އާސެނަލް އިން ޓޮޓެންހަމަ ބަލިކޮށްފި

އާސެނަލް އިން ޓޮޓެންހަމަ ބަލިކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2021 11:47
0

އިނގިރޭސ ޕްރިމިއާ ލީގުގައި ރޭ އާސެނަލުން އިން ޓޮޓެންހަމް ބަލިކޮށްފިއެވެ.

ރޭގެ މެޗު އާސެނަލް އިން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. ޕްރީ މެޗް ޕްރޮޓޮކޯލްއާ ހިލާފުވުމުން އާސެނަލުން ރޭގެ މެޗުގައި ކުޅުނީ އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން ނުލައެވެ. އާސެނަލް މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން އަލެކްސަންޑަ ލަކަޒޭޓް އެވެ. މިއީ ޓޮޓެންހަމްގެ ޑަވިންސަން ސަންޗޭޒް އޭރިއާތެރެއިން ލަކަޒޭޓް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އާސެނަލް ދަނޑުގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި ޓޮޓެންހަމަށް ލީޑުނަގައިދިނީ އާޖެންޓީނާގެ މިޑްފީލްޑަރު އެރިކް ލަމޭލާއެވެ. ސޮން ހެއުން މިން އަށް އަނިޔާވުމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލަމޭލާ މި ގޯލު ޖެހީ ރަބޯނާ ކިކަކުންނެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ އެމީލް ސްމިތް ރޯވް އާއި ސެޑްރިކް ސޮއާރޭސް ޖެހި ޝޮޓްތައް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، އެ ޓީމަށް އެއްވަރުކޮށްދިން ގޯލު މެޗުގެ 44 ވަނަ މިނިޓްގައި ޖެހީ މާޓިން އޮޑެގާޑްއެވެ. މެޗުގެ 76 ވަަނަ މިނިޓްގައި ޓޮޓެންހަމްގެ ލަމޭލާ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ރޭގެ ނަތީޖާއާ އެކު ޓޮޓެންހަމް ލީގުގެ ހަތް ވަނައިގައި އޮތީ 28 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް 10 ވަނައިިގައި އޮތީ 28 މެޗުން 41 ޕޮއިންޓާ އެކު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.