ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތިގެ ޚިދުމަތްދޭ ތަންތަނުގެ ވިޔަފާރި އަށް ގެއްލުންވަމުންދާތީ އެތަންތަން ބަންދުކޮށް ހަޅުތާލު ކުރަން ނިންމާފައިވާ ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ބުނީ މިފަދަ ނިންމުމެއް ނިންމަންޖެހުނީ ސަރުކާރާއި ދައުލަތުގެ މުައްސަސާތަކާ ބައްދަލު ކޮށްގެން ވެސް ރެސްޓޯރަންޓް ވިޔަފާރިތަކަށް ހުރި ދަތިތަކަށް އެދެވޭ ހައްލެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި މިކަމަށް އެކަށީގެންވާ ހައްލެއް ސަރުކާރުން ހޯދައިދެންދެން ހަޅުތާލު ކުރިއަށް ގެންދަން ނިންމާފައިވާކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ. ނަމަވެސް ހަޅުތާލު ފަށަން ނިންމާފައިވާ ދުވަހެއް ހާމައެއް ނުކުރެއެވެ.
މާލެ ސަރަޙައްދުގައި ކޯވިޑް-19ގެ ހާލަތު ވަރަށްބޮޑަށް ގޯސްވެފައިވާތީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ކެފޭ، ހޮޓާ، ރެސްޓޯރަންޓް ތަކުން ރޭގަނޑު 20:00ގެ ފަހުން ކެއިންބުއިމުގެ ޚިދުމަތްދިނުން ވަނީ މަނާކޮށްފަ އެވެ. އަދި ޑެލިވަރީގެ ހިދުމަތް ރޭގަނޑު 10:30 އާއި ހަމައަށް ދެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. މިކަމުގެ ސަބަބުން ކާބޯތަކެތީގެ ޚިދުމަތްދޭ ވިޔަފާރިތަކަށް ސީދާގޮތެއްގައި ގެއްލުންވަމުން އަންނަކަމަށް އެފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
ރެސްޓޯރަންޓުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތަކުންވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އެޗްޕީއޭއާ ވެސް މަޝްވަރާ ކޮށްފަ އެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިން ތަކުގެ ސަބަބުން، ކެފޭ، ރެސްޓޯރަންޓް ތަކާއި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށްވެސް އިއްޔެގެ ޖަލްސާގައި ވަނީ ބަހުސްކޮށްފަ އެވެ.