ދިފާއީ ބާރާގުޅުވައިގެން ހަގީގަތެއް ނެތް ދޮގު ޚަބަރުތައް ފެތުރުން ހުއްޓުވޭނެ ގޮތްތައް ބަލަމުން ގެންދަވާކަމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
ގައުމީ ދިފާއީބާރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، މިފަދަ ހަގީގަތެއް ނެތް ދޮގުތައް ފެތުރުމަކީ ހިތާމަހުރި ކަމެއް ކަމަށާއި އެކަންކަން ވަރަށް ސީރިއަސްކަމެއްގެ ގޮތުގައި ނަގާނެ ކަމަށެވެ. އަދި އުތުރު ތިލަފަޅުގެ އެގްރީމެންޓްކަމަށް ބުނެ ދައުރުކުރަމުންދާ ލިއުމާގުޅުވައިގެން ދިފާއީބާރުގެތެރޭގައި އެކިއެކި ކަންކަން ހިނގަމުންދާކަމަށްބުނެ ނޫސްތަކުގައި ޚަބަރު ފަތުރަމުންދާކަމަށާއި މިފަދަ ހަގީގަތެއް ނެތް ވާހަކަތަކަކީ ދޫނުދެވޭނެ ކަންކަން ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އަސަރުކުރާނެ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ ސިފައިން އެކަމަކަށް އެއްބާރުލުންދީގެން ނުތިބޭނެކެން ތާރީހުގައިވެސް ސިފައިން ސާބިތުކޮށްދީފައިވާނޭކަމަށް ވެސް ޗީފް އޮފް ޑިފެންސްފޯސް ވިދާޅުވިއެވެ.
މީގެއިތުރުން އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެތަނުގައި ހަރިޔާރުއެޅި ސިފައިން ތިބޭނެފަދަ އެއްވެސް މާއްދާއެއް ނެތް ކަމަށާއި އެތަން ތަރައްގީކުރުމުން އެތަން އޮޕަރޭޓްކުރާނީ 100 އިންސައްތަ ދިވެހި ދައުލަތުން ކަމަށްވެސް ޝަމާލް ވިދާލުވިއެވެ.
މި ފެސިޓީއަކީ ދިފާއީ ބާރުން ބޭނުންވެގެން ދިވެހި ސިފައިނަށް ތަރައްޤީކޮށްދޭ ތަނެއް، މިކަން ކުރަން ސަރުކާރަށްވެސް ޕްރެޝަރ ކުރަނީ ސިފައިންނަށް މިފަދަ ތަނެއްގެ މުހިންމުކަން ބޮޑުކަމުން
– ޝަމާލް
މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތާގުޅުވައިގެން އެމްއެންޑީއެފުން ރިޝްވަތު ނަގާފައިވާ ވާހަކަތަކެއްވެސް ބައެއް މީޑިއާތަކުން ފަތުރާފައިވާތަން ވެސް ފެނިފައި ވާކަމަށާއި މިފަދަ ބޭސްލެސް ވާހަކަތަށް ފެތުރުމަކީ ހިތާމަހުރި ކަންކަން ކަމަށް ޝަމާލް ވިދާޅުވިއެވެ.
ރާއްޖޭގެ ސަލާމަތާއި ދިފާއާ ގުޅޭގޮތުން އަދި ހާއްސަކޮށް ދިވެހި ސިފައިންގެ ކަރާމަތާއި އިއްޒަތަށް އުނިކަން އަންނަ ފަދަ، ކަނޑައެޅިގެން ދޮގު ހަބަރުތައް ފަތުރާނަމަ އެކަން ހުއްޓުވުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަމުންގެންދާނެކަމަށްވެސް ޗީފް އޮފް ޑިފެންސްފޯސް މިއަދު ވަނީ ވިދާޅުވެފައެވެ.