ސަރުކާރުން ފެނިގެންދަނީ އިންސާފު ބޮލާލައި ޖަހައި، ބޮޑާކަމައި ކިބުރުވެރިކަން: ޣައްސާން

ސަރުކާރުން ފެނިގެންދަނީ އިންސާފު ބޮލާލައި ޖަހައި، ބޮޑާކަމައި ކިބުރުވެރިކަން: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 11:02
0

މިއަދު ރާއްޖޭގައި އޮތް ސަރުކާރުން ފެނިގެންދަނީ އިންސާފު ބޮލާލައި ޖަހައި، ބޮޑާކަމައި ކިބުރުވެރިކަން އިސްކޮށް ވާދަވެރިންގެ ބާރު ކަނޑުވާލާ މަންޒަރުކަމުގައި ޕީޕީއެމްގެ ނާއިބް ރައީސް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރަށު ބަންދުގައި ތިބެ ރޭ ގދ.ގައްދޫގައި ވާޗުއަލްކޮށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ މިއަދު ވެރިކަމުގައި ތިބި މީހުންގެ ފަރާތުން ފެނިގެންދަނީ ކިބުރުވެރިކަމާއި ބޮޑާކަން އިންތިހާއަށް އިސްކޮށް ތާއަބަދު ވެރިކަމުގައި ތިބުމަށް ކުރާ މަސައްކަތް ކަމުގައެވެ. ވެރިކަމަކީ ތިމާމެންނަށް އުމުރު ދުވަހު ލިބިފައިވާ ތަރިކަ މުދަލެއް ކަމުގައި މިއަދު ވެރިކަން ކުރައްވާ ފަރާތްތަކުން ރައްޔިތުންނަށް ދައްކަމުންދާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

ނަމަވެސް ވެރިކަމަކީ ރައްޔިތުންގެ ކިބައިން ފެށިގެންދާ އެއްޗަކަށްވާއިރު، ރައްޔިތުން ވެރިކަން ދިނުމުން އެކަމަށް ބޮޑާވެ ކިބުރުވެރި ވުމަކީ އޭގެ ނަތީޖާ ވަރަށް ހިތިވާނެ ކަމެއްކަމަށް ރާއްޖޭގެ ވެރިކަމުގެ މާޒީގައި ހިނގާފައިވާ ހާދިސާތަކުން ހެކިދޭކަމަށް ޣައްސާން ވިދާޅުވިއެވެ. އެއްވެސް އިންސާފެއް އަދުލުވެރިކަމެއްނެތި ބާރު އޮތުމުން ބޭނުން މީހަކާއިމެދު ބޭނުން ގޮތަކަށް ކަންކަންކޮށް، ރާއްޖޭގެ ތަރައްޤީގެ ބާނީ ޖަލުގައި ބޭއްވުމަކީ ރައްޔިތުން ދުވަހަކުވެސް މިސަރުކާރަށް ހެޔޮ ނޭދޭނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެން ރައީސް ޔާމީންގެ ފަހަޕް ޕުޅުގައި ތިބީ ދިވެހި މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް، އިލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމަށް. މިއަދު މިކަން ކުރެވެން އޮތީ ކައުންސިލް އިންތިޚާބު ކާމިޔާބްކޮށްގެން. ކައުންސިލް އިންތިޚާބުގެ ވޯޓް ކަރުދާސް ކޮޅަކީ މިކަމުގެ ފުރަތަމަ ފެށުން.

– ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ކައުންސިލް އިންތިޚާބަކީ ރާއްޖޭގެ މަސްރަހު ބަދަލުކޮށްލާނެ، އަދި ރައްޔިތުންގެ ބާރުވެރިކަން ރައްޔިތުންނަށް ލިބެން އޮތް އެންމެ ރަނގަޅު ފުރުސަތުކަމަށެވެ. އަދި މިއީ ރައީސް ޔާމީން މިނިވަން ކުރުމަށާއި، އެމަނިކުފާނު އަލުން ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ރައްޔިތުންނަށް ކޮށްދެވޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައެވެ.

ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމާއި ގުޅިފައިވާ ރައީސް ޔާމީން ޖަލުގައި މިސަރުކާރުން ދެމުންދާ އަނިޔާތަކުގެ ނިމުމަކަށް ވެގެންދާނީ ކައުންސިލް އިންތިޚާބު ކަމަށް ޣައްސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.