ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ފުރިހަމަކުރަން މިހާރު ބޭނުންވާ ކުރާ ހަތިޔާރަކީ ރާއްޖެ ޞިއްޚީ ކުއްލި ހާލަތުގައި ބޭއްުވުންކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރުމަށް މަސައްކަތް ކުރި މުޒާހަރާ ހުއްޓުވުމަށް ސަރުކާރުން ފުލުހުން މަގުތަކަށް ނެރެ ހިންގަމުންދާ ކަންކަމާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ވެރިކަން ދިފާޢުކޮށް ވެރިކަމުގައި ދެމި ހުންނެވުމަށް ރައީސް ޞާލިހު މިހާރު ގެންގުޅުއްވާ ސިޔާސަތަކީ ރާއްޖެ ޞިއްޚީ ކުއްލި ހާލަތުގައި ބޭއްވުންކަމަށެވެ.
ވެރިކަމުގެ ދެއަހަރުގެ ތެރޭގައި ރައްޔިތުން ބިކަހާލުގައި ޖައްސައި ދެމުންދާ އަނިޔާތަކާއި ގުޅިގެން ރައްޔިތުން ސަރުކާރާއި ދެކޮޅަށް އަޑު އުފުލައި ޝުއޫރުފާޅުކުރުމަކީ މިސަރުކާރަށް ބަލައިގަނެވޭ ކަމަކަށް ނުވާކަމަށެވެ. ރައްޔިތުންނަށް ދެމުންދާ އަނިޔާތަކަކީ މިއަދު ކެތްނުކުރެވި ސަރުކާރާއި ދެކޮޅަށް ނިކުންނަން މަޖުބޫރުވެފައިވާ ކަމެއްކަމަށާއި، ރައްޔިތުންގެ ހައްގު ހޯދަން ރައްޔިތުން ނިކުންނާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަޅުގަނޑު ރައީސް ޞާލިހަށް ދަންނަވަން ބޭނުން މަނިކުފާނު ވެރިކަމުގައި ހުންނެވުމަށް ދައުރު ނިމެންދެންވެސް ރާއްޖެ ކުއްލި ހާލަތުގައި ބޭއްވުމަށެވެ. ރައްޔިތުންނަށް މަގުތަކަށް ނުނިކުމެވޭނެހެން ގޭބަންދުގައި ބޭތިއްބުމަށް. މަނިކުފާނަށް ވެރިކަން ކުރެވެން އޮތީ އެގޮތަށް. ރައްޔިތުންގެ ތާއީދެއް ނެތްކަން މިއަދު މަނިކުފާނަށް ޔަގީންވާނެ.
– އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާ ފެށުމުގެ 2 ގަޑިއިރު ކުރިން ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސްކައިރިއަށް އާންމު އެއްވެސް މީހަކަށް އެއް ނުވެވޭނެހެން މަގުތައް ބަންދުކޮށްފައެވެ. ނަމަވެސް މާލޭގެ އެކި ދަރަހައްދުތަކަށް ގިނަ ބަޔަކު މިހާރުދަނީ އެއްވެ މުޒާހަރާ ކުރަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާތައް ނުހުއްޓާނެކަމަށާއި، އަޑު އުފުލުމަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފއިވާ ހައްގުތަކެއްކަމަށެވެ. އިހުތިޖާޖު ކުރަމުންދާނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށާއި، ފުލުހުން އައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ފުލުހުންނަށް ގޮވާލާފައެވެ. މުޒާހަރާ ކޮންޓްރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ހަރަކާތްތެރިވަމުންނެވެ. އަދި ފުލުހުން ދަނީ ބާރުގެ ބޭނުންކޮށް ގިނަބަޔަކު ހައްޔަރު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ