ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ތަޢާރަފްކުރި "ލޯޔަލިޓީ ކާޑު" އިދިކޮޅު ކޯލިޝަނުން ތަޢާރަފްކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތަޢާރަފްކުރި މިކާޑުތައް އިފްތިތާހު ކުރުމަށްފަހު ޕްލެޓިނަމް ކާޑުގެ ރަމްޒީ ކާޑް ޕީޕީއެގެ ރައީސް، ރައީސް އަބްދުﷲ ޔާމީންއަށް ވަނީ އަރުވާފައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން މިކާޑާއި ހަވާލުވެ ވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީންއެވެ.
މިކާޑުތަކުގެ ތަފްސީލް ދެއްވަމުން ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވީ މިއީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ނަގައިގެނެވުނު ފިލާވަޅެއްކަމަށެވެ. ޒަމާނާއި އެއްގޮތަށް ސިޔާސީ ޕާޓީ ހިންގަން މިއަދު ދަސްކުރަން ޖެހޭއިރު މިއީ ސިޔާސީ ގޮތުން ޕާޓީ ހިންގުމަށް ލިބިގެންދާ ވަރަށްބޮޑު ފަސޭހައެއްކަމަށެވެ. ސައީދު ވިދާޅުވީ މިކާޑުތަކުގެ ތެރެއިން މެޖެންޑާ ކާޑަކީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އަމާޒުކޮށްގެން ތަޢާރަފް ކުރެވިފައިވާ ކާޑެއްކަމަށެވެ.
އަދި ސިލްވާ، ގޯލްޑް، ޕްލެޓިނަމް ކާޑަކީ ވިޔަފާރި ވެރިންނާއި، ޕާޓީއަށް ހެޔޮއެދޭ ފުދުންތެރި ފަރާތްތަކަށް ޚާއްސަކުރެވިގެން ތަޢާރަފް ކުރެވިފައިވާ ކާޑެއްކަމަށެވެ. ރާއްޖޭގެ އެތައްހާސް ބަޔަކު މިއަދުވެސް ޕާޓީއަށް ހެޔޮއެދި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރައް ތިއްބެވިކަމަށް ސައީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ޕާޓީ ކުރިއަށް ގެންދިއުމަށްޓަކައި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބް ކުރުމަށް ލިބިގެންދާ އިތުރު ހިއްވަރެއްކަމަށެވެ. ޕަރޮގްރޮސިވް ކޯލިޝަނުން ކުރިއަށް އޮތްތަނުގައި ޕާޓީއަށް މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް ފެއްޓުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޕާޓީގެ ކާޑު ބައްލަވައިގެންނެވި ބައެއް ފަރާތްތަކަށް ކާޑުވަނީ މިހަފްލާގައި ހަވާލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ