މިޔަންމާރގައި ސިއްރިޔާތުގައި މަސައްކަތް ކުރަން ފަށާފައިވާ ސަރުކާރުގެ ލީޑަރު

މިޔަންމާގައި ބަޢާވާތާ ދެކޮޅު ސަރުކާރެއް އެކުލަވާލައިފި

މިޔަންމާގައި ބަޢާވާތާ ދެކޮޅު ސަރުކާރެއް އެކުލަވާލައިފި

ގުޅުންހުރި

މިޔަންމާގެ އިންތިޚާބީ ސަރުކާރު ބަޢާވާތަކުން ވައްޓާލާ، އެގައުމުގެ އަސްކަރިއްޔާއިން މިހާރު ކުރަމުންދާ ވެރިކަމާއި ދެކޮޅަށް، މަސައްކަތްކުރާނެ ވެރިކަމެއް، އުވާލާފައިވާ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުން އެކުވެގެން އުފައްދައިފިއެވެ.

މިގޮތުން، ފާއިތުވި ފެބްރުއަރީމަހު، އުވާލާފައިވާ މިޔަންމާރގެ ގާނޫނު ހަދާ މަޖިލިހަށް ނިސްބަތްވާ މެމްބަރުންގެ އިިއްތިފާގުން އެކުލަވާލާފައިވާ ސަރުކާރުގެ ވަގުތީ ލީޑަރަކަށް އައްޔަން ކޮށްފައިވަނީ، މިޔަންމާގެ އަސްކަރީ ސަރުކާރުން މިހާރު ހައްޔަރު ކޮށްފައިވާ އަންގ ސަންގ ސޫކީގެ އެންއެލްޑީ ޕާޓީގެ މެމްބަރެއް ކަމުގައިވާ މަންގ ވިން ޚައިންގ ތަންގއެވެ.

އާ ސަރުކާރެއް އެކުލަވާލާ، ވަގުތީ ވެރިޔަކަށް އައްޔަން ކުރެވުނު ފަހުން، އެންއެލްޑީ ޕާޓީގެ އިސް ގިނަ މެމްބަރުންތެކޭ އެއްގޮތަށް ފިލާ ހުންނަވައިގެން، ފުރަތަމަ ފަހަރަށް، މަންގ ވިން ޚައިންގ ތަންގ ވަނީ މިފަހްތާގެ ހޮނިހިރު ދުވަހު ފޭސްބުކް މެދުވެރިކޮށް މިޔަންމާރގެ ރައްޔިތުންނާ މުޚާތަބް ކުރައްވާފައެވެ. މިޔަންމާރގެ ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން އޭނާ ވަނީ، މިޔަންމާރގައި އޮތް އަސްކަރީ ވެރިކަން ބަދަލުކުރުމަށް "ރައްޔިތުންގެ އިންގިލާބެއް" އެގައުމަށް ގެނައުމަށް ވައުދު ވެވަޑައިގެންފައެވެ.

"މިއަދު އަހަރެމެން ދެކެމުން މިދަނީ މިގައުމުގެ ތާރީޚުގައި ފެންނަމުންދާ އެންމެ އަދިރި ދުވަސްތައް، އެހެންނަމަވެސް އާދުވަހަކަށް އިރުއެރުން އޮތީ ވަރަށް ގާތުގައި،" އޭނާ ވިދާޅުވެފައި ވެއެވެ.

މިޔަންމާގައި މިހާރު ވެރިކަން ކުރަމުންދާ އަސްކަރީ ސަރުކާރާ ދެކޮޅަށް މެދުނުކެޑި ކުރެވެމުންދާ މުޒާހިރާތަކުގައި މިފަހްތާގެ ހޮނިހިރު ދުވަހު ވަނީ 6 މީހަކު މަރުވެފައެވެ. މިއީ، އަސްކަރީ ސަރުކާރާ ދެކޮޅަށް މުޒާހިރާތައް ފެށުނުފަހުން އެންމެ ގިނައަދަދެއްގެ މީހުން އެއްދުވަހެއްގައި މަރުވެދިޔަ ދުވަހެވެ. މީގެތެރެއިން 4 މީހަކު މަރުވެފައިވަނީ، މިޔަންމާރގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމުގައިވާ މަންޑަލޭގައެވެ. އިތުރު 2 މީހަކު މަރުވެފައިވަނީ، މިޔަންމާގެ މެދު ދެކުނުގެ އަވަށެއްކަމުގައިވާ ޕިޔޭ ޓައުނުގައެވެ.

އަސްކަރީ ސަރުކާރާ ދެކޮޅަށް މެދުނުކެޑި ހިގަމުންދާ މުޒާހިރާތަކުގައި މިހާތަނަށް އައިއިރު ޖުމްލަ 70 މީހުންގެ، ފުލުހުންގެ ހަމަލާތަކުގައި މަރުވެފައި ވާކަމަށް، އެސިސްޓަންޓް އެސޯސިއޭޝަން ފޯރ ޕޮލިޓިކަލް ޕްރިސަނަރސް (AAPP) އެޑްވޮކަސީ ގްރޫޕުން ރިޕޯޓު ކޮށްފައި ވެއެވެ. އަދި މި އަދަދު، ޔޫއެންއިން މިޔަންމާރއަށް ކަޑައަޅާފައި ހުންނަވާ އިންޑަޕެންޑެންޓް ހިއުމަން ރައިޓްސް އެކްސްޕާޓު ޓޮމް އެންޑްރޫސްވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މިޔަންމާރގެ އަސްކަރީ ސަރުކާރާ ދެކޮޅަށް އަދި ސިއްރިޔާތުގައި މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އާ ސަރުކާރުގެ ވަގުތީ ނާއިބު ރައީސަކަށް މަންގ ވިން ޚައިންގ ތަންގ ވަނީ ފާއިތުވެދިޔަ ހަފްތާގައި، މަގާމުން ދުރުކޮށްފައިވާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެކުވެގެން މިހާރު އުފައްދާފައިވާ "ދަ ކޮމިޓީ ފޯރ ރެޕްރެސެންޓިން ޕިޑަންގސޫ ލުޓައޮ (CRPH)"ގެ އިއްތިފާގުން އައްޔަން ކޮށްފައެވެ.

އަދި މި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ބައިނަލް އަގުވާމީ މަސްރަހުގެ ރުހުން މިސަރުކާރަށް ހޯދުމަށެވެ.

އަސްކަރީ ސަރުކާރު ބަދަލުކުރުމަށް އުފައްދާފައިވާ މި ސަރުކާރުންވަނީ، މިޔަންމާގައި ފެޑެރަލް ޑިމޮކްރަސީއެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައެވެ. މިގޮތުން ފާއިތުވެދިޔަ ތަނުގައި، މި ސަރުކާރުގެ އިސްބޭފުޅުން ވަނީ، މިޔަންމާރގެ ތާފާތު ދަރިކޮޅުތަކަށް ނިސްބަތްވާ ހަތިޔާރުއެޅި ޖަމާއަތްތަކާ ބަދަލުކުރަން ފަށާފައެވެ. މި ޖަމާއަތްތަކަކީ، މިހާރުވެސް މިޔަންމާގެ ރަށްބޭރުގެ ބޮޑު ސަރަހައްދުތަކަކަށް ބާރު ހިންގަމުންދާ ޖަމާއަތްތަކެކެވެ. އާސަރުކާރުން މައުލޫމާތު ދީފައިވާ ގޮތުގައި، މީގެތެރެއިން ބައެއް ޖަމާއްތަކުން މިހާރުވެސް ވަނީ، އާސަރުކާރަށް އެއްބާރުލުން ދިނުމަށް އެއްބަސް ވެފައެވެ.

"މިޔަންމާގައި ފެޑެރަލް ޑިމޮކްރަސީއެއް ގާއިމް ކުރުމަށްޓަކާ، އެތައް ޒަމާނެއް ވަންދެން، އަސްކަރީ ޚުދުމުޚްތާރު ވެރިކަމުގެ ފަރާތުން އެތަކެއް އަނިޔާތަކެއް ލިބެމުން ގޮސްފައިވާ، މިޔަންމާގެ ހުރިހާ ދަރިކޮޅަކަށް ނިސްބަތްވާ ހުރިހާ ފަރާތްތަކަށްވެސް، މިއީ ރައްޔިތުންގެ އިންގިލާބެއް ގެނައުމަށްޓަކާ ލިބިގެންދާ އެންމެ ރަގަޅު ފުރުސަތު،" ފޭސްބުކް މެދުވެރިކޮށް މިޔަންމާރގެ ރައްޔިތުންނާ މުޚާތަބު ކުރަމުން މަންގ ވިން ޚައިންގ ތަންގ ވިދާޅުވެފައި ވެއެވެ.

މަންގ ވިން ޚައިންގ ތަންގ ފިއްލަވާ ހުންނަވައިގެން، މިޔަންމާރގެ ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅަށް، ފޭސްބުކުގައި އެތައްބަޔަކު މަރުހަބާ ކިޔާފައިވެއެވެ. އަދި ތާއީދުކުރުމުގެ އެތަކެއް މެސެޖްތަކެއް ފޮނުވާފައި ވެއެވެ.

މިޔަންމާގެ އަސްކަރީ ސަރުކާރުންވަނީ، "ދަ ކޮމިޓީ ފޯރ ރެޕްރެސެންޓިން ޕިޑަންގސޫ ލުޓައޮ (CRPH)" މިޔަންމާގައި މަނާކޮށްފައެވެ. އަދި މި ސަރުކާރަށް އެއްބާރުލުންދޭ ކޮންމެ މީހަކުގެ މައްޗަށް ބަޢާވާތް ކުރަން އުޅުނުކަމުގެ ދައުވާ އުފުލާނެކަމުގެ އިންޒާރުވެސް ވަނި ދީފައެވެ. މިޔަންމާގައި ބަޢާވާތް ކުރަމުން އުޅުމުގެ ކުށުގެ އަދަބަކަށް މަރުގެ އަދަބު ދެވެއެވެ.

އެހެންނަމަވެސް، "ދަ ކޮމިޓީ ފޯރ ރެޕްރެސެންޓިން ޕިޑަންގސޫ ލުޓައޮ (CRPH)"އިން ވަނީ އަސްކަރީ ސަރުކާރަކީ "ޓެރަރިސްޓު ޖަމާއަތެއް" ކަމުގައި ކަޑައަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ