ކިޑްނީގެ ބައްޔަކީ ނުކުޅެދުންތެރިކަމެއް ނޫނެވެ. އެއީ ފަރުވާ ކުރެވޭ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭވެސް ބައްޔެކެވެ. މިކަމުގައި ބަލިމީހާގެ އަމިއްލަ ހިތްވަރާއި އެއްވަރަށް އެހެންމީހުންގެ އެހީތެރިކަންވެސް ބޭނުންވެއެވެ. ކިޑްނީގެ ބަލިމީހާއަށް ދާއިމީ ޝިފާއާހަމައަށް ވާސިލްވެވެންދެން މިބައްޔާއެކު ދިރިއުޅެވޭނީ އެހެންމީހުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކުއެވެ.
ދުނީގެ ކިޑްނީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 2 ވަނައަށް އަންނަ ބުރާސްފަތި ދުވަސް ފާހަގަކުރަން ފެށީ ކިޑްނީގެ މުހިއްމުކަން ޢާންމުންނަށް އަންގައިދިނުމާއި، ކިޑްނީގެ ބަލިތަކަށް ޢާންމުން ހޭލުންތެރިކޮށް، އެފަދަ ބަލިތަކުން ކުރިމަތިވާ މައްސަލަތައް ކުޑަކޮށް، އެބަލިތަކުން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުންނެވެ. ދުނިޔޭގައި ކިޑްނީގެ ދުވަސް ފުރަތަމަ ފަހަގަކުރީ 2006 ވަނަ އަހަރުއެވެ.
މިއަހަރުގެ ދުނިޔޭގެ ކިޑްނީގެ ދުވަސް ފާހަގަކުރަމުން ދާއިރު އަޅުގަނޑު ބަލާލަން ބޭނުންވީ، ކިޑްނީގެ ބަލި ދިގުމުއްދަތަކަށް ތަހަންމަލް ކުރަމުންގެންދާ އަޅުގަނޑުމެންގެ އެކުވެރި ސާއިދު އަޙްމަދުގެ ހިތްވަރާއި އަޒުމަށެވެ. މީޑިއާގެ ދާއިރާ އާއި ކުޅިވަރުގެ ދާއިރާގެ އެންމެނަށްވެސް ސާއިދަކީ އާ މޫނަކަށް ނުވާނެއެވެ. އެފަދަ ބަލި ހާލަތުގައި ވެސް އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށް ނޫސްވެރިކަމާއ،ި އޭނާގެ އެންމެ ކުރާހިތްވާ މަސައްކަތް ކަމަށްވާ ރޭޑިއޯ ކޮމެންޓްރީ އޭނާ ދޫކޮށްނުލައެވެ. ހަފްތާއަކު 3 ދުވަހު ޑައިލެސިސް ހަދަމުން، ބަޔަކަށް ކޮށްދޭ ކަމެއްގެ ގޮތުގައި ނުބަލާ ނޫސްވެރިކަމާއި ކޮމެންޓްރީ ކުރިއަށްް ގެންދަނީވެސް އަމިއްލަ އުފަލާއި ހިތްހަމަޖެހުމަށްޓަކަ އެވެ.
"ސާއިދު ވަރުގެ ހިތްވަރުގަދަ މީހެއް އަޅުގަނޑުގެ ހަޔާތުގައި ވެސް ނުދެކެން. އޭނާއެއީ ހަމަ އިންސްޕެރޭޝަން އެކޭ ބުނެވޭނީ. އެހާ ބަލި ހާލަތުގައިވެސް ހަމަ ވަރަށް ކުރާހިތުން ކޮމެންޓްރީގެ ކަންކަން އެ ގެންދަނީ. ވަރަށް ހިތްވަރުގަދަ މީހެއް އެއީ"
– އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒް

ދެ ކިޑްނީ ފެއިލްވެ މެދުކެނޑުމެއްނެތި ޑައިލެސިސް ހަދަމުންގެންދާތާ ދެ އަހަރަށްވުރެ ގިނަދުވަސްވެފައިވާ ސާއިދު ބައްޔާ ހަނގުރާމަކުރުމަށް ދައްކަމުންގެންދާ ހިތްވަރަކީ ހަމަ ލާމަސީލު މިސާލެކެވެ. ގާތް ތިމާގެ މީހެއްގެ މާބޮޑު އެއްބާރުލުމެއް ނުލިބި އޭނާ 2 އަހަރާއި 7 މަސްދުވަހު މި ބައްޔާ ހަނގުރާމަ ކުރަމުން ގެންދަނީ ހަމަ އެކަނިމައި އެކަންޏެވެ. އެހީތެރިކަން ލިބެނީ ހަމަ އެކަނި ގާތް ރައްޓެހި ރަހުމަތްތެރިންގެ އެވެ. އުންމީދާއި ހިތްވަރަކީ ހަމައެކަނި ދަރިފުޅެވެ. ސާއިދު މި ދަތި އުނދަގުލުން ސަލާމަތްވެ ހެޔޮސިއްޙަތަކަށް އެނބުރި އަންނަން ހިތްވަރާއިއެކު މަސައްކަތްކުރާ ހަމައެކަނި ސަބަބަކީވެސް ލޯބިވާ ދަރިފުޅެވެ.
މިއަހަރުގެ ކިޑްނީގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާއަށް ސާއިދު ދޫކޮށްލީ ވަރަށްވެސް މާނަފުން މެސެޖެކެވެ. އޭނާ އަމިއްލަ ނަފްސަށް ބުނެފައި އެވަނީ "އަދި ހިތްބަލިވެގެން ނުވޭ ރޯވަރެއް" ކަމަށެވެ. މިއަހަރުގެ މިދުވަހުގެ ޝިޢާރުކަމުގައި ވާ "ކިޑްނީ ބަލިތަކާއި އެކު ދުޅަހެޔޮ ދިރިއުޅުމެއް" މި ޝިޢާރާވެސް ގުޅުވައިގެން ސާއިދު ބުނެފައި އެވަނީ އޭނާއަށް އެންމެ ބޮޑު އަޅާލުމާއި އޯގާތެރިކަމެއް ދޭން ޖެހޭ ފަރާތްތަކުން އެ އެއްބާރުލުން އޭނާ އަށް ނުލިބުނު ނަމަވެސް އެކަމާ ހިތްބަލިވެ ރޯން ނޯވެ، އޭނާއަށް މިބަލިން ޝިފާލިބޭނެ ހުރިހާ މަސައްކަތްތަކެއް އޭނާ ކުރާނެވާހަކައެވެ.

ކިޑްނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ބުނާގޮތުގައި ކިޑްނީގެ ބަލިތަށް ޖެހޭ މީހުނަށް ފަރުވާކުރުމާއި އެމީހުން އަނބުރާ ދުޅަހެޔޮ ސިއްހަތަކަށް ގެނައުމަށް ދިމާވާ އެންމެބޮޑު ދައްޗަކީވެސް ބަލި ހުރިކަން އެނގުމާއެކު އަމިއްލަ ނަފްސަށް އުންމީދު ކަނޑާލުމެވެ. ނަމަވެސް ޑޮކްޓަރުންގެ ބަހަކީ ވެސް ހިތްވަރާއިއެކު އެހެންމީހުންގެ އެއްބާރުލުން ލިބިގެން މިބައްޔަކީވެސް އިންސާނާއަށް އަރައިގަނެވޭނެ ބައްޔެއްކަމެވެ.
ދުނިޔޭގައި ކޮންމެ ސަތޭކައަކުން 16 މީހަކީ ކިޑްނީ ބަލީގެ މީހެކެވެ. ކިޑްނީ ބައްޔަކީ ކިޑްނީގެ މަސައްކަތަށް ނުވަތަ ކިޑްނީގެ އުފެދުމަށް ޞިއްޙީ ގޮތުން އެއްވެސް މައްސަލައެއް ކުރިމަތިވެ ކިޑްނީގެ މަސައްކަތްތަށް ފުރިހަމަގޮތުގައި އަދާނުކުރެވުމެވެ. އެގޮތުން ކިޑްނީގައި ހިލަ އުފެދުމާއި، ކިޑްނީގައި ސިސްޓް އުފެއްދުމާއި ކިޑްނީން ޕްރޮޓީން ބޭރުވުން ހިމެނެއެވެ.
ކިޑްނީބަލިތަކުގެ ސަބަބުން ފެއިލްވެފައިވާ މީހެއްގެ ދާއިމީ ފަރުވާއަކީ ކިޑްނީ ޓްރާންސްޕްލާންޓެވެ. އެފަދަ ހާލަތެއްގައި ކިޑްނީ ހަދިޔާކުރުމަކީ ކިޑްނީ ހަދިޔާކުރެވޭފަދަ ސަލާމަތް ސިއްޙަތެއްގައި ހުރި ކޮންމެ މީހަކަށްވެސް ކުރެވޭ ވަރަށްބޮޑު ހެޔޮކަމަށްވާނެއެވެ.
"އަޅުގަނޑުމެންފަދަ ބަލިމީހަކަށް ކިޑްނީއެއް ހަދިޔާކޮށްގެން އަޅުގަނޑުމެންގެ ފުރާނަ ސަލާމަތްކުރުން. މިފަދަ ދީލަތި އެހީތެރިކަން ވެދީފައިވާ މީހުންނަށް އިހްސާސްކުރެވޭނެ، އިންސާނަކަށް މިވަރުގެ އެހީއެއް ވުމުން ތިމާގެ އަމިއްލަ ނަފްސާއި ހިތަށް ލިބޭނެ އުފާވެރިކަން."
– ސާއިދު
ކޮންމެ މީހަކީވސް މާދަމާ ކޮންމެ ޙާލެއްވެސް މެދުވެރިވެދާނެ މީހެކެވެ. ނަމަވެސް އަނެކާއަށްޓަކައި މިއަދު ކުރި ހެޔޮކަމެއް ދުވަހަކުވެސް ގެއްލިގެންނެއް ނުދާނެއެވެ. އަމިއްލަ މީހާ ދިރިއުޅޭއިރު އެހެންމީހުންވެސް ދިރިއުޅުނަ ދޭށެވެ.
ކޮމެންޓު ފޮނުވާ