މާލެ ސިޓީ މޭޔަރުކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިމަތި ލައްވާފައިވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒުއަށް މާލޭގެ ރައްޔިތުން ވޯޓު ދިނުމަކީ ދަތުގެ ޑޮކްޓަރެއްކައިރިޔަށް ލޯޕަރޭޝަން ކުރަންދިއުންފަދަ ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ ބޭފުޅުންނަކީ ލާމަރުކަޒީ ނިޒާމު ދަންނަ ބައެއް ކަމަށް ނޫންކަމަށެވެ. ފާއިތުވެދިޔަ ތަނުގައި ރައީސް ޔާމީންގެ ވެރިކަމުގައާއި، ޑރ.ވަހީދުގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ޑރ.މުއިއްޒުގެ ހަމައެކަނި މަޤްސަދަކަށް ވެފައި އޮތީ އަތޮޅު ތެރޭގައި ތިބި ރައްތުން މާލެ ގެނެސް މާލެ ސަރަހައްދު ތޮއްޖެސުންކަމަށެވެ. މަރުކަޒީ އުސޫލުން ކަންކަން ކުރުމުގެ ސަޤާފަތެއް އޮތް ބަޔަކަށް ލާމަރުކަޒީ ސިޔާސަތެއް ނޭގޭނެކަމަށް ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭ ރައްޔިތުންނަކީ މާލެއާއިމެދު ނުހަނު ވިސްނަވާ ބޭފުޅުންތަކެއް ކަމަށެވެ. މާލޭގެ ރައްޔިތުން އެމްޑީޕީން މާލެއަށް ގެނެސްދެއްވަން މަސައްކަތް ކުރާ ތަރައްޤީއާއި، ކުރިއެރުމުގައި ކޮޅުފައިން ނުޖަހާނެކަމަށެވެ. ރައީސް ނަޝީދާއި، ރައީސް ޞާލިހަކީ ލާމަރުކަޒީ ނިޒާމުގެ މޭސްތިރިންނަށްވާއިރު އެދެބޭފުޅުން ރާއްޖެއަށް ތަރައްޤީ ގެނެސް ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ހިންގާނެކަމަށް ހުސެއިން ވިދާޅުވިއެވެ.
އަޅުގަނޑު ހަމަ ހީގަތުގައިވެސް ދަންނަވާނީ ދަތުގެ ޑޮކްޓަރެއް ކައިރިއަށް ލޯ އޮޕަރޭޝަން ކުރަން ދިޔާމަ ވާހެންނޭ ވާނީ މާލޭގެ ރައްޔިތުން އެންމެ ވޯޓެއް މި މުއިއްޒަށް ދިނަސް. އެމީހާގެ ފެނުން މަހުރޫމްވާނެ. ކޯއްޗެއްތޯ އެގޭނީ. އެހެންވީމާ މާލޭގެ ރައްޔިތުން ފެނުން މަހުރޫމް ވާފަދަ ކަމެއް ނުކުރައްވާނެ، އެއީ ލާމަރުކަޒީ ނިޒާމާއި ހަމަ ސީދާ އިދިކޮޅު ބޭފުޅެއް.
– ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބާރުވެރިކަން ނިމިދިޔަ ވެރިކަން ތަކުގައި އޭރުގެ ވެރިކަން ކުރި ސަރުކާރުގެ ވެރިޔާގެ މުށު ތެރޭގައި ބާރުކޮށްފައި އޮތް އޮތުން މިސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި ރައީސް ޞާލިހު ރައްޔިޔުންގެ ކުރިމަތީގައި އެބާރުތައް ދޫކޮށްލާނެކަމަށް ދެއްވި ޔަގީންކަމަކީ ނިމިދިޔަ އެއްވެސް ވެރިކަމެއްގައި ވެރިޔަކަށް ކުރަން ނުކެރުނު ކަމެއްކަމަށެވެ.
ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަކީ ފެނުމުން މަހުރޫމްވާނެ އެދޭނެ ބައެއް ނޫންކަމަށާއި، މުއިއްޒުއަށް ވޯޓު ދުނުމަކީ ފެނުމުން މަހުރޫމްވުންފަދަ ކަމެއްކަމަށެވެ. މާލެ ތަރައްޤީ ކުރުމުގެ ނަމުގައި މުޅި މާލޭގައި ހޮޅި އެޅުމުން އެކަމުގެ އަނިޔާލިބުުނު މީހުންނަށް މިހާރުވެސް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ރޭގެ ޕްރޮގުރާމުގައި ހުސެއިން ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މުއިއްޒުއަށް މާލޭގެ ރައްޔިތުން ވޯޓު ދެއްވަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ