ރައީސް ޔާމީންގެ ޒަޢާމަތުގައި އެމަނިކުފާނު މިޤައުމުގެ ތަރައްޤީއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ކިތަންމެ ވާހަކައެއް ދެއްކިޔަސް ބަދަލު ކޮށްލެވޭނެ ނޫނީ ގެއްލުވާލެވޭނެ ތަރައްޤީއެއް ނޫންކަމަށް ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް އަޅައިދެއްވި 7،000 ހައުސިން ޔުނިޓާއި ގުޅިގެން ދައުލަތުގެ ގިނަ މުއައްސަސާތައް އެކުގައި މިއަދު މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި ދެކެވިގެންދިޔަ ވާހަތަކަށް ޚުލާސާ ގޮތެއްގައި ޣައްސާން ވިދާޅުވީ ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް ފެންނަން ހުރި ތަރައްޤީއެއް ގެއްލުވައި ނުލެވޭނެކަމަށެވެ. ރައީސް ޔާމީން އަޅުއްވައިދެއްވި ހިޔާ ފްލެޓްތަކުގެ ފޮޓޯއަކާއިއެކު ޣައްސާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިތަރައްޤީއަކީ އަބަދަށްވެސް ފެންނަން ހުންނާނެ ތަރައްޤީއެއް ކަމަށެވެ.
އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވެފައިވާ ވައުދުތަކަކީ އަބަދުވެސް ދިވެހި ރައްޔިތުންނަށް ނުފެންނަ އަތް ނުލެވޭ ތަރައްޤީއެއްކަމަށް މިއަދު ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި މިއަދު ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީއަށް ހަޖަމް ނުވެގެން އެތަރައްޤީ ގެއްލުވާލަން ނުވަތަ އެއީ ނެތް އެއްޗަކަށް ހެދުމަށް މަސައްކަތް ކުރި ކަމުގައި ވީނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށް ޣައްސާން ވިދާޅުވިއެވެ.
MDP އިން ވީ ވައުދުތައް ހަނދާން އެބަހުރި. އެއްވެސް ކަމެއް ހާސިލްވާތަން ނުފެންނާތީ އެއީ ހޮޅި ވައުދުކަން މިއަދު އެންމެންދަނޭ. ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް، ހަޤީގަތެއް ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައީސް ޔާމިންގެ ޚިދުމަތް، ފުއްދެވި ވައުދުތައް މިހިރީ ފެންނަން.
– ޣައްސާން ވިދާޅުވިއެވެ.
MDP އިން ވީ ވައުދުތައް ހަނދާން އެބަހުރި. އެއްވެސް ކަމެއް ހާސިލްވާތަން ނުފެންނާތީ އެއީ ހޮޅި ވައުދުކަން މިއަދު އެންމެންދަނޭ. ލައިވްކޮށް ކިތަންމެ ކޮމިޓީއެއް ބޭއްވިޔަސް، ހަޤީގަތެއް ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައީސް ޔާމިންގެ ޚިދުމަތް، ފުއްދެވި ވައުދުތައް މިހިރީ ފެންނަން. pic.twitter.com/bqbH1ikYbG
— Mohamed Ghassan Maumoon (@mgmaumoon) March 4, 2021
މިއަދު ބޭއްވި ކޮމިޓީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރ އަސްލަމް ވިދާޅުވެފައިވަނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފަސް އަހަރުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމުނީ އެންމެ%2 މަސައްކަތް ކަމަށެވެ. އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުގެ 5 އަހަރުގެ ދަޢުރުގައި 21828 ހައުސިންގ ޔުނިޓެއްގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ނިންމިކަމަށެވެ. ނަމަވެސް އޭގެތެރެއިން ގިނަ މަޝްރޫޢުތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދިއުމަށް ނިންމި މަސައްކަތްތަކެއްކަމަށެވެ.
އެގޮތުން އެ މަޝްރޫޢުތައް 37 ކޮންޓްރެކްޓަރަކާ އޭރު ހަވާލުކުރިކަމަށާއި، ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ކޮންޓްރެކްޓަރުންނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެކަމަށް ބުނުމުން، 9120 ހައުސިންގ ޔުނިޓްގެ މަސައްކަތް އޭރު ބާތިލުކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އޭރު ކުރިއަށްގެންދިއުމަށް ނިންމި 21828 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ދަށުން، ދަޢުރު ނިމުނުއިރު ނިންމާފައިވަނީ 395 ޔުނިޓްކަމަށެވެ.
މިސަރުކާރުން ބޯހިޔާވަހިކަމަށް ބައެއް މަޝްރޫޢުތައް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވީނަމަވެސް މިހާތަނަށް އެންމެ މަޝްރޫޢެއް އަމަލީ މަސައްކަތް ފެށިފައިނުވާތީ ފާޑުކިއުން އަމާޒުވެފައި ވީނަމަވެސް، ސަރުކާރުން ބުނަމުންދަނީ ކުރީ ސަރުކާރަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢުތައް މިސަރުކާރުން ނިންމާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ