ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ލިވަޕޫލާއި އާރްބީ ލައިޕްޒީގް ބައްދަލުކުރަން އޮތް މެޗުވެސް ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅެން ނިންމައިފި އެވެ.
މި މަހުގެ 11 ވަނަ ދުވަހު އިންގްލެންޑުގައި ކުޅެން އޮތް ދެވަނަ ލެގުގެ މެޗު ހަންގޭރީއަށް ބަދަލުކުރަން ޔުއެފާއިން ނިންމީ، ލައިޕްޒީގުގެ ޓީމު އިންގްލެންޑަށް ދަތުރުކޮށްފިނަމަ، އަނބުރާ ޖަރުމަނަށް އައުމުން އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކަރަންޓީނުވާން ޖެހޭނެ ކަމަށް ޖަރުމަނުގެ ސަރުކާރުން އެންގުމާއެކު، އެ މެޗު އެހެން ދަނޑަކަށް ބަދަލުކޮށްދިނުމަށް ލައިޕްޒީގުން އެދުމުންނެވެ.
ލިވަޕޫލުގެ ދަނޑުގައި ކުޅެން އޮތް ދެވަނަ ލެގުގެ މެޗު ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާއަށް ބަދަލުކުރިއިރު، މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ޖަރުމަނުގައި ކުޅެން އޮތް ފުރަތަމަ ލެގުގެ މެޗުވެސް ކުޅެފައިވަނީ އެ ދަނޑުގައެވެ. އެ ފަހަރު ހަންގޭރީއަށް މެޗު ބަދަލުކުރީ ކޮވިޑް-19 ގެ އައު ވޭރިއަންޓުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން، ޖަރުމަނުގެ ސަރުކާރުން އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިންގްލެންޑް ހިމެނޭ ގޮތަށް އެކި ގައުމުތަކުން އަންނަ މީހުންނަށް ޖަރުމަނަށް އެތެރެނުވެވޭ ގޮތަށް ކަނޑައެޅުމުންނެވެ.
ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެފައިވާއިރު، ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑީ ލިވަޕޫލަށެވެ.
ކޮމެންޓު ފޮނުވާ