ކުމާރު ސާނޫ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ކުމާރު ސާނޫ ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ކުމާރު ސާނޫ (ސާނޫ ދާ) ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާއިން އިއްޔެ ބުނީ ސާނޫ ދާ ކޮވިޑަށް ޕޮޒިޓިވް ވީ އާއިލާ ކައިރިއަށް ލޮސް އެންޖަލިސް އަށް ދަތުރު ކުރުކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. ކުމާރު ސާނޫގެ އަންހެނުން ސަލޯނީ އާއި ދެ އަންހެންދަރިން ދިރިއުޅެމުން އަންނަނީ ލޮސް އެންޖަލިސްގައެވެ.

ބޮމްބޭ ޓައިމްސް އާއި ވާހަކަދައްކަމުން ސާނޫ ދާ ކުރިން ބުނެފައި ވަނީ އޭނާ އަންހެނުންނާއި ދަރިން ދެކިލަން ކެތްމަދުވެފައި ވާކަމަށާއި އެމީހުނާއި އެކު ވަގުތު ހޭދަނުކުރެވޭތާ 9 މަސްވެފައި ވާކަމަށެވެ. އެހެންކަމުން އޭނާގެ އުފަންދުވަސް ކަމަށް ވާ މި މަހުގެ 20 ވަނަ ދުވަސް އަންހެނުންނާއި ދަރިންނާއެކު ފާހަގަކުރުމަށް އެލްއޭ ކުރުމަށް ރާވަމުންދިޔަ ދަތުރުވެސް ކޯވިޑަށް ޕޮޒިޓިވް ވުމުން ވަނީ ފެނަށް ގޮސްފައެވެ.

90 ގެ އަހަރު ތަކުގައި އިންޑިއާގެ ރަން އަޑުގެ ގޮތުގައި ފާހަގަވި ކުމާރު ސާނޫ އާއިލާ އާއި އެކު ޗުއްޓީ ހޭދަކުރުމަށްފަހު އަނބުރާ މުމްބާއީއަށް އައުމަށް ކުރިން ރާވާފައި ވަނީ އަންނަ ޑިސެމްބަރު މަހު ކުރީކޮޅު އޭނާގެ އަންހެނުންގެ އުފަންދުވަސް ވެސް ނިންމާފައެވެ. އެލްއޭގައި ހުރި ސާނޫ ދާގެ އަންހެނުން މީޑިއާ އަށް ބުނީ ސާނޫ ދާ މިވަގުތު ހުރީ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ކަމަށެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު އަންނަ މަހު 8 ގައި ސާނޫ ދާ އެލްއޭ އަށް ދަތުރުކުރުމަށް މިހާރު ރާވާފައި ވާކަމަށެވެ. އަދި އެހާއިރަށް ވެސް ދަތުރު ކުރެވޭވަރު ނުވެއްޖެނަމަ ދަރިންނާއިއެކު ސަލޯނީ މުމްބާއީއަށް ދަތުރުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

މިމަހުގެ 20 ވަނަ ދުވަހު 63 އަހަރު ފުރޭ ކުމާރު ސާނޫ އަކީ އަޅުގަނޑުމެން ދިވެހިންގެ ތެރޭގައިވެސް 90ގެ އަހަރުތަކުގައި އެންމެ މަޤްބޫލު އެއް ލަވަކިއުންތެރިޔާއެވެ. ދިވެހި ރާއްޖޭގެ އަޑުން އޭރު ގެނެސްދިން ސާނޫ ދާގެ ލަވަތަކަކީ އުމުރުން 30 އަހަރުންމަތީގެ އެމެންވެސް ގާތްގަނޑަކަށް ހިތުދަސް ލަވަތަކެކެވެ. އެއް ދުވަސްތެރޭ 28 ލަވަ ރެކޯޑުކޮށްގެން 1993 ވަނަ އަހަރު ކުމާރު ސާނޫ ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ. އަދިއަދަށް ދާންދެންވެސް އެހެން ލަވަ ކިއުންތެރިއަކަށް، އެއްދުވަސްތެރޭ އެންމެ ގިނަ ލަވަ ރެކޯޑުކުރުމުގެ މި ރެކޯޑު މުގުރާލެވިފައި ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *