ގައުމީ ބެންކުގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިރެކްޓަރަކަށް އައިޝަތު ސަމާހު އައްޔަން ކޮށްފި އެވެ.
ސަމާހު ވަނީ ބީއެމްއެލްގެ ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓުގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ބެންކުގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.
މި މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ސަމާހު ހުންނެވީ ހެޑް އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް ކަމުގެ މަގާމުގަ އެވެ.
އޭނާ ވަނީ ބޭންކިން އަދި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އަދި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފެހެއްޓުމުގައި މުހިންމު ދައުރެއް ސަމާހު އަދާކުރައްވާފައި ވާކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ސަމާހު ފަދަ ތަޖުރިބާ ހުރި ބޭފުޅަކު ބޭންކުގެ ލީޑާޝިޕާ ގުޅުމަކީ ލިބޭ ކުރިއެރުމެއް ކަމަށެވެ.
"ސަމާހު ފަދަ ތަޖުރިބާ ހޯއްދަވާފައިވާ ދިވެހި ބޭފުޅަކު އައު މަގާމަކާއެކު ބޭންކުގެ ލީޑަރޝިޕް ޓީމަށް އައްޔަންކުރެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބޭ ކުރިއެރުމެއް." – ޓިމް ސޯޔާ
މި ބަދަލުތަކާއެކު ބެންކުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަށްވެސް މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން ބެންކުގެ ޑިޖިޓަލައިޒޭޝަން ސްޓެރެޓެޖީއާ އެއް ގޮތަށް މަސައްކަތް ބައްޓަންކުރުމުގެ ގޮތުން ކާޑްސް އެންޑް ޑިޖިޓަލް ބޭންކިން ވަނީ އަލަށް އެކުލަވާލެވުނު ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ ޑިވިޝަންގެ ދަށަށް ބަދަލު ކޮށްފައެވެ.
މީގެ އިތުުރުން ބެންކުގެ ޗީފް ކޮމްޕްލަޔަންސް އޮފިސަރުގެ މަގާމަށް މަރިޔަމް ހަމީދު އައްޔަންކޮށްފައި ވާކަމަށްވެސް ބީއެމްއެލުން ބުނެއެވެ. އޭނާ މީގެކުރިން ހުންނެވީ ހެޑް އޮފް ސެންޓްރަލައިޒްޑް ސާވިސަސްގެ މަގާމުގައެވެ.
މިއާއެކު ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ރިސްކް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ބެންކުން ބުނެއެވެ.
ބީއެމްއެލް އަކީ އެންމެ ގިނަ އަދަދެއްގެ ވަޒީފާތަށް ފަހިކޮށްދީފައިވާ ދިވެހި އެއް ކުންފުންޏެވެ. އަދި ބީއެމްއެލްގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.