައިވާ އެއްބަސްވުން އާންމު ކޮށްފައެއް ނުވެއެވެ. އަދި މި އެއްބަސްވުން ކަމުގައި ބުނެ، ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައިވާ އެއްބަސްވުމަކީ ސައްޙަ އެއްބަސްވުމެއް ނޫންކަމުގައިވެސް ސަރުކާރުން ވަނީ ބުނެފައެވެ.
އަދި، މި އެއްބަސްވުމާ ގުޅޭގޮތުން، އެތައް ގޮތަކަށް ވާހަކަތައް ދެކެވި، އެކި ގޮތްގޮތަށް ދެކެވެމުންދާ މިވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން، މިއެއްބަސްވުމާއިމެދު، އާންމުން ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި، ސިޔާސީ ބޮޑު ކޯޅުމަކަށް މިއުދާސްތައް ބަދަލުވެގެން ގޮސްފައިވި ނަމަވެސް، ސަރުކާރުން ބުނެފައިވަނީ، މިއެއްބަސްވުމުގައި، ގައުމުގެ އިސްތިގުލާލަށް އުނިކަން އަންނަ އެއްވެސް ކަމެއް ހިމެނިފައި ނުވާނެކަމުގައެވެ. މި އެއްބަސްވުމާއި ގުޅޭގޮތުން މިނޫން އެއްވެސް ޖަވާބެއް، މައުލޫމާތެއް ސަރުކާރުގެ ކަމާ ގުޅުންހުރި އެއްވެސް ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ.
އަދި ސަރުކާރުން މިއެއްބަސްވުން އާންމުކުރުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމާއިއެކު، އެންމެ ފަހުން ފެނިގެން މިދިޔައީ ދިވެހި އަސްކަރިއްޔާގެ ލީޑަރޝިޕުން ކުރިޔަށް ނިކުންނަވާ، މިއެއްބަސްވުން ދިފާޢުކުރައްވާ، ކުރެވެމުންދާ މިތުހުމަތުތަކަށް ރައްދު ދެއްވި މަންޒަރުތަކެވެ.
އަސްކަރިއްޔާއަށް އަމާޒުވާ ފާޑުކިއުން
އަޅުގަޑުމެން އަބަދުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކަކީ، ސިޔާސީ ތަޅާފޮޅުންތައް ހިގަމުންދާނޭ ކަމެވެ.
އަދި އަމުދުން ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު ބައްޓަންވެފައި އޮތްގޮތުން، މިސިޔާސީ ހަނުޖެހުމަށް ނިމުމެއް ނެތްކަން، މިއީވެސް، ހުޅުވިފައިވާ ސިކުނޑިއަކުން ވިސްނާލާއިރު މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ސަބަބަކީ އިދިކޮޅު ލީޑަރު އޮންނެވީ ޖަލުގައި ކަމަށް ވާތީއެވެ. އަދި މިހާރު ވެރިކަމުގައި ތިއްބެވީ، އޭރުގެ ސަރުކާރުން ޖަލައް ލައްވައިގެން އެތަކެއް އަނިޔާތަކެއް ތަހައްމަލް ކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅުން ކަމުގައިވާތީވެސް މެއެެވެ.
ހަމަ މިއާއެކު، މިދެންނެވުނު ސިޔާސީ ތަޅާފޮޅުމުގެ ތެރެއިން، ފެނިގެންދިޔަ ތަފާތު މަންޒަރަކީ، މިމައްސަލާގައި ދިވެހި އަސްކަރިއްޔާއަށް އަމާޒުވެގެން ދިޔަ ފާޑު ކިއުންތަކެވެ. ދިވެހި އަސްކަރިއްޔާއިން، ގައުމުގެ އިސްތިގުލާލު ގުރުބާން ކޮށްފައިވާކަމުގެ ތުހުމަތުތަކާއި، އަދި މީގެ އިތުރުން، އަސްކަރިއްޔާގެ އިސްބޭފުޅުން ރިޝްވަތު ހިއްޕަވާފައިވާ ކަމުގެ އެތައް ތުހުމަތެއްވެސް މިމައްސަލައާއި ގުޅިގެން އަސްކަރިއްޔާއަށް އަމާޒު ކޮށްފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
މިހުރިހާ ސަބަބުތަކެއް މިގޮތަށް ހުރި ކަމުގައިވި ނަމަވެސ،ް އުތުރު ތިފަޅުގެ މައްސަލާގައި އަދި މިހާތަނަށް ދެކެވެމުން ގޮސްފައިވާ ވާހަކަތަކާއި، ހިގާފައިވާ ހުރިހާ ޒުވާބަކީވެސް، އޭގެ މައްޗަށް އެއްވެސް ހުއްޖަތެއް ގާއިމް ކުރެވިފައިވާ ކަންކަމެެއް ނޫނެވެ. ސަބަބަކީ، މި ފަޅު ތަރައްގީ ކުރުމުގައި އިންޑިއާ ސަރުކާރާއެކު ހެދިފައިވާ އެއްބަސްވުން ސަރުކާރުން ހާމަކޮށްފައި ނުވުމާއި، އަދި ރަސްމީ ހުރިހާ ފަރާތަކުންވެސް ދެކެވެމުންދާ ވާހަކަތައް ދޮގު ކޮށްފައިވާތީއެވެ.
އެންމެ ފަހުން އަސްކަރިއްޔާގެ ރައްދު
އުތުރު ތިފަޅުގެ އެއްބަސްވުމާއި ގުޅިގެން ހިގަމުންދާ ސިޔާސީ ކޯޅުމުގައި ސިޔާސީ ފަރާތަތްކުން އެއްބަޔަކު އަނެއްބަޔަކަށް ދެމުންދާ ރައްދުތަކުގެ އިތުރަށް، މިމައްސަލާގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އެންމެ ފަހުން ދިވެހި އަސްކަރިއްޔާއިން މިވަނީ ރައްދު ދީފައެވެ.
މިގޮތުން މީސްމީޑިއާގައި މިމައްސަލައާއި ގުޅޭގޮތުން ކުރެވެމުންދާ ޒުވާބުތަކާއި، އަމާޒު ކުރެވެމުންދާ ތުހުމަތުތަކަށް ރައްދު ދެއްވުމަށް ދިވެހި އަސްކަރިއްޔާގެ މުޅި ލީޑަރޝިޕް އެކުވެގެން ބޭއްވީ ޚާއްސަ ނޫސް ކޮންފަރެންސެކެވެ. މި ނޫސް ކޮންފަރެންސްގައި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް ވިދާޅުވީ، ގައުމަށް އެތައް ޚިދުމަތްކެއް އެތައް ދުވަހެއް ވަންދެން ކޮށްދެއްވަމުން ގެންދަވާ އެމްޑީއެފްގެ ޖެނެރަލުންގެ އަގުވައްޓާލުމަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ބަލައިނުގަނެވޭނަ ކަމަށެވެ. އަދި މި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ މުޅި ލީޑަރޝިޕުން މިއެއްބަސްވުން ދިފާއުކޮށް، އެ މުވައްސަސާއާއި ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް ދޮގު ކޮށްފައި ވެއެވެ.
އެހެންނަމެވެސް، އެމްއެންޑީއެފް ލީޑަރޝިޕްގެ މި ޕްރެސްއަށްފަހު، މިމައްސަލާގައި އެމުވައްސަސާގެ އަސްކަރީ ލީޑަރޝިޕް މިއުސޫލުން ޖަވާބު ދާރީވާން ޖެހޭތޯ މިއީ މިއަދު އެތައް ބަޔަކު ކުރަމުންދާ ސުވާލެކެވެ.
ސަބަބަކީ، އުތުރު ތިލަފަޅު އެއްބަސްވުމާ ގުޅުވައިގެން އަދި ކުރެވެމުންދަނީ ހަމައެކަނި ތުހުމަތު ތަކަކަށް ވާތީއެވެ. އަމުދުން، ދެކެވެމުންދާ ވާހަކަތަކެއް ދައްކަމުންދަނީވެސް ސިޔާސީ މީހުންނެވެ. އަދި މިވާހަކަތައް ދައްކަމުންދަނީވެސް، ސަރުކާރަށް ފާޑުކިއުމުގެ ރޫޙުގައި، ސަރުކާރާ ދެކޮޅަށް އުފެދިފައިހުރި ޖަޒުބާތަތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކުން އެކަންޏެވެ. މިފަދަ މުހިންމު ހައްސާސީ އެއްބަސްވުމަކާ ގުޅޭގޮތުން ޚިޔާލު ފާޅުކުރަން ބޭނުންވާނޭ ފަންނީ އެތައްބަޔަކު އަދިވެސް ތިބީ ހަނުއެވެ. ފަންނީ ފެންވަރެއްގައި، އެއްވެސް ހަގީގަތެއްގެ މައްޗަށް ބިނާކޮށް ދެކެވިފައިވާ އެއްވެސް ވާހަކައެއް އަދި މިހާތަނަށް އިވިފައެއް ނުވެއެވެ.
މިހާލަތު މިގޮތަށް އޮއްވާ، މުޅި އެމްއެންޑީއެފްގެ ލީޑަރޝިޕް، ޕްރެސް ކޮންފަރެންސަކަށް އަރުއްވާ، އެބޭފުޅުންނަށް އަމާޒުކޮށްގެން ނަމަވެސް، ދެމުންދާ ސިޔާސީ ޒުވާބުތަކަށް ރައްދު ދެއްވުމަކީ، އިންތިހާއަށް ސިޔާސީ ވެފައ އޮތް މައްސަލައެއްގައި، އެމުވައްސަސާއިން އެޅުއްވި އެންމެ ރަގަޅު ފިޔަވަޅުތޯ މިއީ ހަގީގަތުގައިވެސް އުފެދޭ ސުވާލެކެވެ.
އަދި އަމުދުން، އެމްއެންޑީއެފްއަށް ފާޑުކިއުން އަމާޒުވެގެން ދިޔަނަމަވެސް، އެމުވައްސަސާގައިވެސް، ސިޔާސީގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލައްވަންޖެހޭ، ކެބިނެޓަށް ޖަވާބުދާރީވާ ވަޒީރެއް ހުރިކަންވެސް ހަދާން ނައްތާލައިގެން ނުވާނެއެވެ. އެވުޒާރާގައި މަސައްކަތް ކުރައްވާ ޔުނިފޯ އެޅުއްވި ބޭކަލުން، ބޭކަނބަލުންނާއި، ކުލަހެދުމުގައި އިންނަވާ ވަޒީރާ، ކަންކަމާ ކުރިމަތި ލެއްވުމުގައި އުޑާ ބިމާހާ ތަފާތުވާނޭކަން މިއީ އަބަދުވެސް ދަންނަން ޖެހޭނެ ޙަގީގަތެކެވެ.
އަދި ވަކީން ޚާއްސަކޮށް، އުފެދިފައިވާ ހިންހަމަ ނުޖެހުންތަކާއި، ކިޔެމުންދާ ފާޑު ކިއުންތަކަކީ، ގައުމީ ސަލާމަތަށްޓަކާ ނަމަވެސް ސިއްރުކޮށްފައި އޮތް އެއްބަސްވުމެއް ހާމަ ނުކޮށްގެން އުފެދިފައިވާ ދެބަސްވުމަކަށް ވާއިރު، މިއެއްބަސްވުން ސިއްރު ކުރެވިފައި ދެމި ނޯންނާނެކަމަށްވެސް މިއަދު ހިސާބު ޖަހަން ޖެހެއެވެ. ސަބަބަކީ، ގުޅި ލާމެހިފައިވާ، އަދި ހުޅުވިފައިވާ އަދުގެ ދުނިޔޭގައި، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވެސް، ކަންކަން ސިއްރު ކުރުމުގެ ސިޔާސަތަކީ ކާމިޔާބު ކުރެވިފައިވާ ސިޔާސަތަކަށް ނުވާތީއެވެ.
އެހެންކަމުން މި އެއްބަސްވުން ވަރަށް އަވަހަށް ހާމެގެން އަންނާނެ ކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެދުވަހަކުން، މިއެއްބަސްވުން މިއަދު ސިއްރު ކުރަން ޖެހުނު "ބޮޑު ސިއްރު" އާންމު ވެގެންވެސް އަންނާނެެވެ. ބެލެވޭ ގޮތުގައި، އެހާތަނުން، މިހާރު މިކުރެވޭ ބަހުސްތަކުން މުޅިން އާކުރިތަކެއް ފަޅާ، ހަމަ ސިޔާސީ މީހުން އެކަކު އަނެކަކަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ، އެމްއެންޑީއެފްއަށްވެސް، އަސާސެއް އޮތަސް ނެތަސް، ތުހުމަތުގެ އިގިލި އަމާޒުކުރާނެއެވެ.
އަސްކަރީ ޔުނިފޯމުގައި ތިއްބަވާ ބޭފުޅުން، ސިޔާސީ ޒުވާބުތަކުން ރެކި ވަޑައިގަންނަވަން، ކުރީސަފަށް މިއިން ކޮންމެ ފަހަރަކު ނިކުންނަވަން ޖެހިވަޑައިގަންނަވާނަމަ، އެބޭފުޅުންގެ ގައިކޮޅުގައި ސިޔާސީ ކުލަ ހޭކި ދިއުމަކީ ނުވުމަށްވުރެ ވުން ކައިރި ކަމެއްކަމުގައި ދަންނަވަން ޖެހެއެވެ.
އޭގެ ބަދަލުގައި، ގައުމުގައި ހިގާ ސިޔާސީ ކޯޅުމުން އަންނަ ޕްރެޝަރ މަތަކުރައްވައިގެން، މިއެއްބަސްވުން އާންމުވެ، އޭގެ ޒާތުގައި، މިއަދު އެބޭފުޅުން އެވިދާޅުވާ ފަދައިން، މި އެއްބަސްވުމުން ދިވެހި ގައުމިއްޔަތާއި އިސްތިގުލާލާއި އަދި ކަރާމާތްވެސް ގުރުބާން ވެގެން ގޮސްފައި ނުވާކަން ސާބިތުވެ، އެކަން ހާމަވެގެން ދިއުމުން ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުން ކޮށްގެން ތިބި އިތުބާރު އެތައް ގުނައަކަށް އިތުރުވެގެން ދިއުން މާމޮޅެވެ. އެދުވަހަކުން، ދިވެހި އަސްކަރިއްޔާއަށް އެއްތަބަޔަކު ކުރަމުންދާ އިތުބާރު އަނެއްކާވެސް އެތައްގުނަޔަކުން އިތުރުވެގެންދާނެ ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އަސްކަރީ ލީޑަރޝިޕަކީ، އެއްވެސް ހާލަތެއްގައި ސިޔާސީ މީހުންގެ ކައްފާރާއަކަށް ވެގެން ނުވާނެއެވެ.