ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ފާޅުކުރައްވާ ޚިޔާލުފުޅުތަކާއި ގުޅިގެން އެމަނިކުފާނު އަދާކުރައްވަމުންދާ ވަޒީފާއިން ސަސްޕެންޑް ކުރުމަކީ ނާއިސާފުން އަޅާފައިވާ ފިޔަވަޅެއްކަމަށާއި، އެކަން ގަބޫލު ނުކުރެވޭނެ ކަމަށް ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ވަނީ އިއްޔެ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.
ޑރ.އިޔާޒު ސަސްޕެންޑް ކުރުމުން އެކަން ކުށްވެރިކޮށް ޝައިޚު އިލްޔާސް ހުސެއިން ވިދާޅުވީ ޑރ.އިޔާޒަކީ ހައްގުބަސް ބުނަން ޖެހިލުންނުވާ، ހައްގުގެ މަގުގައި ސާބިތުވެ ހުންނެވި ބޭފުޅެއްކަމަށެވެ. އެމަނިކުފާނަކީ ކުރީގެ ވެރިކަން ކުރެއްވި ބޭފުޅުން ދައްކަވާ ވާހަތަކާއި، ދޭ މެސެޖްތަކަށް އިލްމީ ގޮތުން ދައްކަންޖެހޭ ވާހަތަކެއް ދައްކައި ރައްދު ދެއްވަން ފަސްނުޖެހޭ ބޭފުޅެއްކަމަށް ޝައިޚު އިލްޔާސް ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.އިޔާޒަކީ ލާދީނީ ވެރިން އެންމެ ޖެހިލުންވާ ދީނީ ޢިލްމުވެރިޔާ. ޖެހިލުމެއްނެތި މާޒީގެ ވެރިންނަށް ދެއްވާ ރައްދެއް އެބޭފުޅުންނަށް ކެތްނުކުރެވެނީ. ޑރ.އިޔާޒުއާއި މެދު ނައިންސާފުން އަޅާ ފިޔަވަޅަކީ އަޅުގަނޑުމެން ތަހައްމަލު ކުރާނެ ކަމެއްނޫން. ޢިލްމުވެރިންގެ އަގު ވައްޓާލައި، ޢިލްމުވެރިންނާއި ޖައްސާލުމަކީ ކޮންމެ ވެރިކަަމަކަށް ހެދޭ އެންމެ ބޮޑުގޯސް. އަޅުގަނޑުމެން މިތިބީ ޑރ.އިޔާޒުއާއި އެކު، މަނިކުފާނަށް ދެރައެއް ލިބޭކަށް ނޭދެން.
– ޝައިޚު އިލްޔާސް ވިދާޅުވިއެވެ.
ޝައިޚު އިލްޔާސް ވަނީ ޑރ.އިޔާޒާއި ގުޅޭގޮތުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދައްކަވާފައިވާ ވާހަތަކަށްވެސް ރައްދު ދެއްވާފައެވެ. އާޒިމް ވިދާޅުވެފައިވަނީ ދިވެހި މުޖުތަމަޢުގެ އިތުރުން އިސްލާމީ އުއްމަތް ބައިބައި ކުރަން މަސައްކަތްކުރާ އެފަދަ މުނާފިގުން ހައްޔަރުކޮށް އެކަހެރިކުރަން ޖެހޭކަމަށް ގޮވާލައްވާފައެވެ. އަދި ޑރ.އިޔާޒް ދޫކޮށްލާފައި ބަހައްޓާނަމަ އަންހެން ދަރިން މަރަންވެސް ގޮވާލާފާނެކަމަށް ޢާޒިމް ވަނީ ތުހުމަތުކުރައްވާފައެވެ.
އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝައިޚު އިލްޔާސް ވިދާޅުވީ މުނާފިގުންނަކީ ކޮބައިކަމާއި މުނާފުގުންގެ އަމަލުތައް ހުރީ ކޮންބައެއްގެ ކިބައިކަން ދިވެހި ރައްޔިތުންނަށް ނޯޅޭކަމަށެވެ. އަދި ސިފަތައް ހުރީ ކޮންބައެއްގެ ކިބައިގައި ކަމާއިމެދު ދިވެހި ރައްޔިތުންނަށް ނޯޅޭކަމަށް ޝައިޚު އިލްޔާސް ވިދާޅުވިއެވެ.
މުނާފިގުންގެ ސިފައަކީ ލޮބުވެތި ނަބިއްޔާ ސައްލައްﷲ އަލައިހި ވަސައްލަމް ބަޔާން ކޮށްދެއްވާފައިވާ ސިފަތަކެއް. އެސިފަތައް ހުރީ ޑރ.އިޔާޒުގެ ކިބައިގައިތޯ ނުވަތަ މުނާފިގުންނަށް ގޮވާ މީހުންގެ ކިބައިގައިތޯ ދިވެހި ރައްޔިތުން ވިސްނާލެއްވުން ރަނގަޅު. އެންމެ މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ.
– ޝައިޚު އިލިޔާސް ހުސެއިން ވިދާޅުވިއެވެ.
ޑރ.އިޔާޒު ޤައުމީ ޔުނިވާސިޓީން 14 ދުވަހަށް ސަސްޕެންޑް ކުރުމައި ގުޅިގެން ވިދާޅުވެފައިވަނީ ޚިޔާލު ފާޅުކޮށް ހައްގުބަސް ބުމުގައި ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަމަށެވެ. ހައްގު ބަސް ބުނެގެން އޮތް އަދަބަކީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނުން ކަމުގައިވާނަމަ އެކަން ކުރިޔަސް ފަސްޖެހުމެއް ނެތްކަމަށް ޑރ.އިޔާޒު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ