ޕީޕީއެމް އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފި

ޕީޕީއެމް އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށްފި

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 02:30
0

އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު މާލޭގައިމުޒާހަރާ ކުރަން ނިންމާފައި ވަނިކޮށް ހެންވޭރު ބޮޑު ތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީހަށް ދެވެން އޮތް ހުރިހާ މަގެއް ބަންދުކޮށް ފުލުހުން ސެކިއުރިޓީ ބަލަހައްޓަން ފަށައިފިއެވެ.

މިއަދުގެ މުޒާހަރާ ފެށުމަށް އަދި މާބޮޑު ހަރަކާތެއް ނުފެނުނު ނަމަވެސް ފުލުުހުން ވަނީ ޕީޕީއެމް އޮފީސް ސަހަރައްދަށް އާންމުންނަށް ނުވަދެވޭނެހެން ބަންދުކޮށް ޚާއްސަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އަދި ފުލުހުން ދަނީ އެމަގުތަކުގައި ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ މާލޭގައި މިއަދު މުޒާހަރާ ކުރާނެކަމަށް ބުނެފައެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ އިދިކޮޅުގެ “ރަތް އިންގިލާބު” ހަރަކާތް ދެން ނުހުއްޓުވޭނެ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތަކަކީ ސުލްވެރި ކަމާއިއެކު އެޗްޕީއޭގެ މިންގަނޑުތަކުގެ ތެރެއިން ޤާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްގެން ކުރާ މުޒާހަރާތަކަށްވާއިރު، މިމުޒާހަރާތައް ހުއްޓުވައި އިދިކޮޅުގެ އަޑު ކަނޑުވާލަން ސަރުުކާރުން ކުރާ މަސައްކަތަކީ ވަރަށް ޒިންމާދާރުކަން ކުޑަ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅުގެ މުޒާހަރާތަކަށް ޖާގަ ނުދެއްވާނެކަމަށް ބުނެ ފުލުހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތުކަމަށް ފުލުހުން ދެކޭކަމަށެވެ. އަދި އެއްވެސް ބަޔަކަށް ގާނޫނާއި ގަވާއިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރާ ހާލު، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.