ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ބަސްބުމުނާއި ޚިޔާލު ފާޅުކުރުމުގެ ހައްގުގެ ބޭނުން ޑރ.އިޔާޒު ކުރެއްވުމުން އެމަނިކުފާނު ވަޒީފާއިން ސަސްޕެންޑްކޮށް، ފިޔަވަޅު ނޭޅޭނޭކަމަށް މިދިޔަ ހަފްތާގައި ޓެލެކޮމިއުނިކޭޝަން މިނިސްޓަރުގެ މަޤާމުން ވަކިކުރި މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކޮށް ވަޒީރުކަމުން ދުރުކޮށްފައިވަނީވެސް ޚިޔާލު ފާޅުކޮށް ދެއްކި ވާހަތަކާއި ގުޅިގެންކަމަށް މަލީހު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ޓީވީ ޕްރޮގުރާމެއްގައި ބަރުލަމާނީ ނިޒާމާއި ދެކޮޅަށް މަލީހު ދެއްކެވި ވާހަތަކާއި ގުޅިގެން މަޖިލިސް ރައީސްއާއި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންގެ ނުރުހުމުގެ ބަސްތައް މަލީހަށް އަމާޒުކުރިތާ މަދު ދުވަސްތަކެއްގެ ތެރޭގައި މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ވަނީ ވަޒީރުކަމުން ވަކިކޮށްފައެވެ.
މަލީހުވަނީ އެނާ ވަޒީރުކަމުން ވަކިކުރު ދުވަހުގައިވެސް ޤާނޫނު އަަސާސީގެ މާއްދާ 27 ގެ ބޭނުން ކުރާނެކަމަށް ވިދާޅުވެފައެވެ. މަލީހު ވަނީ ޑރ.އިޔާޒު އަދާކުރައްވަމުންދިޔަ ވަޒީފާއިން އިއްޔެ ސަސްޕެންޑް ކުރުމާއި ގުޅިގެން ޚިޔާލުފާޅުކޮށް، ބަސްބުމުން ވަޒީފާގެ ބިރުދައްކައި، ވަޒީފާއިން ވަކިކޮށް ސަސްޕެންޑް ނުކުރެވޭނެކަމަށް ބުނެ ޑރ.އިޔާޒަށް ހިތްވަރު ދެއްވާފައެވެ.
ޚިޔާލުފާޅު ކުރުމުގެ ހައްގުގެ މިނިވަންކަން ހަނިކުރަމުންގޮސް ބަހެއްބުނާ މީހާ ވަޒީފާއިން ވަކިކޮށް ސަސްޕެންޑްކޮށް މިހަދަނީ ކޮން ޤާނޫނެއްގެ ދަށުންތޯ؟ ދިވެހިން ހޯދި ޑިމޮކްރަސީގެ ދަންމަރު ނިއްވާލަން ބަޔަކު ހޭބޯނާރައި މަސައްކަތްކުރަނީ. ޑރ.އިޔާޒު ސަސްޕެންޑެއް ނުކުރެވޭނެ.
– މަލީހު ވިދާޅުވިއެވެ.
މަލީހުގެ ވާހަތަކަށް ތާއީދުކޮށް ޝުކުރު އަދާކުރައްވައި ޑރ.އިޔާޒު ވިދާޅުވީ ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނަސް ހައްގުބަސް ބުނާނެ ކަމަށެވެ.
އަޅުގަނޑު ދަންނަވަން އޮތީ މަލީހު ޖަމާލު ވިދާޅުވި ފަދައިން ހަކުރާގޭގައި އެކޮޅު ކޮޅުން އެލުވާފައި ހަވަރަށް ދިނަސް އަޅުގަނޑު ބުނަން ވާ ހައްގުބަސް އިންޝާ ﷲ ބުނާނަމޭ.
– ޑރ.އިޔާޒު ވިދާޅުވިއެވެ.
ސޯޝަލް މީޑިޔާގައި ދައްކަވަމުން ވާހަތަކާއި، ފާޅު ކުރަމުންދާ ޚިޔާލުތަކާއި ގުޅިގެން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި އަދާކުރަމުންދާ ވަޒީފާއިން ވަނީ އިއްޔެ ސަސްޕެންޑް ކޮށްފައެވެ. ސަސްޕެންޑް ކުރީ 14 ދުވަހުގެ މުއްދަތަކަށެވެ. ސަސްޕެންޑް ކުރިކަން ކުއްލި ގޮތަކަށް އެންގީ އިއްޔެ އޮތް ކްލާސްތައް ނެގުމަށް އެމަނިިކުފާނު ތައްޔާރުވަމުން ދަނިކޮށެވެ. ސަސްޕެންޑް ކުރުމަށްފަހު ޔުނިވާސިޓީން ވަނީ އިއްޔެގެ ކްލާސްތައްވެސް ނުނަގަން އިޔާޒްއަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ