އަސާސެއްނެތި އޭސީސީން ފެނަކައަށް ކޮރަޕްޝަން ތުހުމަތުކޮށްފާނެކަމަށް ޤަބޫލުކުރަންދަތި: އުޝާމް

އަސާސެއްނެތި އޭސީސީން ފެނަކައަށް ކޮރަޕްޝަން ތުހުމަތުކޮށްފާނެކަމަށް ޤަބޫލުކުރަންދަތި: އުޝާމް

Author
މުޙައްމަދު ޖިމީ
05 މާރޗް 2021 08:50
0

ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ ކޮރަޕްޝަންތަކަކީ އަސާސެއްނެތި އެންޓި-ކޮރަޕްޝަންސް ކޮމިޝަން ކޮށްފާނެ ތުހުމަތުތަކެއްކަމަށް ޤަބޫލުނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވެފައިވަނީ، ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާއި ގުޅޭ ތުހުމަތުތަކަކީ އެކުންފުނީގެ މަސައްކަތްތަކާ މެދު ހަސަދަވެރިވެގެން ރޭވުމެއްގެ ތެރެއިން ކުރާކަމެއްކަމަށް ފެނަކައިން ބުނުމުންނެވެ. ފެނަކައިން އެހެން ބުނެފައިވަނީ އެކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިނގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަމާލުކަމަށް އެކަން ގެންނަވާފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރަނީ ކޮރަޕްޝަން ހުއްޓުވުމުގެ މެންޑޭޓް ހަވާލުކޮށްފައިވާ ދައުލަތުގެ އިދާރާކަމަށްވާ އޭސީސީންކަަމަށެވެ. އެހެންކަމުން އެއްވެސް އަސާސެއް ނެތި، ހަސަދަވެރިވުމުގެ ގޮތުން އޭސީސީއިން އެފަދަ ވާހަކައެއް ދައްކާނެކަމަށް ގަބޫލުކުރަން ދަތިކަމަށް މެންބަރު އުޝާމް ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ތުހުމަތު ކުރަނީ އެއްވެސް އަސާސެއްނެތި: ފެނަކަ

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު “ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ” ކަމަށް، ސިޓީގައިވެއެވެ.

ފެނަކަ އިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ ރިޕޯޓެއް ވެސް އެކުލަވާލައިފައެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފައެވެ.

ފެނަކައިން އެއިދާރާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ފެނައިގެ ވެރިންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ދޮގުވާހަކަ ދައްކައި އަބުރު ކަތިލަމުންދަނީ ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ ބަޔަކު ކަމުގައެވެ.

ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކުފުންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލި
އޭސީސީން ފެނަކަ އަށް ކުރާ ތުހުމަތުތައް ބަލާ ތަޙްޤީޤް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ބަދަލުގައި ފެނަކަ އިން ސީދާ އޭސީސީއަށް ޗެލަންޖުކުރަމުންގެންދަނީ ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ނުފޫޒުގަދަ ފަރާތްތަކަށް ފެނަކައިގެ ކޮރަޕްޝަން ގެ ފައިދާ ލިބޭތޯ.