ގްރީސްއަށް އައިސްފައިވަނީ، ރެކްޓަރ މިންގަދުން 6.2ގެ ބާރުމިނުގައި އައި ބިންހެލުމެއް

ގްރީސްއަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ

ގްރީސްއަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ

ބާރު މިނުން 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް ގްރީސްއަށް އަތުވެއްޖެ ކަމުގައި، ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރ އިން ރިޕޯޓު ކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ، މެންދަމު ގަޑިން 12:16 ހާއިރު، ބިމު އަޑިން 10 ކިލޯމީޓަރު ފުނުންނެނެވެ. މި ބިންހެލުން އައިސްފައިވަނީ، ގްރީސްގެ ދެ ސިޓީއެއް ކަމުގައިވާ ލަރިސާއާއި ޓަޔަރނަވޯސްއާއި ދެމެދަށް ކަމުގައިވި ނަމަވެސް، ބިންހެލުމުގެ އަސަރު ގްރީސްގެ ވެރިރަށް އެތެންސްއާއި ހަމައަށް ކޮށްފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ޔޫރަޕިއަން މެޑިޓެރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރއިން މި ބިންހެލުމުގެ ބާރުމިން މިންގަޑުން 6.2 ބާރު މިނުގައި ގިންތި ކޮށްފައިވި ނަމަވެސް، އެމެރިކާގެ ގިއޮލޮޖިކަލް ސާވޭ (USGS) އިން ރެކޯޑް ކޮށްފައިވަނީ، މިއީ މިންގަޑުން 6.3 ބާރުމިނުގައި އައި ބިންހެލުމެއް ކަމުގައެވެ. އަދި ޖަރުމަނުގެ ޖިއޯ ސައިންސެސްއިން މި ބިންހެލުމުގެ ބާރުމިން ރެކޯޑް ކޮށްފައިވަނީ 6.0 މެގްނިޓިއުޑްގައެވެ.

އެމެރިކާގެ ގިއޮލޮޖިކަލް ސާވޭ (USGS)އިން ބުނެފައިވާ ގޮތުގައި، މި ބިންހެލުމުގެ ސަބަބުން އަސަރު ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ބަލްގޭރިއާ، ބޮސްނިއާ އެންޑް ހެޒްގޮވީނާ، ކްރޮއޭޝިއާ، ތުރުކީ، އިޓަލީ، ކޮސޯވޯ، މޮންޓޮނެގްރޯގެ އިތުރުން ނޯތް މެސެޑޯނިއާއާއި އަލްބޭނިއާ ހިމެނެއެވެ.

ބިންހެލުމުގެ އެޕިސެންޓަރއާއި 153 ކިލޯ މީޓަރު ދުރުގައި އޮންނަ އަލްބޭނިއާ ބިންހެލުން ތަޖުރިބާ ކުރި މީހުން ބުނެފައިވަނީ، ބިންހެލުމުގެ އަސަރު އެހާހިސާބަށް ކޮށްފައިވަނީ ކުޑަކޮށް ނަމަވެސް، ސިކުންތުތަކެއް ވަންދެން ބިންގަޑުގެ ހެލުން ދެމިހުރި ކަމަށެވެ.

ބިންހެލުމަށްފަހު ވެސް، އިތުރު އެތަކެއް އާފްޓަރ ޝޮކްތަކެއް ބިންހެލުން އައި ސަރަހައްދަށް އައިސްފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

ރެކްޓަރ މިންގަޑުން 6ގެ ބާރުމިނުގައި އަންނަ ބިންހެލުންތަކަކީ، "ބާރު ގަދަ" ބިންހެލުންތަކުގެ ގޮތުގައި ގިންތި ކުރެވިފައިވާ ބިންހެލުންތަކެވެ. މިއަށްވުރެ މައްޗަށް އޮންނީ އިތުރު 2 މިންގަޑެކެވެ. އެއީ "މޭޖަރ" ގިންތި އާއި އެއާއި ޖެހިގެން އިންނަ "ގްރޭޓް" ގިންތިއެވެ. މި ގިންތީގެ ބިންހެލުންތަކުގެ ސަބަބުން، ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިގެން ދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *