އިންތިޚާބު ބޭއްވުމަށް އިތުރަށް ބޭނުންވާ ބަޖެޓް 29 މިލިޔަނަށް ކުޑަކޮށްފި

އިންތިޚާބު ބޭއްވުމަށް އިތުރަށް ބޭނުންވާ ބަޖެޓް 29 މިލިޔަނަށް ކުޑަކޮށްފި

Author
މުޙައްމަދު ޝަޒައިމް
04 މާރޗް 2021 01:47
0

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް އިތުރަށް ބޭނުންވި 42 މިލިޔަން ރުފިޔާއިން 29 މިލިޔަން ރުފިޔާއަށް ބަޖެޓް ކުޑަކޮށްފިއެވެ.

ބަޖެޓަށް ގެނައި ބަދަލު ތަކާއި ގުޅޭގޮތުން ކޮމިޝަނުން ވިދާޅުވީ ކޮމިޓީން އެދުނު ކަންތައްތަކުގެ ތެރެއިން އޮފިޝަލުން ނެގުމަށް ހިނގާ ޚަރަދުތަކުގެ ތެރެއިން 13 މިލިޔަން ރުފިޔާ އުނިކޮށް 29 މިލިޔަން ރުފިޔާގެ ބަޖެޓެއް އިއްޔެ ކޮމިޓީއަށް ހުށަހަޅާފައިވާކަމަށެވެ. މި ބަދަލު ގެނައީ އެޗްޕީއޭއާއިއެކުވެސް އިތުރު މަޝްވަރާތަކެއްކޮށް، އިންތިޚާބު ބޭއްވުމަށް އިތުރު ލުއިތަކެއް ލިބޭނެކަމުގެ އުންމީދުވެސް އޮތުމުންކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކައުންސިލް އިންތިޚާބު ބޭއްވުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް އިލެކްޝަން ކޮމިޝަނުން ވަނީ 42 މިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަޙަޅާފައެވެ. ނަމަވެސް ކޮމިޓީން އިލެކްޝަންއާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ބައެއް ކަންކަން އުނިކޮށް، ބަޖެޓް ކުޑަކޮށް ދިނުމަށް އެދުމުން މިހާރު ވަނީ ބަޖެޓަށް ބަދަލު ގެނެސްދައެވެ.

އިންތިޚާބު ބޭއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅައި ޢާންމުކޮށްފައިވާ ގައިޑްލައިނުގައިހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ކަންބޮޑުވުންތަކުގެ ތެރޭގައި ހަމަހަމަކަމާއެކު ކެންޕެއިން ކުރުމުގެ ފުރުސަތު އެގައިޑުލައިނުގެ ތެރެއިން ނުލިބުމާއި، ކޯވިޑަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓްލެވޭނެ އިންތިޒާމު ހަމަޖައްސަން އިލެކްޝަނަށް ޖެހުމާއި، ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ކައިރި ރަށްތަކަށް ވޯޓުލާން ދެވޭނޭ ގޮތް ނެތުން ހިމެނެއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވޯޓުލާ މަރުކަޒުގައި ކެންޑިޑޭޓުންގެ މަންދުބުންނަށާއި، މޮނިޓަރުންނަށާއި، އޮބްޒާވަރުންނަށް ތިބުމުގެ ފުސަތު ނުލިބުމުގެ ކަންބޮޑުބުންވެސް ވަނީ ހުށަހަޅާފައެވެ. އިންތިޚާބު ބޭއްވުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންގެ ދަށުން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ވޯޓްފޮށިތައް ބަހައްޓަން ޖެހުމާއި، އޮފިޝަލުން ނަގަން ޖެހުމަކީ އިތުރަށް ބަޖެޓްބޭނުންވާ ކަންތައްތަކެއްގެ ގޮތުގައި އިލެކްޝަނުން ފާހަގަކޮށްފައިވެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުންކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.