މިޔަންމާގައި ހިންގީ ބަޣާވާތެއް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ސަރުކާރު

މިޔަންމާގައި ހިންގީ ބަޣާވާތެއް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 09:21
0

މިއަންމާގައި އަސްކަރިއްޔާއިން މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެ ގައުމުގައި ކުރީ ބަޣާވާތެއް ކަމަށާ އެކަން ކުށްވެރިކުރާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ދިވެހި ސަރުކާރުން މިރޭ ވަނީ ރަސްމީކޮށް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ދިވެހި ސަރުކާރުގައި ބަޔާނުގައި ބުނެފައިވަނީ 1 ފެބްރުއަރީ 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަޤްވާމީ މުޖްތަމައާއި ދިވެހި ސަރުކާރު ބައިވެރިވާކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރާކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.

އަދި ޤާނޫނާ ޚިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާކުރަމުން ދާ ފަރާތްތައް ހައްޔަރުކުރުން ހުއްޓާލުމަށާއި، މިޔަންމާގެ ޤާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްޤުތައް ކަށަވަރުކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިންސާނީ ހައްޤުތަކުގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާ ބެހޭ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ޙާލަތު އުވާލުމަށް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ. އަދި އިންތިޚާބުގެ ނަތީޖާ ޤަބޫލުކޮށް، އަދި ވެރިކަމުގެ ބާރުތައް، އިންތިޚާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.