ކ. ގާފަރު ގެއަކުން ވަގަށް ނަގާފައިވާ 12،900 ރުފިޔާއަށް ވުރެ ގިނަ ފައިސާތައް ހޯދައި އެކަމުގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ގާފަރު ގެއަކުން 12،995 ރުފިޔާ ވަގަށް ނަގާފައިވާކަމަށް އޮކްޓޫބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެކަމަށް ފުލުހުން ބުނެއެވެ.
ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިންކަމަށާއި، މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ތުލުސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ