މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރު ހިމޭނުން!

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރު ހިމޭނުން!

Author
މުޙައްމަދު ޖިމީ
01 މާރޗް 2021 01:20
0

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ މަޖިލިސް މެެންބަރުން ބޮޑެތި ތުހުމަތުތަކެއް ކުރައްވާއިރު ސަރުކާރުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މަޖިލީހުގެ 14 މެންބަރަކު ސޮއިކުރައްވާ ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި މުޅިންވެސް ވާހަކަފުޅު ދެއްކެވީ އެމްޑީޕީއާއި، ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުންނެވެ. އެމްޑީޕީގެ މެންބަރުން ވަނީ މަލީހުއަށް އިތުބާރު ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވީ، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމުގައި އެ ވަޒީރު ވަކިކުރާ ސަބަބާމެދު ބަހުސްކުރަން ނުޖެހޭނެކަމަށާއި، މަޖިލިހުގެ މެންބަރުންގެ އިތުބާރު ގެއްލުމުން އެ ވަޒީރަކު މަޤާމުން ވަކިކުރުމަކީ މަޖިލިހަށް ލިބިފައިވާ ބާރެއް ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެންބަރުން ވިދާޅުވަމުން ގެންދެވީ މިސަރުކާރުގެ ފަހަރަކު ވަޒީރެއް މިސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންމަޖިލީހަށް ހުށައަޅުއްވައިގެން ބޭރުކުރުމަކީ ސަރުކާރު ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެއްކަމަށެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ފޮނުވި ސިޓީއެއް ލިބިވަޑައިގެންފައިވާކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއެވެ.

މިއީ މިސަރުކާރުގެ ވަޒީރުކަމުން ދުރަށް ވަޑައިގަންނަވާ ފަސްވަނަ ވަޒީރެވެ. ދެ އަހަރު ތެރޭގައި ފަސް ވަޒީރުން ވަޒީރުކަމުން ދުރަށް ވަޑައިގަންނަވާއިރު، ތިން ވަޒީރަކު ވަނީމަޤާމުން އިސްތިއުފާދެއްވާފައިވެއެވެ. އެއީ ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީންނާއި، ހައުސިންގ މިނިސްޓަރ އާމިނަތު އާތިފާއާއި، ޖެންޑަރ މިނިސްޓްރަ ޝިދާތާ ޝަރީފްއެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުން ޢަލީ ވަޙީދު ވަކި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ސަރުކާރުގައި ހިމެނޭ ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުން ވޯޓު ނަގައި ވަޒީރުން ބޭރު ކުރަމުންދަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައްވެ، ސަރުކާރު ފެއިލް ވުމުން ކަމުގައި އިދިކޮޅުން ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.