މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރެވޭނީ ކޮވިޑް-19 އިން ރައްކާތެރިކުރުމަށް ވެކްސިން ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސައުދީ އަރަބިއްޔާއިން ކަނޑައަޅައިފި އެވެ.
ސައުދީގެ ހެލްތު މިނިސްޓްރީން ބުނީ މިއަހަރު ޙައްޖުގެ އަޅުކަމަށް ތައްޔާރުވާނަމަ އެންމެ ފުރަތަމަ ކުރަން ވީ ކަމަކީ ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުން ކަމަށެވެ. އަދި ވެކްސިން ނުޖަހާ މައްކާ އާއި މަދީނާއަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭނެ ކަމަށްވެސް އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
މިއަހަރުގެ ޙައްޖަކީ ކޯވިޑްގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ކުރިމަތިވީ ފަހުން އަންނަ 2 ވަނަ ޙައްޖެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އިން ފުރުސަތު ދިނީ ހަމައެކަނި އެގައުމުގައި ދިރިއުޅޭ މީހުންނަށެވެ.
ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންނަމަ ކޯވިޑުން ރައްކާތެރިވުމުގެ ވެކްސިން ޖެހުމަށް ސައުދީގެ ހެލްތު މިނިސްޓްރިން އެންގި ނަމަވެސް، އެގައުމުން ބޭރުގެ މީހުނަށް ޙައްޖުވުމުގެ ފުރުސަތު ދިނުމާމެދު ސައުދީން އަދި މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މުސްލިމުން ޙައްޖު ދުވަހުގެ ގޮތުގައި ބަލަނީ ޙައްޖުގެ އެންމެ މަތިވެރި އަޅުކަން އަދާކުރުމަށް ހުރިހާ ހައްޖުވެރިން އަރަފާތު ބިމަށް ޖަމާވާ ދުވަހެވެ. އެއީ ކޮންމެ އަހަރަކުވެސް ޒުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހެވެ. ހިޖުރީ ކަލަންޑަރުން ޒުލްޙިއްޖާމަހުގެ 9 އެއް މިއަހަރު ދިމާވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހާއެވެ.
އާންމު ހާލަތުގައި ޙައްޖުގެ އަޅުކަމަށް ކޮންމެ އަހަރަކުވެސް 2.5 މިލިއަނަށްވުރެ ގިނަ މީހުން މައްކާ އާއި މަދީނާއަށް ޒިޔާރަތްކުރެއެވެ. ނަމަވެސް މިދިޔަ އަހަރު ސައުދީގެ ކަމާބެހޭ އިދާރާތަކުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތުދީފައި ވަނީ އެ ގައުމުގައި ތިބި 160 ގައުމެއްގެ ރައްޔިތުން ހިމެނޭހެން 1000 މީހުންނެވެ.
ކުރީއަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޙައްޖުގެ އަޅުކަން ކުރިއަށްގެންދާއިރު ހަރަމްފުޅު ސެނެޓައިޒް ކުރުމާއި ސްޓެރެލައިޒް ކުރުމަށް ހާއްސަ އިންތިޒާމްތަކެއް ސައުދީގެ ކަމާބެހޭ އިދާރާތަކުން ހަމަޖައްސާނެއެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގެ ތެރެއިން ސައުދީން ގެންގުޅުނު ރައްކާތެރިކަމުގެ އިންތިޒާމްތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ވަނީ ތަޢުރީފް ކޮށްފައެވެ.