އިދިކޮޅު ކޯލިޝަނުން މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކަކީ ސަރުކާރު ވައްޓާލައި، ބަޢާވާތް ކުރުމަށް ހިންގާ ހަރަކާތްތަކެއްކަމަށް ހީކޮށް ބިރުން ނޫޅުއްވުމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މާލޭގެ އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތަކަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅާތީ ކަންބޮޑުވުންފާޅުކޮށް ޝިޔާމް ވިދާޅުވީ މިސަރުކާަކީ ދެމީހަކު އެއްވިޔަސް ވެރިކަން ވެއްޓިދާނެކަމުގެ ބިރު ހިވާ ސަރުކާރެއްކަން ދިވެހި ރައްޔިތުންނަށްވެސް އެގޭކަމަށެވެ. މިސަރުކާރުގެ އިސްކޮށް ތިއްބެވި ބޭފުޅުންނަކީ ބަޢާވާތް ކުރުމަށާއި، ބަޢާވާތުގެ ހިތި ތަޖުރިބާ ކުރައްވާފައިވާ ބަޔަކަށްވާއިރު، ދެމީހަކު އެއްވެއްޖެނަމަ އެއީ ސަރުކާރު ވެއްޓި ވެރިކަން ގޮސްދާނެކަމެއްކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ދެކޭކަމަށެވެ.
އަޅުގަނޑު ސަރުކާރަށް ދަންނަވާލަން. ތިޔަބޭފުޅުން ބިރުން ނޫޅުއްވާ. އަޅުގަނޑުމެން ނޫޅެން ސަރުކާރު ވައްޓާލާކަށް. އަޅުގަނޑުމެން ނޫޅެން ބަޣާވާތް ކުރާކަށް. ތިބޭފުޅުން ފުލުހުން ވަރުބަލިކުރުވަން އެބޭފުޅުންނަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން ގޯސްހައްދަވަން ނޫޅުއްވާ. ބިރުން ނޫޅުއްވާ! ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ދިވެހި ރައްޔިތުންނަށް ދެއްވާ.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މި އިހުތިޖާޖަކީ ނުހައްގުން ރައީސް ޔާމީން ޖަލަށް ލާފައިވާތީއާއި، ބޯހިޔާވަހިކަން ނިގުޅައިގަތުމާއި، ކޯވިޑްގައި ކޮށްފައިވާ ވައްކަންތައްކާއި، ޚިޔާނާތަށް އިންސާފު ހޯދުމަށް ކުރަމުންދާ މުޒާހަރާތަކެއްކަމަށެވެ. މިއީ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަމުންދާ ސުލްހަވެރި އިހުތިޖާޖަކަށްވާއިރު ފުލުހުން މެދުވެރިކޮށް މިކަންކަން ހުއްޓުވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް އިންސާފުގެ ތެރެއިން އެއްވެސް ކަމެއް ކޮށްދެއްވަމުން ނުދާކަމަށެވެ. ބޯހިޔާވަހިކަމާއި، އަސާސީ އެތައް ޚިދުމަތަކުން ދިވެހިން މަހުރޫމްކޮށް ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަކީ ދިވެހި ރައްޔިތުން ތާއަބަދު ބަންދުކޮށްގެން ބޭތިއްބުމަށްފަހު ކުރެވޭނެ ކަންތައްތަކެއް ނޫންކަމަށެވެ. މިއަދު ރައްޔިތުން މަގުތަކަށް ނިކުންނަކީ ކެތްކުރަމުން ކުރަމުން ގޮސް މިކަންކަން ހައްދު ފަހަނައަޅައި ދިއުމުންކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އިންތިޚާބު ބޯމަތިވެފައިވާއިރު، އިދިކޮޅު ފަރާތްތަކަށް ކެންޕެއިން ކުރެވޭނެއެއްވެސް ފުރުސަތެއް ނުދޭކަމަށެވެ. މިއީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް މިސަރުކާރުގެ ވެރިކަން ހިމާޔަތް ކުރެއްވުމަށް ކުރައްވާ ވަރަށް ނާތަހުޒީބު އަމަލުތަކެއްކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ