ރާއްޖޭގައި މިއަދު ރައްޔިތުން އެދޭފަދަ ވެރިކަމެއް ކުރެވެމުންނުދާތީއާއި، މިނިވަންކަމާއި ސިދާތު ގެއްލިގެންދިއުމުގެ ބިރުބޮޑުވެފައިވާތީ ރައީސް ޔާމީނަށްވެސް ވާދަކުރެވޭނެހެން އަވަސް އިންތިޚާބެއް ބޭއްވުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލައިފި އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން "ލޯޔަލްޓީ ކާޑު" އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއަދު ރާއްޖޭގައި ވެރިކަން ކުރެވެމުންދަނީ ރައްޔިތުންގެ ވިންދާ އިހުސާސްތަކާއި ދިމާ އިދިކޮޅަށް ކަމަށެވެ. މިއަދު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއިމެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދި މިނިވަންކަމަށް ބުރޫއަރާ ހިސާބަށް ސަރުކާރުގެ އަމަލުތައް ގޮސްފައިވާކަމަށެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި، ޒަރޫރީ ކަންކަން ފުއްދުމަށް ބޭނުންވާ ތަކެތިވެސް މިއަދު ޔަގީން ނުކުރެވި އެތައް ރައްޔިތުން މަގުމަތިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީފާގެއްލި، ކުލި ނުދެއްކި، އެތައް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ނިކަމެތިވެފައިވާއިރު، މިކަންކަމާއި ކުރިމަތިލައި ހައްލު ހޯދައިދޭނެ ސަރުކާރެއް ނެތްކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުނު ފަހުން ވެރިކަމާއި ހަވާލުވި ފަރާތްތަކަށް މިއަދު ވެފައިވާ ވައުދުވެސް ނުފުއްދި ރައްޔިތުންގެ އުންމީދުތައްވެސް ހާސިލްކޮށްދިނުމަށް ނުކުޅެދިފައިވާކަމަށެވެ.
ޤައުމުގައި މިއަދު ހުރި މައްސަލަތައް ހައްލުކުރުމަށް ހެޔޮނިޔަތެއްގައި މަސައްކަތް ކުރާ އެއްވެސް ލީޑަރެއް ނެތްއިރު، މިއަދު ރާއްޖެ މިދާ މިސްރާބު ބަދަލު ކުރުމަށްޓަކައި ޤައުމަށް ހެޔޮއެދޭ ވެރިޔަކާއި ޤައުމުގެ ވެރިކަން ހަވާލުކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރެވޭނީ ރައްޔިތުންނަށް އެކަން ޔަގީންކޮށްދެއްވާފައިވާ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނެސްގެންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މިއަދު ނެތް ގައުމަށް ހެޔޮއެދޭ އެއްވެސް ސިޔާސީ ލީޑަރެއް. މިޤައުމަށް ހެޔޮއެދިގެން، ރައްޔިތުންނަށް ހެޔޮއެދިގެން، ކަމެއްކޮށްދިނީ ރައީސް ޔާމީން. އަޅުގަނޑު ސަރުކާރަށް، ރައީސް ޞާލިހުއަށް ގޮވާލަން އަވަސް އިންތިހާބެއް ބާއްވައި ދިނުމަށް. ރައީސް ޔާމީންވެސް ބައިވެރިވެވޭގޮތަށް އަވަސް އިންތިޚާބަކަށް އަޅުގަނޑުމެން ގޮވާލަން.
– އަބްދުއްރަހީމް އަބްދުއްﷲ
އަބްދުއްރަހީމް ވިދާޅުވީ މިއަދު ވެރިކަން ކުރައްވާ ފަރާތުން ޤާނޫނާއި ޚިލާފަށް ރައީސް ޔާމީން ޖަލުގައި ބާއްވައިގެން ދެއްވާ އަނިޔާތަކަށް އިންސާފު ޤާއިމްކުރެވޭނެ ދުވަހެއް އަންނާނެކަމަށެވެ. ރައީސް ޔާމީނަށް އަނިޔާ ދެއްވަނީ ސީދާ ރައީސް، ޞާލިހް އާއި ރައީސް ނަޝީދު އިސްވެ ތިއްބަވައިގެންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްތަކެއްގައި އިދިކޮޅުން ވެރިކަމާއި ހަވާކުވެ މިކަންކަމަށް އިންސާފު ޤާއިމްކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ