ދިވެހި ފަންނާނުންނަށް ހުރަސްއެޅޭގޮތަށް މަސައްކަތް ކުރާ 60 ބިދޭސީއަކު ފުރުވާލަން އަންގައިފި

ދިވެހި ފަންނާނުންނަށް ހުރަސްއެޅޭގޮތަށް މަސައްކަތް ކުރާ 60 ބިދޭސީއަކު ފުރުވާލަން އަންގައިފި

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 10:56
0

ދިވެހި ފަންނާނުންނަށް ހުރަސް އެޅޭގޮތަށް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 60 ބިދޭސީއަކު އެމީހުންގެ ޤައުމަށް އަބުރާ ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެއެވެ.

ދިވެހި ފަންނާނުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ގޮތަށް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އިމިގްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަފާތު އެކިއެކި ހުއްދައިގެ ދަށުން ރާއްޖެ އެތެރެ ވުމަށްފަހު، އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ބިދޭސީން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.

ހުށަހެޅޭ ޝަކުވާގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ރިސޯރޓުތަކުން ފޮޓޯގްރަފަރުންގެ ގޮތުގައާއި އަދި މިއުޒިކީ އެކިއެކި ހަރަކާތްތަކުގައި ބިދޭސީން ޝާމިލް ކުރަމުންދާކަމުގެ ޝަކުވާތައް ކަމަށާއި، މި ޝަކުވާތަކާއި ގުޅިގެން މިއިދާރާއިން އެ މައްސަލަތައް ބަލާ 60 ފަރާތެއް ރާއްޖެއިން ފުރުވާލުމަށް އަންގާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ބޯޑަރު ހުޅުވާފައިވާ ގައުމުތަކަށް ނިސްބަތްވާ ބިދޭސީން މިހާރު ވަނީ ފުރާފައިކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

މިކަމާއިި ގުޅިގެން ލިބިފައިވާ މަޢުލޫމާތުގައި އަދިވެސް ބައެއް ފަރާތްތަކުން ބިދޭސީން ލައްވާ އެ ފަރާތްތަކަށް ދީފައިވާ ހުއްދައިގެ ބޭރުން ފޮޓޯގްރަފީ އާއި މިއުޒިކީ މަސައްކަތްތައް ކުރުވަމުން ދާކަމަށާއި، މި ފަދައިން ވިޔަފާރިތަކުން އަމަލު ކުރަމުން ދިއުމުން، ދިވެހި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް ގެއްލި، މާލީގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ މަޢުލޫމާތު އެކިއެކި ފަރާތްތަކުން ހިއްސާކުރަމުން ދާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

ޤަވާއިދާ ޚިލާފަށް ފަދައިން މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު އަޅަންޖެހޭ ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން އިމިގްރޭޝަނުން ވަނީ ހަނދާންކޮށްދީފައެވެ. އަދި ދިވެހި ފަންނާނުންގެ ކުރިމަގަށް ނުރަނގަޅު އަޞަރު ކުރާނެ ފަދަ އަމަލުތަކުން އެއްކިބާވުމަށާއި، ޤަވައިދާ ޚިލާފަށް ބިދޭސީންލައްވާ މަސައްކަތް ނުކުރުވުމަށްވެސް އިމިގްރޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.