ރާއްޖެއަށް އޮކްސިޖަން ސިލިންޑަރު ގެނައުމަށް މޯލްޑިވް ގޭހުން ހިންގިކަމަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤީގުކުރަން ފަށައިފިއެވެ.
މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީން ބަލަމުން އަންނައިރު، މިދިޔަ ސަރުކާރުގެ ތެރެއިންވެސް އެކުންފުނިން ހިންގި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވިއެވެ.
މޯލްޑިވް ގޭހުން 47 ލީޓަރުގެ އޮކްސިޖަން ސިލިންޑަރުތައް ހޯދުމަށް ކޯޓޭޝަން ފޮނުވީ ބޭރުގެ ހަ ކުންފުންޏަކަށެވެ. އޭގެތެރެއިން ކުރިމަތިލީ އެއް ކުންފުންޏަށް 1،000 ސިލިންޑަރު ގަންނަން ހަވާލުކޮށް ބާކީ 3،000 ސިލިންޑަރު ގެނައުމަށް އެއްބަސްވީ ސިންގަޕޫރުގެ ޕްރޯބިޒް ކިޔާ ކުންފުންޏަކާ އެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ މަޢުލޫމާތުތަކުން އެނގެއެވެ. ނަމަވެސް އެ ކުންފުނިން ފޮނުވި ރީފާބިޝްޑް ސިލިންޑަރުތައް ބޭނުމެއް ނުކުރެވެއެވެ.
އޭސީސީން ބުނެފައިވަނީ ރާއްޖެއަށް އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމަށް މޯލްޑިވް ގޭސްއިން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް މިދިޔަ އަހަރު އެކޮމިޝަނުން ބަލަން ފަށާފައިވާކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ތުހުމަތު ކުރެވެނީ ކިތައް މީހުންގެ މައްޗަށްކަން އޭސީސީން ބުނެފައި ނުވެއެވެ.
ކޯވިޑް-19 އާ ގުޅިގެން 4،128 އޮކްސިޖަން ސިލިންޑަރު ގެނައުމަށް ހިންގި ޚިޔާނާތް 16 މިލިއަން ރުފިޔާއަށް އަރައެވެ. އެ ކޮރަޕްޝަންގެ ތުހުމަތު ކުރަނީ މޯލްޑިވް ގޭސް ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިކްރާމް ޢަލީގެ މައްޗަށެވެ.
ކޮމެންޓު ފޮނުވާ