ރާއްޖޭގެ ރަށެއްގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެއް

ވިސްނުން ބަދަލުކޮށް، ދެމެހެއްޓެނިވި ތަރައްގީއަކަށް މިސްރާބު ހިފަންޖެހޭ!

ވިސްނުން ބަދަލުކޮށް، ދެމެހެއްޓެނިވި ތަރައްގީއަކަށް މިސްރާބު ހިފަންޖެހޭ!

ގުޅުންހުރި

ދިވެހިން ތަރައްގީގެ ވާހަކަ ދައްކަމުންދާތާ އެތަކެއް ޒަމާންތަކެއް ވެއްޖެއެވެ. ރައީސް މައުމޫނުގެ ދިގު 30 އަހަރުގައިވެސް ދައްކަމުން އައީ ތަރައްގީގެ ވާހަކަތަކެވެ. ބޯހިޔާވަހިކަމާ، ބަދަރާއި، ފަޅު ފުންކުރުމާއި، ނަރުދަމާއާއި އެއަރޕޯޓުތަކުގެ ވާހަކަތަކެވެ.

ހަގީގަތުގައިވެސް ދިވެހި ރައްޔިތުންގެ އުއްމީދުތައް ގުޅިފައިވަނީ، ތަރައްގީއާއިކަން މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އަދި، ފާއިތުވެދިޔަ ހުރިހާ އިންތިޚާބެއްގައިވެސް، ގައުމުގެ ރައީސްކަމަށް ވަޑައިގެންނެވުމަށް ކުރެވިގެންދިޔަ ކެމްޕޭންތަކުގައި ރައްޔިތުން މި ތަރައްގީގެ ވައުދުތަކަށް ވޯޓު ދީފައިވަނީ، ތަރައްގީ އެރައްޔިތުންނަށް މުހިންމު ވީމާ ކަމުގައިވެސް ގަބޫލުކުރަންޖެއެެވެ.

އަދި މިގޮތުން ކުރެވިފައިވާ ވައުދުތައް ތަކުރާރުކޮށް ނުފުއްދި، މަތިމައްޗަށް އިންތިޚާބުތައް އައިސް، ހަމަ އެއިންތިޚާބުތަކުގައި އެއް ވިސްނުމެއްގައި ރައްޔިތުން ވޯޓު ދީފައިވަނީ، އެތަރައްގީއަށް ރައްޔިތުން ފެންބޮވައިގެންފައި ތިބޭލެއް ބޮޑުކަމުން ކަމުގައިވެސް ދެންނެވިދާނެއެވެ.

ތެދުފުޅެކެވެ. ހުރިހާ ޒަމާނެއްގައިވެސް، ހުރިހާ ވެރިކަމެއްގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ތަރައްގީ ގެނައުމަށް ހުރިހާ ވެރިންވެސް މަސައްކަތް ކުރައްވާފައި ވެއެވެ. އެކި ވެރިކަމުގައި އެކި މިންވަރަށެވެ. އެކި ވިސްނުމުގައެވެ.

އެހެންނަމަވެސް، ފާހަގަވާން އޮތް އެންމެ މުހިންމު އެއްކަމަކީ، ތަރައްގީގެ ނިސްބަތުން ހިންގޭ ގިނަ މަޝްރޫޢުތަކާއި، ކުރެވޭ ގިނަ މަސައްކަތްތައް މިއަދުވެސް ކުރިޔަށް ދަނީ ދެމެހެއްޓެނިވި ވިސްނުމެއްގައި ނޫންކަމެވެ. ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭން ސަރުކާރުތަކުން ވައުދުވާ ބޯހިޔާވަހިކަން ކަމުގައިވި ނަމަވެސ،ް އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި އެޅޭ އެއަރޕޯޓުތަކާއި، ހެދޭ ބަދަރުތަކާއި މަގުތަކަށް އެކަނި ބަލާލި ކަމުގައިވި ނަމަވެސް، މިހަގީގަތް ވަރަށް ރަގަޅަށް ސާފުކޮށް ފެންނާން އެބަހުއްޓެވެ.

އަޅަމުންދާ އެއަރޕޯޓުތައް

ރާއްޖޭތެރެއަށް ވައިގެ ދަތުރުތައް ކުރަން އެންމެ ފުރަތަމަ ފެށިގެން އައީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެއީ މާލެއިން އައްޑު އޮތޮޅު ގަމަށެވެ. އެންމެ ފުރަތަމަ މާލެއިން ރާއްޖެތެރެއަށް ދަތުރުތައް ފެށިގެންއައި، ގަން އެއަރޕޯޓު ހުޅުވިގެން އައީ ރައީސް މައުމޫނުގެ ވެރިކަމުގައި ވަރަށް ކުރީކޮޅުއެވެ. އަަދި ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި އެތައް ޒަމާންތަކެއްވަންދެން މި އެއަރޕޯޓު ބޭނުން ކުރުމަށްފަހު، އެއަރޕޯޓުގެ ރަންވޭ 3،500 މީޓަރުގެ ދިގު ރަންވޭއަކަށް ބަދަލުކޮށް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލު ކުރެވިގެން ދިޔައީ ރައީސް ޔާމިންގެ ވެރިކަމުގައި، 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ގަން އެއަރޕޯޓަކީ އިންޓަރނޭޝަނަލް ފެންވަރަށް ތަރައްގީ ކޮށްފައިވާ އެއަރޕޯޓެއް

މިގޮތުން، ރާއްޖޭގެ ދަތުރުފަތުރުކުރުން ފުޅާވެގެންގޮސް، މިއަދުގެ ހާލަތަށް ބަލާއިރު، ރާއްޖެތެރޭގެ އެކި ކަންކޮޅުތަކުގައި މިވަނީ އެއަރޕޯޓައް އަޅަންފަށާފައެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ގެންގުޅެމުން އައީ އަދި، ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައިވެސް ގެންގުޅެމުންދާ ސިޔާސަތަކީ، ވީހާ ގިނަ ޑޮމެސްޓިކް އެއަރޕޯރޓްތަކުން ރާއްޖޭގެ އެކި ރަށްތައް ގުޅުވާލުމެވެ.

ދަތުރު ފަތުރަކީ، އިގްތިސާދީގޮތުންނާއި ތަރައްގީގެގޮތުން ގައުމެއް ކުރިއަރާ ދިއުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރާ ވަސީލަތަކަށް ވުމާއެކު، މިސިޔާސަތަކީ ކޮންމެހެންވެސް ތަންފީޒުކުރަން ޖެހޭ ސިޔާސަތެއްކަމުގައި ދެންނެވިދާނެއެވެ. އެހެންނަމަވެސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، މިއީ، ގައުމީ ތަރައްގީގައި ކިތަންމެ މުހިންމު ސިޔާސަތުތަކެއް ނަމަވެސް، ދެމެހެއްޓިވި ގޮތެއްގައި ސިޔާސަތުތައް ތަންފީޒު ކުރުމުގެ ވިސްނުން ނުގެންގުޅެވިއްޖެނަމަ، ދެމެހެއްޓެނިވި ތަރައްގީއެއް ނާންނާނެ ކަމެވެ.

މިގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ތަރައްގީ ކުރެވެމުންދާ އެއަރޕޯޓުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާވަމުންދާ ފަތުރުވެރިކަމުގެ ސިނާއަތައް ކޭޓަރ ކުރުމަށްޓަކާ، މިއެއަރޕޯޓުތައް މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި މުސްތަގުބަލުގައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާ ވިޔަފާރިވެރިން، ރާއްޖެއިން ބޭރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގައި މި އެއަރޕޯޓުތައް މުހިންމު ދައުރެއް އަދާ ކުރާނެކަމަށްވެސް މިއަދު ހިސާބު ޖަހަންޖެހެއެވެ.

އެންނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މިއަދުވެސް ގިނަ އަދަދެއްގެ އެއަރޕޯޓުތަކެއް އެޅެމުންދާއިރު، އިގްތިސާދީ ތަޖުރިބާކާރުން ފާހަގަކުރާ ބޮޑު މައްސަލައެއް އެބައޮތެވެ. މިއެއަރޕޯޓުތައް އެޅުމުގައި، ބޭނުންކުރުމަށް ހެދޭ ރަންވޭތަކުގެ ކުޑަކަމެވެ.

ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި މިހާރު އަޅަމުންދަނީ، 1200 މީޓަރަށްވުރެ ކުދި ރަންވޭތަކެވެ. އެހެންނަމަވެސް، އެއަރޕޯޓުތަކަށް ޖައްސާ ޖެޓްތައް ޖެއްސުމަށްޓަކާ އެންމެ ކުޑަވެގެންވެސް 1200 މީޓަރުގެ ރަންވޭއެއް ބޭނުންވާއިރު، ދެމެހެއްޓިނިވި ތަރައްގީގެ ނަޒަރަކުން ވިސްނާނަމަ، އެންމެ ކުޑަވެގެން، ރާއްޖެއަށް ދަތުރުކުރާ ޖެޓްތަކަށް ސީދާ އެއަރޕޯޓަށް ލޭންޑް ކުރެވޭވަރުގެ ރަންވޭތަކެއް ތަރައްގީ ނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަކަމަށް އިގްތިސާދީ ބޭބޭފުޅުންވެސް ގަބޫލުފުޅެއް ނުކުރައްވައެވެ. ކުރަންޖެހޭ ޚަރަދުގެ ގޮތުން މާބޮޑު ތަފާތުތަކެއް ފެންނާން ނެތްއިރު، ދެމެހެއްޓެނިވި ތަރައްގީގެ މިފަދަ ވިސްނުންތައް ސިޔާސަތު ރާވާ ފަރާތްތަކުގެ ވިސްނުމުން ވިސްނައި ނުގަނެވެނީ، ރައްޔިތުންނަށް ހިންދެމި ލެވޭވަރުގެ، ހަގީގީ ތަރައްގީއެއް ގެނައުމަށް ބޭނުން ނުވާތީކަމުގައި ނޫނީ ނުވާނެއެވެ.

ރ. އިފުރުގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓު

ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ނާރެހަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީ ކުރެވެމުންދާ ޑޮމެސްޓިކް އެއަރޕޯޓުތައް ކަމަށްވެފައި، އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ "ހައި-އެންޑް" ސިނާއަތަކަށްވާއިރު، ފަތުރުވެރިންނަށް އަމިއްލަ ޖެޓްތަކުގައި ޑޮމެސްޓިކް އެއްރޕޯޓުތަކަށް ދަތުރުކުރެވޭނޭ ވިސްނުމެއްގެ ތެރެއިން މިއެއަރޕޯޓުތައް ތަރައްގީ ކުރެވިގެން ނުދާނަމަ، މިދަނީ، އިންވެސްޓަމްންޓްގެ ބޮޑުބައި ބޭކާރުބެވެގެން ނޫންކަމުގައި ނޫނީ ނުވާނެއެވެ.

ސަބަބަކީ، ޑޮމެސްޓިކް ގިނަ އެއަރޕޯޓުތަކެއް ބިނާކުރެވިގެން ދިޔަކަމުގައިވި ނަމަވެސް، އިތުރުވެގެންދާ މުވައްޒަފުންނާއި، ހިންގުމުގެ ޚަރަދު އިންތިހާއަށް މަތިވެގެންދާއިރު، އިގްތިސާދީ ގޮތުން ދެކޮޅު ޖެއްސޭވަރުގެ ނަފާވެރިކަމެއް ހަމައެކަނި އާންމު ދަތުރުފަތުރުން ނެރެވިގެން ނުދާނެތީއެވެ. ނަތީޖާއަކަށް ވެގެންދާނީ، އަޅާ އެއަރޕޯޓުތަކުގެ ބޭނުން ކުރެވޭ މިންވަރު ދައްވެ، އެއަރޕޯޓުތަކުން ރައްޔިތުންނަށްވެސް ލިބެންޖެހޭ މަންފާއާއި ފައިދާ އެންމެ އެދެވޭ ގޮތުގައި ލިބިގެން ނުދިއުމެވެ.

މަގުހެދުން

ރާއްޖޭގައި މިހާތަނަށް ކުރިޔަށް ގެންދެވިފައިވާ ތަރައްގީގެ މަޝްރޫޢުތައް ކުރިޔަށް ގެންދެވިފައިވަނީ، އެއްވެސް ވަރަކަށް ދުރަށް ޕްލޭން ކުރެވިގެން ނޫންކަން އެންމެ ރަގަޅަށް ސާފުކޮށް ފެންނާން އޮތް އެއް ސަރަހައްދަކީ އައްޑޫ އަތޮޅެވެ.

އައްޑު އަތޮޅު ފޭދޫއިން، މަރަދޫ ފޭދޫ، ފޭދޫ އަދި މަރަދޫ ގުޅުވާލަދޭ ބޮޑު މަގަކީ ރައީސް ޔާމިންގެ ވެރިކަމުގައި، ސްރީލަންކާ ސަރުކާރުގެ އެހީގައިނަމަވެސް، ބޮޑު ހޭދައެއް ކޮށްގެން ޒަމާނީ ފެންވަރަށް ހަދާފައިވާ، ރީތި މަގުތަކުގެ ތެރޭގައި ހިމެނޭ މަގެކެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި، ތާރައަޅައިގެން ހަދާފައި ހުރި މަގުތަކާ އަޅާބަލައިރު، ފެންވަރުވެސް ރަގަޅު، އަދި ސަލާމަތީގޮތުންވެސް، ގިނަކަންކަން ފުރިހަމަކޮށް ހަދާފައިވާ މަގެކެވެ.

ސްރީލަންކާ ސަރުކަރުގެ އެހީގައި ތަރައްގީ ކޮށްފައިވާ އައްޑޫ ފޭދޫ ބޮޑު މަގު

އެހެންނަމަވެސް، ރީތި، އަދި ދުއްވާލަންވެސް ފަސޭހަ މިމަގުގައި ހިތްފަސޭހަކަމާއެކު ދުއްވާލެވޭވަރުވީ ތިން ހަތަރު އަހަރެއް ވަންދެވެ. މަގު ހަދާފައިވަނީ، ނަރުދަމާ އެޅުމުގެ ކުރިންނެވެ. ނަތީޖާއަކަށްވީ، އެތައް މިލިއަން ރުފިޔާއެއް ޚަރަދު ކޮށްގެން، ކުރިޔަށް ގެންގޮސް ނިންމި މިޕްރޮޖެކްޓުގެދަށުން ހެދި ހުރިހާ މަގެއްގެ ތާރަތައް ތަޅާލައި، މުޅި މަގު އަލުން ކޮންނަންޖެހުމެވެ. އަދި ތާރަތައް ނަގާލައި 4 ވަރަކަށް ކިލޯމީޓަރުގެ ދިގު މަގު އަލުން ކޮންނަންޖެހުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ތާރަ އެޅުމު ކުރިން، ރައްޔިތުންނަށް އުފުލަންޖެހުނު ތަކުލީފުތަކަށްވުރެ ބޮޑެތި ތަކުލީފުތަކެއް، ތާރަތައް އެފުށްމިފުށަށް ޖަހައިގެން ނަރުދަމާ އަޅަން ޖެހުމުން ރައްޔިތުންނަށް އުފުލަން ޖެހުމެވެ.

މަސައްކަތް ކުރި މީހުންގެ ބުރަ މަސައްކަތާއި، ވަގުތާއި، އަދި މަގު ހެދުމަށް ކުރެވުނު އެތައް މިލިއަން ރުފިޔާއެއް، ބޭކާރު ވެގެން ދިޔައީ އެވެ. އެހެންނަަމަވެސް، ފަހަރެއްގައި، މި ބިޔަ ޕްރޮޖެކްޓުން ކުރެވުނު ހޭދަތަކުން، ބައެއްގެ ޖީބަށް ބޮޑެތި މަންފާތަކެއް ކޮށްފައި ހުރެދާނެއެވެ. އެހެންނަަމަވެސް އާޚިރު ނަތީޖާއަކީ، ކެހި ލިބުނީ ރައްޔިތުންނަށެވެ. ގައުމަށް ގެއްލުމާ ހަލާކެވެ.

ފުލެޓުގެ ބޯހިޔާވަހިކަން

ކޮންމެ ސަރުކާރަކުންވެސް، ބޯހިޔާވަހިކަމަށް އޮތް ހައްލަކީ، ފްލެޓްގެ ދިރިއުޅުމެއްކަމުގައި ދައްކާ، އެއީ ގައުމަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު ކާރިސާއަށް އޮތް ހައްލުކަމުގައި އިއްޔެވެސް، މިއަދުވެސް ސަރުކާރުތަކުން މިދަނީ ދައްކަމުންނެވެ.

ބޯހިޔާވަހިކަމަކީ، އެއްވެސް ދެމަފިރިއަކު، ތިމާމެންގެ އަމިއްލަ ހިންހަމަ ޖެހުމަށް އެކަނި ހޯދާ ވަސީތަކަކަށް ވެގެން ނުދާއިރު، އެއީ ތިމާގެ ދަރިންގެ މުސްތަގުބަލަށްޓަކާ ކުރާ އިންވެސްޓްމަންޓެކެވެ. އެނޫން އެއްވެސް މަގުސަދެއްގައި ބޯހިޔާވަހިކަމެއްގެ ބޭނުމަކު އެއްވެސް ދެމަފިރައަކު، އެކަމަށްޓަކާ އެތަކެއް ގުރުބާނީތަކެއް ނުވާނެއެވެ.

މިހެން މިކަން އޮތްއިރު، 20 އަހަރުން ކުލި ދައްކާ ނިންމާލެވޭ ގޮތަށް ޑިޒައިންކޮށް، އަދި ތަނުގެ ހާލަތާ މެދު އެއްވެސް ޔަގީންކަމެއް ނެތް ކޮންކްރީޓް އޮނިގަޑެއްގެ ތެރެއަށް ވަދެ، އާދައިގެ އާއިލާތަކުން މި ފްލެޓްތަކަށް ކުލި ދައްކަމުން، ހުރިހާ ޚަރަދުތައް ދެކޮޅު ޖެއްސުމުގައި ވާންޖެހޭނެ ގުރުބާނީތަކުގެމަތިން ވިސްނާލަމާތޯއެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތައްސަރުކާރުން އަޅާދޭ ފުލެޓަށްވަދެ، ލިބޭ ކުޑަ މުސާރައިން، 20 އަހަރުން ފްލެޓް ލޯނު ދައްކާ ޚަލާސްކޮށް ނިމޭއިރު، ފްލެޓް ބޮލަށް ވެއްޓޭ ހާލަތުގައި ހުރެއްޖެ ނަމަ، މައިން ބަފައިން މުސްކުޅި ވާދުވަހު، އަނެއްކާވެސް ދަރިން މަގުމަތި ވީއެވެ. ހަގީގަތުގައި ފްލެޓް ދިރިއުޅުމުން ހޯދޭ މުސަތަގުބަލަކީ މިއީ ކަމުގައި ވުމަކީ ރާއްޖެ ފަދަ ގައުމުއްގައި ދުރުކަމެއް ނޫނެވެ.

އެހެންނަމަވެސް، ގިނަ ރައްޔިތުން މިއަދު އުޅެންޖެހިފައިވާ ދަތި ހާލުގެ ސަބަބުން، “ފްލެޓް ލައިފް” އަކީ އުއްމީދެއްގެ ގޮތުގައި ގިނަބަޔަކަށް މިއަދު ފެނިގެންދިޔަ ނަމަވެސް، މިރާއްޖޭގައި “ފްލެޓް ލައިފް” ބޮޑު ގިލަންވެރިކަމަކަށް ވެގެން ދިއުން ގާތެވެ. ސަބަބަކީ، ސޯޝަލް ހައުސިންގެ ނަމުގައި މިހާރު އަޅާފައިވާ ފްލެޓްތަކުގެ ކުޑަކަމާއި، އަދި މިހާތަނަށްވެސް، މިފަދަ މަޝްރޫޢުތަކުން އަޅާދީފައިވާ ފްލެޓްތަކުގެ ފެންވަރު ދަށްކަމާ، މިހުރިހާ ޖަތުރިބާއަކަށް ބަލާއިރު، ފްލެޓްގެ ދިރިއުމުން ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދިދާނެކަމަަށް މިއަދު ގަބޫލުކުރަން ދައްޗެވެ.

މީގެ ބަދަލުގައި ހަގީގީ، ދާއިމީ ބޯހިޔާވަހިކަމެއް މިރާއްޖެއަށް މިއަދު އެބަ ބޭނުން ވެއެވެ.

ރާއްޖޭގައި ބިން އޮތް ރަށަރަށުން ގޯތި ދޫކުރުން، ނުވަތަ ބޮޑެތި ފަޅުތައް ހިއްކައިގެން އެއްފަސްކޮށްގެން ނަމަވެސް، އާންމު ރައްޔިތުންނަށް ގޯތި ދޫކުރުމުގެ ވިސްނުން ސަރުކާރުތަކުން ގެންގުޅެން އެބަޖެހެއެވެ. ރާއްޖެއަކީ %99 ކަނޑު އޮތް ގައުމެއް ކަމުގައިވި ނަމަވެސް، ބިން ހިއްކައިގެން، ބޮޑެތި ސަހަރުތައް ބިނާކޮށް، އެއަރޕޯޓުތަކާއި، ސްކޫލްތަކާއި، ބޮޑެތި ޝޮޕިންގ މޯލްތަކާއި ހޮސްޕިޓާތައް އެތަންތަނުގައި ތަރައްގީކޮށް، މީހުން އާބާދު ކުރެވޭނެ ވަރަށް ވަސީލަތްތައް ރާއްޖޭގައި ގާއިމް ކުރެވެން އެބަހުއްޓެވެ.

އެހެންކަމުން، އެއްފަސް ކުރުމުގެ ގައުމީ ޕްލޭނެއް ރާއްޖޭގައި އެކުލަވާލެވެން އެބަ ޖެހެއެވެ. ގޯތި ދޫކުރުމަށްފަހު، ބޭންކުތަކުން ލުއި ލޯނުތައް އާންމު ރައްޔިތުންނަށް ލިބިދެވޭނެ މަގުތައް ފަހިކޮށްދެވިގެން މެނުވީ ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ލިބިގެން ހިގައިދާނެ ކަމަކަށް ނުބެލެވެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށްވެސް ތަރައްގީ އައިސްފައިވަނީ ހަމަ މި ބީދައިންނެވެ.

މިއަދު މިވަނީ، “ފްލެޓް ލައިފް”އަށް ވުރެ ދުރަށް ސަރުކާރުތަކުން ވިސްނަން ޖެހިފައެވެ. ދެމެހެއްޓޭނިވި ތައްރައްގީއެއް ގެނެވޭނީ، ނުހަނު ދުރަށް ވިސްނައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *