ދުވާފަރު ބިންހިއްކަން ފެށުމުން ކުލަގަދަކޮށް ފާހަގަކޮށްފި

ދުވާފަރު ބިންހިއްކަން ފެށުމުން ކުލަގަދަކޮށް ފާހަގަކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 06:37
0

ރ.ދުވާފަރުގެ ބިން ހިއްކަން ފެށުމުން އެކަމުގެ އުފަލުގައި އެރަށުގައި މިއަދު ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދުވާފަރުގެ މިހާރުގެ އާބާދީ 2900 އަށްވުރެ އިތުރެވެ. އާބާދީ އިތުރުވެ ދުވާފަރުގެ ބިންވަނީ މުޅިން ފުރިފައެވެ. ދުވާފަރަށް ބިން އިތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމެވެ. ދުވާފަރު ބިން ހިއްކުމުގެ މަޝްރޫޢުއަށް މިއަހަރުގެ ބަޖެޓުގައި 32 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ. މުޅި މަޝްރޫޢުގެ އަގަކީ 54 މިލިއަން ރުފިޔާއެވެ.

މިހަރަކާތްތަކުގައި އިސްކޮށް އުޅުނީ އެރަށުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. ގިނަ އަދަދެއްގެ ދުވާފަރު އެމްޑީޕީ މެމްބަރުން ބައިވެރިވި މި ހަރަކާތުގައި އަންހެން ވެރިން ދަޑިޖެހުމާއި، ނެށުމުގެ ހަރަކާތްތަކާއި، ކަނޑުމަތީގެ އެކި ހަރަކާތްތައްވެސް ބާއްވާފައިވެއެވެ. އަދި ޚާއްސަ ޖާފަތެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފެނިގެން ގޮސްފައެވެ.

ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއިންނެވެ. މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެރަށުގެ ބިންހިއްކުމާ، ހިއްކާފައިވާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތެވެ. ދުވާފަރުން ބިން ބޮޑުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގައި އެރަށު ފަޅުން 22.2 ހެކްޓަރުގެ ސަރަޙައްދެއް ހިއްކުމަށްވަނީ ހަމަޖެހިފައެވެ. ދުވާފަރުގެ މިހާރުގެ ބިމުގެ ބޮޑުމިނަކީ 49.5 ހެލްޓަރެވެ.

ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު މި މަޝްރޫޢުގެ ތެރެއިން 423 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 70 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތްވެސް ކުރާނެއެވެ.

ރ.ދުވާފަރަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ބޮޑު ބައެއް ގިރުމާއި ގުޅިގެން، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރަސެންޓް(އައި.އެފް.އާރް.ސީ) އާއި ދިވެހި ސަރުކާރުން ގުޅިގެން ތަރައްޤީކޮށްފައިވާ ދުވާފަރަށް، ރ. ކަނދޮޅުދޫ މީހުން ބަދަލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އައިސް
މާގިނަ ކަންކަން ކޮށް ދިން ޔާމީނު...
ރ ރަށްވެހި ފަތިސް ކެމްޕޭން
އެހެންވީމާ ޔާމީން ކޮއްދިން ކަންކަން ލިސްޓް ކިޔާލަބަލަ!