ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި

ޕެލޭގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 11:55
0

ރަސްމީ މެޗުތަކުގައި ބްރެޒިލްގެ ލެޖެންޑް ޕެލޭ ހަދާފައިވާ ލަނޑު ޖެހުމުގެ ރެކޯޑް ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ރޭ މުގުރާލައިފިއެވެ.

ރޮނާލްޑޯ އެ ރިކޯޑު މުގުރާލީ އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެރޭ ކަލިއާރީ އަތުން ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ޔުވެންޓަސް މޮޅުވި މެޗުގައި ހެޓްރިކް ހަދައިގެންނެވެ. އެގޮތުން މި މެޗުގެ 32 މިނެޓު ތެރޭ ހެދި ހެޓްރިކާއެކު، ރަސްމީ މެޗުތަކުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ 770 އަށް އަރާފައެވެ. ރަސްމީ މެޗުތަކުގައި ޕެލޭ ޖަހާފައިވަނީ 767 ލަނޑެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ރޭ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި ލިޔެފައިވަނީ ދުނިޔޭގެ ލަނޑު ޖެހުމުގެ ރެކޯޑްގެ ކުރީގައި އޭނާގެ ނަން އޮވެ ޕެލޭގެ ރެކޯޑް މުގުރާލުމަކީ ދުވަހަކު ވެސް އޭނާ އުއްމީދުކުރި ކަމެއް ނޫން ކަމަށާއި މިއީ ލިބިގެންދިޔަ ފަހުރެއް ކަމަށެވެ.

މި ލިސްޓުގެ އެއްވަނައިގައި ރޮނާލްޑޯ އޮތް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކުރި ނަމަވެސް، ޗެކް ރިޕަބްލިކުގެ ފުޓްބޯޅަ އެސޯސިއެޝަނުން ހާމަކޮށްފައިވާ ގޮތުން ރަސްމީ މެޗުތަކުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑު އޮތީ އޮސްޓްރިއާ އާއި ޗެކޮސްލޮވާކިއާގެ ކުރީގެ ފޯވާޑް ޔޯސެފް ބިކޭންގެ އަތުގައެވެ. އެގޮތުން އެ އިދާރާގެ ބަޔާނުގައިވާ ގޮތުން ބިކޭން ވަނީ ރަސްމީ މެޗުތަކުގައި 821 ލަނޑު ޖަހާފައެވެ

ރޮނާލްޑޯ ރަސްމީ މެޗުތަކުގައި ޖެހި ގޯލުތަކުގެ ތެރެއިން 668 ގޯލު ޖެހީ އޭނާ ކުޅުނު ކްލަބްތަކަށެވެ.

ރަސްމީ މެޗުތަކުގައި ރޮނާލްޑޯ 770 ލަނޑު ހަމަކުރިއިރު، އޭގެ ތެރެއިން 668 ލަނޑު އޭނާ ޖަހާފައިވަނީ ކުލަބު ކެރިއަރުގައެވެ. އަދި ޕޯޗުގަލުގެ ޤައުމީ ފުޓްބޯޅަ ޓީމަށް އޭނާ ވަނީ 102 ލަނޑު ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.