މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯތް ދެއްވީ 1 މެންބަރެކެވެ.
މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްއެވެ.
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި، މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދެންނެވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ވަނީ ނިންމާފައެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އެޕާޓީން ވެއްދޭނީ، ޕާޓީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށައަޅައި ފާސްކޮށްގެންނެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ވާހަކަފުލު ދެއްކެވި އެމްޑީޕީގެ މެންބަރުން ތަކުރާރުކޮށް ވިދާލުވަމުން ގެންދެވީ މިނިސްޓަރ މަލީހަށް އިތުބާރު ނެތްކަމަށެވެ. ޓެލެކޮމިއުނިކޭޝަން ޤާނޫނުގެ ދަށުން އެ މިނިސްޓްރީން ހަދަންޖެހޭ ޤަވާއިދިތަކެއް ހަދާއިފައި ނުވުމަކީ ދިވެހި ދަޢުލަތަށާއި ރައްޔިތުންނަށް ގެއްލުންވާނެކަމެއްކަމަށެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމުގައި އެ ވަޒީރު ވަކިކުރާ ސަބަބާމެދު ބަހުސްކުރަން ނުޖެހޭނެކަމަށާއި، މަޖިލިހުގެ މެންބަރުންގެ އިތުބާރު ގެއްލުމުން އެ ވަޒީރަކު މަޤާމުން ވަކިކުރުމަކީ މަޖިލިހަށް ލިބިފައިވާ ބާރެއް ކަމަށެވެ.
"މިނަތީޖާ ނުނެރޭކަމށްވަންޔާ އެ މަޤާމަކުން ދުރުކުރުމަކީ މިއަދު މި ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ކުރަންޖެހޭނެކަމެއް. މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިން އެންޑް ޓެކްނޮލޮޖިއާދޭތެރޭ އަޅުގަނޑުމެން އެމްޑީޕީގެ 65 މެންބަރުންގެ އިތުބާރެއް ނެތް. އަޅުގަނޑުމެންގެ ހިތްހަމަ ނުޖެހުން އެބަހުރި. އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވާކަންކަން ހަމަ ގައިމުވެސް އެ މިނިސްޓްރިއަކަށް ފޯރުކޮށް ނުދެވުނު." އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ އާޒިމް ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅިގެން ސަރުޚާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ވިދާޅުވީ، މިނިސްޓަރ މަލީހަކީ އިހްލާސްތެރި ތެދުވެރި ޤާބިލް ބޭފުޅެއްކަމަށާއި، ވަޒީރުކަމުގައި ޖުމްހޫރީ ޕާޓިގެ ސްލޮޓެއްގައި ހުންނެވިއިރު، މިހާތަނަށް މިހާތަނަށް އެމަނިކުފާނުގެ ވަޒީރުކަމުގެ ވާޖިބު އަދާނުކުރާކަމަށް އެޕާޓީއަށް ސަރުކާރުން ހުށައަޅާފައިނުވާކަމަށެވެ. އަދި ޖުމްހޫރީ ޕާޓިގެ ފުރިހަމަ އިތުބާރު މަލީހަށް އެބައޮތްކަމަށްވެސް ރިޔާޟް ވިދާޅުވިއެވެ.
"މިކުރަމުންދާ މަސައްކަތަކީ އެމްޑީޕީ އިސްވެ އޮވެ ކުރައްވާ ސިޔާސީ މަސައްކަތެއް. މަލީހު މަސައްކަތެއް ނުކޮށްގެންނެއް ނޫނޭ ވަކިކުރަނީ. ޖޭޕ އަދި އަޅުގަނޑުގެ އިތުބާރު އެބައޮތޭ. ވަރަށް އިޚްލާސްތެރި އަދި ސަރުކާރު ގެނައުމަށް ގިނަ މަސައްކަތައް ކުރެއްވި ބޭފުޅެކޭ. މިއީ ސަރުކާރުގެ ތެރެއިން ހުށައެޅިގެން ކުރިއަށްދާކަމެއް ނޫން މިއީ."
މިމައްސަލައަށް ވާހަކަފުޅު ދައްކަވަމުން އިދިކޮޅު މެންބަރުން ވިދާޅުވީ، ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމުން އެކަމުގެ ޒިންމާ ހަމައެކަނި ނަގަންޖެހޭނީ ވަޒީރުން ނޫންކަމަށާއި، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރުންކަމަށެވެ.
"މިއަދު އިތުބާރު އޮތީ ކޮން ވުޒާރާއަކަށްތޯ އަޅުގަނޑުމެން ސުވާލު އުފައްދަންޖެހޭ. ރައްޔިތުން ވެރިކަމަށް އިސްކުރީ އެޗްޕީއޭގެ ޑައިރެކްޓަރެއް ނޫން. ދިވެހި ރައްޔިތުން ވެރިކަމަށް އިސްކުރީ އިބްރާހިމް މުހައްމަދު ޞާލިޙް." މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު
މި މައްސަލައަށް ޖަވާބުދާރީވަމުން މިނިސްޓަރ މަލީހު ވިދާޅުވީ، މަޤާމުން ވަކިކުރުމަށް ހުށައެޅި މައްސަލައަކީ ދޮގު އިލްޒާމްތަކެއް އަޅުވައިގެން ހުށައަލާފައިވާ މައްސަލައެއްކަމަށެވެ. އެ މައްސަލާގައި ބަޔާންކުރާ ޤަވާއިދުތައް މިސަރުކާރުގެ ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ހަދާ ނިންމާފައިވާކަމަށް މަލީހު ވިދާޅުވިއެވެ.
"54 މުވައްޒަފުން ތިބޭ ތަނަކު ތިއްބެވީ 18 މުވައްޒަފުން. އެކަމުގެ ޒިންމާ ނަގަން ޖެހޭނީވެސް އަޅުގަނޑުތޯ؟.މުވައްޒަފުން ނުދިންނަމަވެސް، ބައު ގުދަންގަނޑެއް ދިންނަމަވެސް، ވުޒާރާއެއް ހިންގުމަށް 15 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނަސް އެއްވެސް ކަމެއް ނުކޮށް ނޯންނާނެ." މުޙައްމަދު މަލީހު ޖަމާލް ވިދާޅުވިއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރުނެތްކަމުގެ ވޯޓު މަޖިލީހުގައި ނަގައި މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވާ ފާސްކުރެއްވިއިރު، މަލީހު މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި މަޖިލީހާއި މަޖިލީހުގެ މެމްބަރުންނަށް ފާޑު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ނުރުހުން ވަރަށް ބޮޑަށް މަލީހަށް އަމާޒުވެގެން ދިޔައެވެ.
މަލީހު ވަޒީރުކަމުގެ މަޤާމުން ދުރުކުރެއްވިއިރު، މިއީ މި ސަރުކާރުގެ ވަޒީރަކު ވަޒީރުކަމުން ވަކިކުރުމަށް ފާސްކުރި ފުރަޔަމަ ފަހަރެވެ. ނަމަވެސް ބައެއް ތިން ވަޒީރަކު މަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އެއީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންނާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާއާއި، ޖެންޑަރ މިނިސްޓްރަ ޝިދާތާ ޝަރީފްއެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރެއްވި ރައީސުލްޖުމްހޫރިއްޔާއެވެ.
ކޮމެންޓު ފޮނުވާ